ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) އެތެރޭގައި ހުރި ބިދޭސީއެއްގެ ފޯނު ވަގަށް ނެގި މީހަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ، އިބްރާހީމް މުހައްމަދ (32) ތ. ތިމަރަފުށި، އާލިއާބާދު 2017 ވަނަ އަހަރުގެ އޮގަސްޓު 23 ވަނަ ދުވަހު 5:15 އެހާކަންހާއިރު މާލޭ ލިލީ މަގުގައި ހުންނަ ސީއެޗްސީއަށް ވަދެ އެ ސްކޫލުގެ ސެކިއުރިޓީ ޕޯސްޓުގެ ތެރޭގައި އޮތް ބަންގްލަދޭޝް މީހެއް ކަމަށްވާ މޮހައްމަދު މޮކްލަސް ރަހްމާންގެ ފޯނު ވަގަށް ނަގާފައިވާތީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރުގެ ދަށުން ވައްކަން ކުރުމުގެ ކުށުގެ ދައުވާކުރާ ކަމަށެވެ.

ޝަރިއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުހެމުގައި އިބްރާހީމް މުހައްމަދު ވަނީ އެކުށަށް އިއުތިރާފު ވެފަ އެވެ. އެއީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލައަށް ބޭނުންވެގެން ވާ އިއުތިރާފެއް ކަމަށް އިބްރާހީމް މުހައްމަދު ވަނީ ބުނެފަ އެވެ. އަދި މައްސަލައިގައި ކުރިއަށް ދިޔުމަށް ވަކީލަކު ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ދައުލަތުގެ ފަރާތުން އިބްރާހީމް މުހައްމަދުގެ މައްޗަށް ކޮށްފައިވާ ވައްކަމުގެ ކުށަށް އިބްރާހީމް މުހައްމަދު އިބްތިދާއީ އަޑުއެހުމުގައި އިއުތިރާފުވެފައިވާތީ އެއީ ސައްހަ އަދި ފުރިހަމަ އިއުތިރާފުން އެކަށީގެން ވާ މިންވަރަށް ޝަރީއަތަށް ސާބިތުވާ މައްސަލައެއް ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅައިފަ އެވެ.

ކުށަށް އިއުތިރާފުވެފައިވާތީ އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށާއި ދައުވާ ލިބޭ އިބްރާހީމް މުހައްމަދަށް ފުރުސަތު ދީފައިވެ އެވެ. އެ ފުރުސަތުގައި ދައުލަތުން ބުނެފައިވަނީ، އިބްރާހީމް މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ދައުވާ ލިބޭ އިބްރާހީމް މުހައްމަދު ބުނީ، އަދަބާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އެއަށްފަހު އެ ކުށުގެ އަދަބު މަތިވާ ހާލަތްތަކާއި ދަށް ވާ ހާލަތްތަކާއި ގުޅޭގޮ ތުން ވާހަކަ ދެއްކުމަށްފަހު ޝަރީއަތުން ނިންމީ އިބްރާހީމް މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަދަބު ދަށްވާ ހާލަތެއް އޮތް ކަމަށެވެ. އެގޮތަށް ޝަރީއަތުން ނިންމީ އިބްރާހީމް މުހައްމަދުގެ ކުށުގެ ރިކޯޑެއް ނެތުމުންނާއި އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައިވާތީ އެވެ.

އެހެންކަމުން ޝަރީއަތުން ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ)ގެ ފަސް ވަނަ ނަމްބަރުގެ ދަށުން، ވައްކަންކުރުމުގެ ކުށުގެ ދައުވާ އިބްރާހީމް މުހައްމަދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.