ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުން ދިނުމަށް ނިންމާފައިވާ ހަދިޔާ ފޮށީގައި އެކުއްޖާ ވިހާ ދުވަހުން ފެށިގެން ފުރަތަމަ އަހަރު ދުވަހަށް ބޭނުންވާ އަސާސީ ތަކެއްޗާއި ހިދުމަތްތައް ހިމެނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާއި މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ ޕާރުސަލެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެންސްޕާގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އިސްމާއިލް އައްޒާމް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވި ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާގުޅޭ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދަނީ ބޭރުގެ ތަޖުރިބާކާރުންނާއި ޑޮކްޓަރުންގެ އިތުރުން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ރައީސް އޮފީސް ހިމެނޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު މޮޑެލްތައް ބޭނުންކުރަމުންދާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ރަނގަޅީ ކޮން މޮޑަލެއްތޯއާއި ދެމެހެއްޓެނެވި ގޮތުގައި ސަރުކާރަށް އެކަން ކުރެވޭނެ ގޮތަކާމެދު މަޝްވަރާކޮށް، ރާއްޖެއަށް ބޭނުންވާ މޮޑެލްއެއް ހަމަޖެއްސުމަށްވެސް މަޝަވަރާ ކުރަމުންދާ ކަމަށާއި އަދި އެ ހަދިޔާ ފޮށީގެ ތެރޭގައި ހިމަނަންޖެހޭ ބާވަތްތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަމުންދާ ކަމަށް ވިދާޅުވިއެވެ.
އައްޒާމު ވިދާޅުވީ، ބައެއް ގައުމުތަކުގައި އެއީ ސަރުކާރުން އެކަނި ކުރާ ގޮތެއްގެ ގޮތުގައި އޮތް ނަމަވެސް އަނެއްބައި ގައުމުތަކުގައި އެކަން ކުރަނީ، އަމިއްލަ ވިޔަފާރުވެރިން އެކަމުގައި ބައިވެރިކޮށްގެން ކަމަށެވެ. އަދި އެކަންތައްތަކަށް ފައިނަލްވުމުގެ ކުރިން ފައިނޭޝަލް މޮޑެލިނެއް ތައްޔާރުކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އަމާޒަކީ ކުއްޖާ ވިހެއިންސުރެ، އެއް އަހަރު ވަންދެން އެ ކުއްޖާއަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ހަދިޔާ ފޮށީގައި ހިމެނުމަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު