މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ކުރިއަށްގެންދާ 8 ބޯލް ޗެމްޕިއަންޝިޕް ފަށައިފިއެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގައި އެ މުބާރާތް ފެށިގެންދިޔައީ ރޭ 7:30 ގައެވެ. އެގޮތުން ރޭ ވަނީ ފިރިހެން ޑިވިޝަންގެ 32 މެޗަކާއި އަންހެން ޑިވިޝަންގެ ހަތަރު މެޗެއް ކުޅެފައެވެ.
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން އެމްބީޕީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދު ވަނީ އިސްމާއިލް ރިޒާއާ ވާދަކޮށް، 7-3 ފްރޭމުން މެޗު ކާމިޔާބުކޮށްފައެވެ. ދެވަނައިގައި އޮތް ހުސައިން ފަޔާޒް ކުޅުނު މެޗުގައި 7-1 ފްރޭމުން ހުސައިން ރިޔާޒް ބަލިކުރި އިރު، ރޭންކިންގެ ތިންވަނައިގައި އޮތް އަހުސަން ހާޝިމް ކުޅުނު މެޗުގައި އޭނާ ވަނީ 7-5 ފްރޭމުން މަސްއޫދު އިބްރާހިމް ބަލިކޮށްފައެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 86 ކުޅުންތެރިޔަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ކޮލިފައިންގައި ވާދަކޮށް، މުބާރާތަށް ކޮލިފައިވެފައިވަނީ 64 ކުޅުންތެރިންނެވެ. އަދި މުބާރާތުގެ އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިޔަކު ވާދަކުރެއެވެ.
އިއްޔެއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ 8 ބޯލް ޗެމްޕިއަންޝިޕަކީ ރޭންކިން މުބާރާތެކެވެ. އެ މުބާރާތުން ކުޅުންތެރިން ހޯދާ ނަތީޖާތަކުން އެމްޕީބީއޭގެ ރޭންކިންއަށް ޕޮއިންޓު ލިބިގެންދާނެއެވެ. އެ މުބާރާތުގެ އިތުރުން ރޭންކިން މުބާރާތްތަކުގެ ގޮތުގައި މިއަހަރު ކުރިއަށް ރޭވިފައިވަނީ 10 ބޯލް ޗެމްޕިއަންޝިޕާއި 9 ބޯލް ޗެމްޕިއަންޝިޕެވެ.
އެމްބީޕީއޭ އިން މުބާރާތްތައް ފަށާފައި މިވަނީ ކޮވިޑާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މުބާރާތްތައް ކެންސަލް ކުރުމަށްފަހުއެވެ. އޭގެ އިތުރުން ކޮވިޑު ކޮންޓްރޯލުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބިލިއާޑް ފެސިލިޓީތައް ބަންދުކޮށްފައެވެ.
ސަރުކާރުން ދިން ލުއިތަކަށްފަހު އެމްޕީބީއޭ އިން މުބާރާތްތައް ފަށާފައިވަނީ މިމަހުގެ ތެރޭގައެވެ. އެގޮތުން 8 ބޯލް ޗެމްޕިއަންޝިޕްގެ ކުރިން 8 ބޯލް އެސޯސިއޭޝަން ކަޕް ކުރިއަށްގެންގޮސްފައިވެއެވެ. އެ މުބާރާތުގެ ފައިނަލުގައި މުހައްމަދު ޝަރީފް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒެވެ.
އެމްޕީބީއޭގެ 8 ބޯލް ޗެމްޕިއަންޝިޕްގައި މިރޭ ވެސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 7:30 އިން ފެށިގެން ފިރިހެން ޑިވިޝަންގެ 32 މެޗަކާއި އަންހެން ޑިވިޝަންގެ ހަތަރު މެޗެއް ކުރިއަށްދާނެއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން