އއ. މަތިވެރި ކައުންސިލަށް ދައްކަންޖެހޭ 4،700،000 (4.7 މިލިއަން) ރުފިޔާ ދައްކާފައި ނުވާ ކަމަށް ބުނެ، އެރަށު ރައްޔިތުން ނުކުމެ ރައްޔިތުންގެ މަޖިލިސްގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރަށުން ބޭރުކުރުމަށް އިހުތިޖާޖު ކުރަން ފަށައިފިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން މަތިވެރި ކައުންސިލުގެ ރައީސް އަހުމަދު އަސްލަމް މިރޭ ވިދާޅުވީ، މިއަދު އިރުއޮއްސުނު ވަގުތެއްގައި ޖާބިރު އެރަށަށް ދިއުމުން އެރަށު ރައްޔިތުން، އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، 2017 އިން ފެށިގެން މިއަދާ ހަމައަށް ކައުންސިލަށް ކުލީގެ ގޮތުގައި ޖާބިރު ދައްކަންޖެހޭ ފައިސާގެ ތެރެއިން 4.7 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށެވެ. އަދި އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރު ކަމުގައި، ކައުންސިލުގެ ހުއްދަނެތި ޖާބިރަށް ދީފައިވާ ކައުންސިލުގެ ބިމެއް ކަމަށެވެ.

އެ ބިމުގައި "ތާޒާ މިއާ" ނަމަކަށް ކިޔާ ގެސްޓް ހައުސްއެއް ހިންގަމުންދާ އިރު، އެއީ 2100 އާއި 2500 އާ ދެމެދުގެ އަކަފޫޓު ބިމެއް ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

"މިއަދު ހެނދުނު އަޅުގަނޑުމެން ވާނެ ޖާބިރަށް ސިޓީއެއްވެސް ފޮނުވާފައި. އެބޭފުޅާ ކައުންސިލަށް ދައްކަން ޖެހޭ ލާރީގެ ތަފުސީލާއެކު. ސިޓީ ލިބުނު ކަމަށްވެސް އަޅުގަނޑުމެންނަށް މިއަދު ޖާބިރު ވަނީ އަންގާފައި،" އަސްލަމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން "ވަން" އިން ސުވާލުކުރުމުން ޖާބިރު ވިދާޅުވީ މިރޭ އެ ހިންގީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

"އެއްވެސް ކޯޓު އަމުރެއްވެސް ނެތް. ކައުންސިލުން އެއްވެސް އެގްރީމެންޓެއްވެސް ދެއްކިފައެއް ނެތް. އަޅުގަނޑު މަތިވެރި ކައުންސިލަށް ދޭންޖެހޭ ބައިރުފިޔާވެސް ނޯންނާނެ،" ޖާބިރު ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ ޖާބިރު، މިއަދު މަތިވެރިއަށް ވަޑައިގަތުމުން ރަށުގެ ބައެއް ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހި ނުރުހުން ފާޅުކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ޖާބިރަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.