މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ކުރެއްވި ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ އަކުރަމް މިއަދު "ވަން"އަށް ވިދާޅުވީ ދޮންބިލެތުގެ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި ދައުވާކުރައްވާނެ ކަމަށެވެ.
ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން ދޮންބިލެތް ދެއްކެވި ވާހަކައިގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި އަކުރަމާ ވަނީ ގުޅުވައިފައެވެ.
ދޮންބިލެތް ވިދާޅުވީ އަކުރަމް ކަމާލުއްދީނަކީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތުހުމަތުކުރެވި، ސަސްޕެންޝަނެއްގައި ވެސް ހުންނެވި ބޭފުޅެއް ކަމަށެވެ.
މާލޭ ސިޓީއަށް އޭނާ ހޮވައިފި ނަމަ، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން އެމްޑީީޕީން ކުރާ މަސައްކަތަށް، އެމްޑީޕީގެ ގައުމީ މަޖިލިސް ތެރެއިން އަކުރަމް ހުރަސް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ގައުމީ މަޖިލީހަށް އަކުރަމް ނުހޮވުމަށް އެމްޑީޕީގެ މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މާލޭސިޓީގެ ރައީސްކަަމަށް ކުރިމަތިލައްވައިގެން އުޅޭ އަކުރަމް ކަމާލުއްދީނަކީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ތުހުމަތުކުރެވި، ސަސްޕެންޝަނެއްގައި ވެސް ހުންނެވި ބޭފުޅެއް. މިއަދު މާލޭ ސިޓީއަށް އޭނާ ހޮވައިފި ކަމަށްވަންޏާ އެމްޑީޕީގެ ގައުމީ މަޖިލިސް ތެރޭގައި މިކަމަށް އަޅުގަނޑުމެން ވަކާލާތު ކުރަމުންދާއިރުގައި އެއީ ހަމަގައިމުވެސް މިކަމާ އިދިކޮޅަށް ނުކުންނާނެ ފަރާތެއް،" ދޮންބިލެތް ވިދާޅުވިއެވެ.
ދޮންބިލެތް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހޮވަން ވާނީ ފަހަތުފަޔަށް ބުރަނުވެ، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ކެރޭ ބައެއް ކަމަށެވެ. އަދި އެ މައްސަލަ ބެލޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާއި އަމާޒަކީ ގައުމީ މަޖިލީހުން ފާސްކޮށްގެން ހުއްޓާނުލައި ކުރިއަށްގެންދާ އިހުތިޖާޖަކަށް އެމްޑީޕީން މަގުމައްޗަށް ނުކުތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ނިންމައި، އަކުރަމަށް ވާދަކުރުމުގެ ފުރުސަތު ނުދޭން އެ ޕާޓީން ފުރަތަމަ ނިންމި ނަމަވެސް، އެ މައްސަލަ ރިވިއުކޮށްދިނުމަށް އެދިވަޑައިގެންނެވުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ދޭން އެ ޕާޓީން ފަހުން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު