މާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު އެތަނުން ފިލުމުން ތިން މަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މާލޭ ކަސްޓޯޑިއަލްއިން ފިލުމުގެ ކުށް ސާބިތުވެފައިވަނީ، މ. އަސާރީހާދަން/ ތަސްލީމް މުހައްމަދުގެ މައްޗަށެވެ.

ތަސްލީމުގެ މައްޗަށް ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ، 17 ޑިސެމްބަރު 2019 ވަނަ ދުވަހުގައި ތަސްލީމް މުހައްމަދު މާލޭ ކަސްޓޯޑިއަލްގައި އޭނާ ބަންދުކޮށްފައިވާ ތިން ނަމްބަރު ގޮޅިން ފިލާފައިވާތީ ގާނޫނުއުގޫބާތުގެ ގާނޫނުގެ ދަށުން މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ދައުވާކުރާ ކަމަށެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ތަސްލީމް ބުނީ، ދައުވާއިގެން ކުރިއަށްދާނީ އަމިއްލައަށް ކަމަށާއި ވަކީލަކު ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ޖިނާއީ ކުށެއްގެ ދައުވާ ލިބޭ މީހާއަށް ލިބިދޭ ހައްގުތަކާއި ކުށް ސާބިތުވެއްޖެނަމަ އަންނާނެ ޖަލު ހުކުމް އޭނާއަށް ވަނީ ސާފުކޮށްދީފައެވެ. ދައުލަތުން ބުނީ، ކުށް ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ތަސްލީމް ބުނެފައި ވަނީ، ދައުވާ ސާފުވެއްޖެ ކަމަށާއި އެ ދައުވާއަށް އިއުތިރާފުވާ ކަމަށާއި ޖަލުން ފިލީ ނަފްސުގެ ދިފާއުގައި ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރުމަށް ހުށަހަޅާނެ ހެއްކެތް ނެތް ކަމަށް ބުންޏެވެ. އަދި ކުށަށް އިއުތިރާފު ވަނީ އެެއްވެސް މަޖުބޫރު ކަމެެއް ނުވަތަ ނުފޫޒެއް ނުވަތަ ބިރުދެއްކުމަކާ ނުލައި ބުއްދިސަލާމަތުން ހުރެ އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ބުންޏެވެ.

ތަސްލީމް ދައުވާއަށް އިއުތިރާފުވެފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާއެއްގެ ގޮތުގައެވެ.

އަދަބު ކަނޑައެޅުމުގެ ކުރިން ތަސްލީމަށާއި ދައުލަތަށް އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ޝަރީއަތުން ދިނެވެ. އެ ފުރުސަތުގެ ބޭނުންހިފައި ތަސްލީމް ބުނެފައިވަނީ، އޭނާ ބަންދުކުރީ ކޯޓު އަމުރެއް ނެތި ކަމަށާއި އަދި މިހާރު ބަންދުގައި ހުންނަތާ ހަ މަސް ވެފައިވާ ކަމަށެވެ.

ތަސްލީމުގެ އެ ވާހަކައަށް ރައްދު ދެމުން ދައުލަތުން ބުނީ ބަންދު މަރުކަޒުން ފިލި މައްސަލައިގައި ތަސްލީމް ހައްޔަރުކޮށްފައި ނުވާ ކަމަށާއި ބަންދު މަރުކަޒުން ފިލުމުން ހައްޔަރުކުރުމަށްފަހު ތަސްލީމް ބަންދުކޮށްފައި ވަނީ ކުރިން ހައްޔަރުކުރި މައްސަލައާ ގުޅިގެން ކަމަށެވެ.

އެއަށްފަހު ކުރިއަށް ގެންދިޔައީ އަދަބު މަތިވާ ހާލަތްތަކާއި ދަށްވާ ހާލަތަށް ބެލުމެވެ. އަދަބު މަތިކުރަންޖެހޭ ހާލަތަށް ބެލި އިރު، ތަސްލީމުގެ އަދަބު މަތިކުރަންޖެހޭ ހާލަތެއް ނެތް ކަމަށް ޝަރީއަތުން ނިންމިއެވެ. އެގޮތަށް ނިންމީ އޭނާގެ ކުށުގެ ރެކޯޑަށް ބެލުމަށްފަހުއެވެ. އަދަބުދަށްވާ ހާލަތްތަކަށް ޝަރީއަތުން ބެލި އިރު، ތަސްލީމް ކުށަށް އިއުތިރާފުވެފައިވާތީ އަދަބު ކަނޑައެޅުމުގެ އަސަސީ މިންގަނޑުން އެއް ދަރަޖަ ދަށްކުރަންޖެހޭ ކަމަށް ޝަރީއަތުން ނިންމިއެވެ.

އެހެންކަމުން ޝަރީއަތުން ވަނީ ތަސްލީމުގެ މައްޗަށް ބަންދު މަރުކަޒަކުން ފިލިކަމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ އާދަމެވެ.