ކޮވިޑުގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެވިފައިވާ ކަމަށާއި ރާއްޖެ އޮތީ ދުނިޔެއަށް މަރުހަބާ ކިއުމަށް ޒީނަތްވެ، ތައްޔާރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގައި މިއަދު ރައީސް ވިދާޅުވީ މުޅި ދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމަކީ ރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުން ރާއްޖޭގެ ފަތުރުވެރިކަމާއި ކާބޯތަކެއްޗާ ބޭހާ އަދި ބޯހިޔާވަހިކަމަށް ބޭނުންވާތަކެތި ހޯދަން ދަތިވި ކަމަށްވެސް ވިދާޅުވިއެވެ.

"ފަތުވެރިކަން މުޅިން ހުއްޓުނު. ބޭރު ފައިސާ ލިބުން ދަތިވި. ވިޔަފާރިތައް ހުއްޓުމަކަށް އައި. ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދި އެދޭ އަޅުގަނޑުމެންގެ ދަރީންގެ ތައުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު. މިކަންކަމާ ކުރިމަތިލުމުގައި އިހަށް ވިސްނަން ޖެހުނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަމާބެހޭ ސިއްހީ މާހިރުންގެ ލަފަ އާއި އިރުޝާދުގެ މަތީގައި ދެމިތިބެ، މުވައްޒަފުންނާއި މުއައްސަސާތަކާއި ވޮލަންޓިއަރުންގެ އެހީތެރިކަމާ އެކު މިވަގުތު ހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. އަދި މިއަދު ވެކްސިން ޖެހޭ އުމުރުފުރާގެ 95 ޕަސެންޓަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 85 ޕަސެންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސްކޫލުތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަރާއެކު ރިޒޯޓުތައް ހުޅުވިއްޖެ. ރާއްޖެ އޮތީ ދުނިޔެއަށް މަރުހަބާ ކިއުމަށް ޒީނަތްވެ ތައްޔާރަށް. ސަނީސައިޑަށް އިރު އަރައިފި. ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ސަބަބުން މުޅި ދުނިޔެ ތަހައްމަލު ކުރަން ޖެހުނު ކަމަށާއި މިކަމުން ދައްކައިދެނީ އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނޯންނާނެ ކަމަށެވެ. އަދި އަމާން، ރައްކާތެރި ދިރިއުޅުމަށްޓަކައި އެންމެން އެއްބައިވަންތަވެ އެކުވެރިވާންޖެހޭކަން މިއަދު ދައްކުވައިދީފި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ކަމަށާއި އެހެންކަމުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ހައްލު ކަމަށެވެ.