ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއެސްއާރަށް ހަރަދު ކުރާ ބަޖެޓުގެ 25 ޕަސެންޓް ޖަމިއްޔާތަކަށް ކަނޑައަޅަން، ޖަމިއްޔާތަކުގެ ބިލުގައި ހިމަނައި، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.

ދެހާސްތިންވަނަ އަހަރުން ފެށިގެން މިހާރު އަމަލު ކުރަމުން އަންނަ، ޖަމިއްޔާތަކާބެހޭ ގާނޫނު އުވާލުމަށް ޓަކައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަމިއްޔާތަކުގެ ބިލަށް އިސްލާހު ގެނެސް ކޮމިޓީން އެބިލު ފާސްކޮށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮމެޓީން އެ ބިލު ނިންމިއިރު، ޖަމިއްޔާތައް ކުރިއެރުވުމަށް މުހިއްމު ކަންތައްތަކެއް ބިލުގައި ވަނީ ހިމަނައިފައެވެ.

އެ ބިލުގެ 57 ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ އަހަރަކު ސަރުކާރުން ޖަމިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށް ޓަކައި، މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓަށް ވާ ފައިސާ ހިމަނަން ވާނެ ކަމަށެވެ. ކޮންމެ އަހަރަކުވެސް ފާއިތުވެދިޔަ އަހަރު މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނާފައި ވާ އަދަދަށްވުރެ ކުޑަ ނޫން އަދަދެއް، ބަޖެޓުގައި ހިމަނަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ ކުންފުނިތަކުގެ "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީސް، (ސީއެސްއާރު) ގެ ގޮތުގައި ކޮންމެ އަހަރަކު ކަނޑަ އަޅާ އަދަދެއްގެ، 25 ޕަސެންޓަށްވުރެ ކުޑަނޫން އަދަދެއް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ދަށުން ޖަމިއްޔާތަކަށް ފޯރުކޮށްދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ނަމަވެސް އެ ފައިސާ ހިލޭ އެހީގެ ގޮތުގައި ޖަމިއްޔާތަކަށް ދޭން ވާނީ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅައި އާއްމުކުރާ އުސޫލެއްގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެގޮތަށް ކަނޑައެޅި ނަމަވެސް، އަމިއްލަ ކުންފުނިތަކުން ޖަމިއްޔާ ޖަމާއަތްތަކަށް ފައިސާގެ ހިލޭ އެހީ ފޯރުކޮށްދެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

އެފަދަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޓެކްސްގެ ލުއިތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން މަދަނީ ޖަމިއްޔާތަކުން މުޖުމަތައުގެ އާއްމު މަންފާއަށް ކުރާ ކަންތައްތަކަށް ހިތްވަރު ދިނުމަށާއި، ގައުމުގެ ތަރައްގީގައި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރު ވާނެ ގޮތެއް ފަހި ކުރުމަށާއި، ޖަމިއްޔާ ހަދައި ހިންގުމަށް ހިތްވަރު ދިނުމުގެ ގޮތުން، މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާ ތަކަށާއި، އެފަދަ ޖަމްއިއްޔާ ތަކަށް އެހީތެރިވެދޭ ވިޔަފާރިތަކަށް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގައިވާ އުސޫލުތަކުގެ ދަށުން ޓެކުހުން ލުއި ލިބޭނޭ ގޮތްތައް މިނިސްޓްރީ އޮފް ފިނޭންސްގެ މަޝްވަރާގެ މަތިން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އިންތިޒާމު ކުރަން ވާނެ ކަމަށްވެސް ބިލުުގައި ބުނެފައިވެ އެވެ.

ބިލު ދެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށެވެ. ތަޅުމުގައި ބަހުސް ކުރުމަށްފަހު ފާސްކުރަން ފެނޭތޯ ވޯޓަަށް އަހާނެއެވެ.