ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން ދަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން އަވަސްކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް، އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، ނިމިިދިޔަ ސަރުކާރުތަކުން ރައްޔިތުންނަށް އަސާސީި ހިދުމަތްތައް ފޯރުކޮށް ދިނުމަށް ވެފައިވާ އިހުމާލުތަކަކީ މިސަރުކާރުން އެކަންކަމާ އަޅާނުލައި ދޫކޮށްލާނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމިދިޔައިރު، ދައުލަތުގައި ފައިސާ ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު، އޭރު ދުނިޔެވެސް އޮތީ ބަންދުވެފައި ނޫން ކަމަށާއި ދުނިޔޭގައި ރަނގަޅު އިގުތިސޯދެއް އޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ތަފާތަކީ އިހުލާސްތެރި ނިޔަތެއް ނެތުމާއި ތަފާތުކުރުން ބޮޑުވުން ކަމަށްވެސް ވިދާޅުވިއެވެ.

ތަފާތު ކުރުމެއްނެތި މި ސަރުކާރުން ރަށްރަށުގައި މަސައްކަތްތައް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި، ފިއްޓޭ ވިދާޅުވީ، ކިތަންމެ މަސައްކަތްތަކެއް ކިތަންމެ ރަށެއްގައި މިސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

"ވައިކަރަދޫވެސް އެބަ ގިރާ، ނަމަވެސް މިއަދު އަޅުގަނޑަށް އުންމީދު ލިބިއްޖެ، އެކަން ހައްލު ކުރުމަށް ބަޔަކާ އެބަސްވުމުއްގައި ސޮއި ކުރެވިއްޖެ، ނެއްލައިދޫގެ ނަރުދަމާ ހަވާލުކޮށްފިން، ކުރިނބީގެ ނަރުދަމާ އެޅެމުން އެބަދޭ، އެހެންވީމާ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތް، އަޅުގަނޑު އުފާވޭ، މިއަދު މަޑުއްވަރީ ދާއިރާގެ މެންބަރު ރައީސުލްޖުމްހޫރިއްޔާ ކައިރިން އޭރު އެދުނީ އެއްމެ ކަމެއް. ނެރު ފައިކަށީގެ ވާހަކަ، އޭރުގައި އެކަން ކޮށްދެއްވި އޭރުގެ ރައީސް، އެކަމަކު މިއަދު މަޑުއްވަރީގައި އެބަހިނގާ އޭގެ ކިތަންމެ ފައިކައްޓެއްގެ މަސައްކަތް. މާވަށު ދާއިރާގައިވެސް މިއަދު މަސައްކަތް އެބަ ހިިނގާ، މިއީ ހުރި ތަފާތަކީ،" ފިއްޓޭ ވިދާޅުވިއެވެ.

މި ސަރުކާރުގެ ސްލޯ ކަމުގެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާތީ، އެކަމަށްވެސް ފިއްޓޭ ރައްދު ދެއްވިއެވެ.

ފިއްޓޭ ވިދާޅުވި ގޮތުގައި މާލޭ ސަރަހައްދަކުން މާބޮޑު ކަމެއް ހިނގާތަން ނުފެނުމަކީ ހަގީގަތެއް ކަމަށެވެ. ނަމަވެސް ރަށްރަށުގެ ރައްޔިތުންނަކީވެސް ޓެކްސް ދައްކައިގެން އުޅޭ ބައެއް ކަމުން ރަށްތަކުގައި މަސައްކަތްތައް ކުރިއަށްދާން ޖެހޭ ކަމަށާއި އެގޮތުގެ މަތިން އެތައް ރަށެއްގައި ބާރަށް އެތައް މަޝްރޫއުތަކެއް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ.

އެގޮތުން ނެއްލައިދޫ، ކުރިނބީ، ވައިކަރަދޫ، ފުލިދޫ، ފެލިދޫ، ތިނަދޫ ފަދަ ރަށްރަށުގައިވެސް އުޅެނީ ބަރާބަރަށް ޓެކްސް ފައިދާ ދައްކާ ދިވެހި ރައްޔިތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފެލިދޫ ގިރަމުންދާ މައްސަލައާ ގުޅިގެން ފަޒުލް މަޖިލީހަށް ގަރާރު ހުށަހެޅީ އެ ކަންބޮޑުވުމުގެ އަޑު މި ސަރުކާރުން އަހާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށްވެސް ފިއްޓޭ ވިދާޅުވިއެވެ.