ދިވެހި ގައުމުގެ ފަހުރުވެރި އަބުތޯލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މިދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި ކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތާ މިރޭ ހަވާލުވެވަޑައިގެންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޝާހިދު ވަނީ ތަގުރީރުކުރައްވައިފައެވެ. އޭނާ ފުރަތަމަ ތަގުރީރުކުރެއްވީ ދިވެހި ބަހުންނެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ މި މަޖިލީހުގެ ކުރިމަތީގައި ހުއްޓި ހުންނެވީ ހުރިހާ ބޭފުޅުން ދެއްވި އިތުބާރާއި ހަވާލު ކުރެއްވި ޒިންމާ އާއި މަސްއޫލިއްޔަތުގެ މަތިވެރިކަން އިހުސާސް ކުރަމުން ކަމަށެވެ. އަދި ރާއްޖެއަށް ތިޔަ ދެއްވި އިއްޒަތާއި ޝަރަފަށްޓަކައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
"މިއަދު ދިވެހިރާއްޖޭގެ ފެއްސާއި ރަތާއި ހުދުގެ ފަހުރުވެރި ދިދަ ވިހުރުވެމުން މިދަނީ ބައިނަލްއަގުވާމީ އެންމެ އުސް ކުރިބޯށީގައި. ދިވެހި ގައުމުގެ ފަހުރުވެރި އަބުތޯލުންގެ މަތިވެރި ޖިހާދާއި ދިވެހި ރައްޔިތުންގެ ހިތްވަރުގަދަ ގުރުބާނީގެ ސަބަބުން މިއަދު ދިވެހި ދައުލަތުގެ ނަން ވިދަމުން މި ދަނީ ބައިނަލްއަގުވާމީ އުދަރެހުގެ އެންމެ އުހުގައި،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ހޯދަމުންދާ މަތިވެރި މަގާމު ކަމަށެވެ. އަދި ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ވަނީ އެމަނިކުފާނުގެ ރިޔާސަތުގެ އުއްމީދުގެ ފަސް ދޯދީގެ ވާހަކަވެސް ދައްކަވައިފައެވެ. އެއީ ދުނިޔޭގެ އެންމެންނަށް ކޮވިޑް ވެކްސިން ފުރިހަމަކޮށްދިނުމާއި ކޮވިޑަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ ބިނާކުރުމާއި މުހިއްމު ނިންމުންތަކުގައި ޒުވާނުން ބައިވެރިކުރުމާއި ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމާއި މިންތީގެ ހަމަހަމަކަމަށް މަސައްކަތް ކުރުން އަދި މޫސުމަށް އަންނަަ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމެވެ.
މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތަށް ހާއްސަކޮށްފައިވާ ތަސައްވުރަކީ އުންމީދު ކަމަށެވެ. އެއީ އުންމީދަކީ މި ދަނޑިވަޅަށް އެންމެ މުނާސަބު އިހުސާސް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު