ރާއްޖޭގެ ޖަލުތަކުގައި މަރުވާ މީހުންގެ މައްސަލަތަކާއި އަނިޔާގެ މައްސަލަތައް އިންސާފުވެރި، މިނިވަން ގޮތެއްގައި ތަހުގީގު ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ.

ރާއްޖޭގެ ޖަލުގެ ހާލަތާ ގުޅޭ ގޮތުން އެމްނެސްޓީން އިއްޔެ އާންމު ކުރި ލިޔުމެއްގައި ބުނީ މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ޖަލުގައި މަރުވި މުހައްމަދު އަސްލަމްގެ މަރުވި ސަބަބު އޭނާގެ މަރުގެ ސެޓްފިކެޓުގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އޭނާގެ މަރުގެ މައްސަލައިގައި އެއްވެސް އިހުމާލެއް އޮތް ކަމަށް ކަރެކްޝަނަލް ސާވިސް އިން ގަބޫލުނު ކުރާ ކަމަށެވެ.

އެމްނެސްޓީން ބުނީ ގައިދީއަކު މަރުވި ސަބަބު ނޭނގުމަކީ އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ކަރެކްޝަންސް އާ ހަވާލާދީ އެެމްނެސްޓީން ބުނީ، ގދ. ވާދޫ، އަސްލަމް، 40، މަރުވީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުއްޓައި ކަމަށެވެ. އޭނާ ޖަލަށް ވެއްޓުމުން، ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެތަނުން އޭނާ މަރުވެފައިވާ ކަމަށް އަންގާފައިވާ ކަމަށްވެސް އެ ލިޔުމުގައި ބުންޏެވެ.

އަސްލަމްގެ އާއިލާއާ ހަވާލާދީ އެމްނެސްޓީން ބުނީ، އާއިލާއަށް އަސްލަމް ހޮސްޕިޓަލަށް ގެންދިޔަކަންވެސް އެނގުނީ އެހެން މީހެއްގެ ފަރާތުން ކަމަށެވެ.

އެ ލިޔުމުގައި އެމްނެސްޓީން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 6 ގައި، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި އަހުމަދު ސިރާޖު ނަމަކަށް ކިޔާ މީހަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށެވެ.

އެމްނެސްޓީން ވަނީ، އަސްލަމްގެ މަރުގެ މައްސަލަ އާއި ސިރާޖަށް ކުރި އަނިޔާ ތަހުގީގުކުރުމަށް ގޮވާލައިފައެވެ.