ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތަކުގެ ފުރަތަމަ ފެރީ އެމްޓީސީސީން މިއަދު މޫދަށް ބައިލައިފިއެވެ.
މިކަމަށް ޓަކައި، ތިލަފުށީގެ ގަލްފް ކްރާފްޓް ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި އުޅަނދު މޫދަށް ބެއިލުމުން ކުރެއްވި ޓުވީޓެއްގައި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ޕަބްކިލް ފެރީގެ ނިޒާމަށް އިންގިލާބެއް ގެންނާނެ، ހައިސްޕީޑް ފެރީ ނެޓްވޯކުގެ ފުރަތަމަ އުޅަނދު މިއަދު ބާލާފައިވާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މި ވައުދު ފުއްދުމަށް ޓީމް އެމްޓީސީސީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތަށާއި ނެޝަނަލް ޕްލޭނިން މިނިސްޓްރީން ދެއްވާ ލަފައަށް މިނިސްޓަރު މުހައްމަދު އަސްލަމަށް ޝުކުރު ދަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާއިރު، އަލަށް ބަންނަ މި ފެރީތަކަކީ 50 މީހުންގެ ޖާގައިގެ އުޅަނދު ތަކެކެވެ.
އެމްޓީސީސީން އަންނަނީ ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް 17 ފެރީއެއް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ބަނުމުގެ މަސައްކަތް ކުރަމުންނެވެ.
ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފެރީތަކާއި ރަށްރަށުގައި ހަދަން ޖެހޭ ޓާމިނަލް ތަކާއި ސާވިސް ސެންޓަރުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 2022 ގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ހިސާބެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅައިލުން ކަމަށާއި އެ ނިޒާމު ފުރިހަމަވާއިރު 60 ފެރީ ހަރަކާތްތެރިވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ.
އެ ކަމަށްޓަކައި ހޯރަފުށްޓާއި އިހަވަންދު އާއި ދިއްދޫގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ފަށައި އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ފެށުމަށް ޓީމުތައް މިހާރު އަންނަނީ ހަރަކާތްތެރި ވަމުން ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ