ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި ކަންތައްތަކުގައި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ މެމްބަރު އިބްރާހިމް ޝުޖާއު ކަންތައް ކުރެއްވި ގޮތް ބަލައި ދިނުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅަން ނިންމާފައިވަނީ ހަޖަމުނުވެގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައެވެ.
ފިޔަވަތީގައި އެ ހާދިސާ ހިނގަމުންދިޔަ ވަގުތު ޝުޖާއު އެތަނަށް ވަޑައިގެން، އެ އިމާރާތުގެ ތެރެއަށް ވަދެވަޑައިގަތުމުގެ އިތުރުން ކުދިންނާ މުއާމަލާތްކޮށް، އެ ސަރަހައްދަށް މީހުން އެއްކޮށް، އެތަނަށް މީހުން ވެއްދުމަށް މަސައްކަތް ކޮށްފައިވާތީ އެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެލްޖީއޭއަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ފިޔަވަތީގެ ހާލަތު ގޯސްވެ، އެތަނުގެ ތެރޭގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލު ނުވެ، އެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރު ވެސް، އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި ސިޔާސީ ވެރިން ފިޔަވަޅު ނާޅައި، ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބައި އެ ހަމަނުޖެހުން ކޮންޓްރޯލުވީ ޝުޖާއު ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ފިޔަވަތީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގައި ވެސް ސިފައިންނާ އެކު ޝުޖާއު ހަރަކާތްތެރިވެފައިވާ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
"އެވަގުތު އެފަދަ އަވަސް ފިޔަވަޅުތަކެއް ޝުޖާއު އަޅުއްވައި އެ ތަނުގެ ތެރޭގައި ހިންގި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރައްވައި ނަމޫނާ ދެއްކެވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ތިބި ސިޔާސީ ފަރާތްތަކަށް ފާޑުކިއުންތައް ގިނަވެ، ޝުޖާއުއަށް ރައްޔިތުން ތައުރީފު ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އޭނާއަށް ފިޔަވަޅު އެޅުމަށް ނިންމައި އޭނާގެ މައްސަލަ އެލްޖީއޭއަށް ހުށަހަޅަން ނިންމެވީ،" އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އެ މައްސަލަ އެލްޖީއޭއަށް ހުށަހެޅި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ޝުޖާއު ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
ޝުޖާއުގެ މައްސަލައިގެ އިތުރުން ފިޔަވަތީގެ ކުދިންތަކެއް އެތަނުގެ ފާރުމައްޗަށާއި ފުރާޅުމައްޗަށް އެރުމުގެ އިތުރުން ބައެއް ތަންތަން ހަލާކުކޮށް، އަލިފާން ޖެހި ހާދިސާއާ ގުޅިގެން ބައެއް މީޑިއާތަކުން އަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅަންވެސް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ދެ ހުށަހެޅުން ހުށަހަޅުއްވަމުން އެ ކޮމިޓީގެ މެމްބަރު، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ވިދާޅުވީ އެހާ ކަންބޮޑުވާ ހާދިސާއެއް ހިނގައިގެން އުޅުނުއިރު ބައެއް މީޑީއާތަކުން ކަންތައްތައް ކޮށްފައިވާ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އަދި އެހާދިސާ ހިނގަމުންދިޔަ ތަން ވީޑިއޯކޮށް އަދި ފޮޓޯ ނަގައިގެން ބައެއް ނޫސްވެރިން އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލަތައް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު