ވާހަކަ

ޖޫދް - 21

7

އެކާވީސްވަނަ ބައި

"އަހަރެންނަށް ރޭގަ ޕާޓީ ތެރެއިން އައްމާރު ފެނިއްޖެ" ނީލަމް ބުންޏެވެ. އަލިޝްބާގެ ދެބުމައަށް ރޫއެރިއެވެ. އެއީ ކާކު ކަމެއް އޭނާއަށް ނޭނގުނެވެ.

"އައްމާރު؟" އަލިޝްބާ ކިޔާލިއެވެ. "ކާކު؟ ނޭނގުނު"

"ބުނީމެއްނު. އެއީ ފިރިމީހާގެ ތިމާގެ ކުއްޖެއް" ނީލަމް ބުންޏެވެ. "އަހަރެން ގަޔާވާ މީހެއް ނޫން"

"ވެދާނެއްނު ތިބުނާ މީހަކު، އައިމީން އައްމާރު މިރަށަށް އައީ ނީލޫ ހޯދަންކަމަށްވެސް" ނީލަމް ބުންޏެވެ.

"ހިއެއްނުވޭ. އެއީ ވަރަށް ފެންވަރުމަތި ބައެއް. އޭނާގެ މައިންބަފައިން އަހަރެންދެކެ ފޫހިވޭ. އަހަރެން މެރީ ކުރީވެސް އެމީހުންގެ ޤަބޫލުގައެއްނޫން" ނީލަމް ވާހަކަދެއްކިއެވެ.

"ތިވާހަކަތައް އަހަރެންނަށް ކިޔައިދޭނީ ކޮންއިރަކުން؟" އަލިޝްބާ އެހިއެވެ.

"ސާބަހޭ. މަގޭ ހިތަށް އަރާ ނުވަމަސް ވަންދެން މައިމީހާގެ ބަނޑުގައި ކަލެއަށް ކެތްކުރެވުނުބާއޭ" ކުރިމަތީގައި ފެންފުޅި ކަނޑަން އިން ޔޫނުސްއަށް އައްމާރު ބުނެލިއެވެ.

"ހެހެހެ. ނޭނގެ މަންމަ ބުނި ދުވަސް ނުޖެހެނީސް އަހަރެން ނިކުމެއްޖެއޭ. އެހެންވީމަ ކެތްނުވީތާ އެ" މަޖާ ރާގެއްގައި ޔޫނުސް ބުންޏެވެ. "އޭ ސީރިޔަސްކޮށް ބުނެބަލަ. ކިހިނެއްވަނީ؟ އެއީ ދަންނަ ކުއްޖެއްތަ؟"

"ނުދަންނަމޭ ބުނެފިއްޔާ ވާނީ ދޮގަކަށް ދޯ. އެއީ އަހަރެން މިހުރިހާ ދުވަހު ގެއްލިގެން ހޯދި މަންޖެއެއް" އައްމާރު ވާހަކަދެއްކިއެވެ.

"ވަޓް؟ ބިޓެއްތަ؟ އަސްލު އިނގިގެން ދޯ މިރަށަށް އައީ" ގޮނޑީގައި ލެގިލަމުން ޔޫނުސް އެހިއެވެ.

"ހަމަ ރަނގަޅަށް މިބުނީ. އަހަރެންެވެސް އަޖައިބުވެއްޖެ ނިންނި މިރަށުން ފެނުނީމަ. ހެހެހެ... އެކަމަކު މިހާރު އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން" އައްމާރު ބުންޏެވެ.

"ރަނގަޅެއްނު އެހެންވިއްޔާ. ކުރީގެ ބިޓެއް ދޯ"

"ނޫނެކޭ. ތިބުނާ ކަހަލަ ކަމެއް ނެތް އަދި. އެއީ އަހަރެންގެ ފަހަރިއެއް. ވަރަށް ގާތް ބޭބެއެއްގެ އަންހެނުން" އައްމާރު ބުންޏެވެ. "ހައިރާންވެއްޖެ ދޯ"

"އެހެންތަ! ކޮބާ އޭނަގެ ފިރިމީހާ؟ އެކަނި ފެންނަނީ" ޔޫނުސް ބުންޏެވެ. "ވަރިކޮށްފަތަ ހުންނަނީ؟"

"މަރުވެއްޖެ. މިއީ ވަރަށް ދިގު ވާހަކައެއް އިނގޭ. މިއުޅެނީ ކިޔައިދޭންވެގެން" ކޮފީތަށިން ކޯވަރެއް ބޯލާފައި އައްމާރު ބުންޏެވެ.

"އާނ މަޑުކުރޭ...." ޔޫނުސް ބުންޏެވެ. ކުރިމަތީގައި ހުރި ކޮފީތަށި އެއް ނޭވައިން ދަމާލާފިއެވެ. ފެންފުޅި ކަނޑާލާފައި ބިއްލޫރި ތައްްޓަށް ކުޑަ ފެންފޮދެއް އަޅާފައި ބޯލިއެވެ. އެއަށްފަހު މޭޒުގެ އެއްފަރާތުގައި އޮތް އޭނަގެ ފޯނު ފްލައިޓް މޯޑަށް ލުމަށްފަހު އައްމާރަށް ބަލައިލިއެވެ.

"ހަމަ ބޯޓު ނައްޓާލަންވީ މިހާރު" ޔޫނުސް ބުންޏެވެ. އޭނާ އުޅުނު ގޮތުން އައްމާރު ކައިރިއަށް ހިނިއައެވެ. އެވާހަކަތަކާ ޔޫނުސް އެހާ ޝައުގުވެރިވެދާނެ ކަމެއް އޭނާއަށް ނޭނގެއެވެ.

"އެއީ މީގެ ދުވަސްކޮޅެއް ކުރިން. އަހަރެން ނީލަމް އާ ބައްދަލުވީ އެއްދުވަހު ގެއަށް އަހަރެންގެ ބައްޕަ އާ އެއްބަނޑު އެއްބަފާ ފިރިހެނެއްގެ ދަރިފުޅު ޖައިލަމް ރައްޓެހިވެގެން އުޅުނު ކުއްޖާ ގެނައި ދުވަހު. ޖައިލަމް އަހަރެންނަށް ވުރެ އުމުރުން ދޮށިވާނެ. އެއީ ބޭބެގެ ވާންއުޅޭ އަނބިމީހާ ކަން އިނގޭއިރުވެސް އަހަރެންނަށް ނޭނގުނު ވީގޮތެއް. ފަހަރިއެއްގެ ނަޒަރުން ނީލަމް އާ މެދު ދެކެން އަހަރެންގެ ހިތް ބޭނުމެއްނުވި. އެ އަންހެންކުއްޖާ ފެނިފައި އަހަރެންގެ ހިތް އަހަރެން އަތުން ދޫވެއްޖެ. އެވާހަކަ އަހަރެން އެއްވެސް މީހެއް ކައިރީގައި ނުދައްކަން. އެމީހުންގެ ކައިވެނީގެ ކަންތައްތައް ކުރިއަށް ދިޔައިރު ފެމެލީގެ އެއްވެސް މީހަކު ޤަބޫލެއްނޫން. ވެދާނެ ނީލަމްގެ އެއްވެސް މީހަކު ދުނިޔޭގަ ނެތީމަކަމަށްވެސް. އަހަރެންގެ މައިންބަފައިން ކަމުގައި ވިޔަސް އަހަރެން ބުނާނީ ތެދަށް. އެމީހުންގެ ކުރިމަތީގައި ދެރަ ނިކަމެތިންނަކީ އެއްވެސް ބައެއްނޫން. ފައި ދަށުގައި އޮންނަ ފައި ފުއްސަށް ވުރެވެސް އަގު ދަށް ބައެއް އެއީ. އަދިވެސް މަންމަ އާ ބައްޕަގެ ވިސްނުން ހުރީ ހަމަ އެގޮތަށް" އައްމާރު ވާހަކަދައްކަމުން ދިޔައެވެ. ދޭތެރެއަކުން ވާހަކަ މެދުކަނޑާލާފައި ކަރުތެރެ ތެންމާލަން ފެންފޮދެއް ބޯލައެވެ.

"ދޭތެރެއަކުން އަހަރެން ނީލަމްއަށް ގުޅާލަން. ނީލަމްއަށް ހީވަނީ އަހަރެންނަކީ ޖައިލަމްގެ ކޮއްކޮއަކަށް ވާތީ ހާލުބަލަން ގުޅަނީ ކަމަށް. އެކަމަކު އަހަރެން ގުޅަނީ އެހެން ކަމަކު. އަހަރެންނަށްތާ އިނގޭނީ ސަބަބު. އެންމެފަހުން އަހަރެންނަށް ނީލަމްއަށް ފްލާޓް ކުރެވެން ފަށައިފި. ޖެއްސުމަށް ލޯބީގެ ބަސްތައް ބުނެވެން ފަށައިފި. މަޖަލަކަށް ހަދާފައި އަހަރެން ބުނިން އަހަރެންނާ އިންނާށޭ. ޖައިލަމް ގޭގައި ނޫޅޭ ވަގުތު ބަލާފައި އެގެއަށްވެސް ގޮސް ނީލަމް އަތުން ކޮފީ ބޮއެގެން އަންނަނީ" އަނެއްކާވެސް ވާހަކަތައް މެދުކަނޑާލާފައި އައްމާރު ފުން ނޭވައެއް ލިއެވެ. "އަހަރެންގެ ހިތުގައި އޮތް އެއްޗެއް ނިންނިއަށް އިނގުނީ އެއްދުވަހު އަހަރެން ފޯނުން ނިންނިގެ ފޮޓޮއަށް ބަލާފައި މޫނުގައި އިނގިލިން ފިރުމަނިކޮށް ނިންނިއަށް ފެނުނީ. އަހަރެންނާ ނިންނި ދުރުވީ އެހިސާބުން. އެންމެފަހުން ޖައިލަމް ކައިރީގައި އެވާހަކަ ދައްކައިގެން އެދެމީހުން ކުލީ ކޮޓަރިއަކަށް ބަދަލުވެއްޖެ. މަންމަމެން ހީކުރީ ޖައިލަމްގެ ބޮލަށް އެރިގެން މަކަރަކުން އާއިލާ އާ ދުރުކުރުވަން ވެގެން ނިންނި ކުރި ކަމެއް ކަމަށް. ކުރިމަތީގައި ބަހައްޓައިގެން އެމީހުން ނިންނިއަށް ވަރަށް ބެވި. ނިންނި ހަމަ އެކައްޗެއްވެސް ނުބުނޭ. އެދުވަހު އަހަރެންނަށް ވަރަށް ފާޑަކަށް ބަލައިލި. އޭނާގެ އެ ބަލައިލުމުން ހީވީ އަހަރެން ކައިރީގައި ބުނިހެން ތިމަންނަ މިގެއިން ބަދަލުމިވަނީ ކީއްވެގެންކަން ނިކަން އައްމާރު އެމީހުން ކައިރީގައި ބުނެބަލާށޭ. އެކަމަކު ފިނޑިކަމުން އަހަރެންނަށް ނުބުނެވުނު. ފަހުންވެސް ނިންނިއަށް ގުޅާފައި އަހަރެންނަށް ވަރަށް އުނދަގު ކުރެވުނު. ލޯބިވާ ވާހަކަވެސް ބުނެވުނު. އަހަރެންނަށް ފަހުން ވިސްނުނު އެއީ އަހަރެން ކޮށްގެންވާނެ ކަމެއް ނޫންކަން. އެހެންވެ އަހަރެން މަސައްކަތް ފެށި މަޑުމަޑުން އެކަމާ ދުރަށް ދާން. އެމީހުން މެރީކުރިތާ ނުވާނެ އަހަރެއްވެސް ޖައިލަމް ކުއްލިއަކަށް މަރުވީ. އެދުވަހު ނިންނި ހާލު ވަރަށް ގޯސްވި. ފެމެލީ އިން އެއްވެސް މީހަކު ނުދިޔަ ނިންނިގެ ހާލު ބަލާލާކަށް. އަހަރެން ދިޔައީ. އެވެސް މަންމަމެންނާ ދެކޮޅަށް. މަންމަމެން ތުހުމަތުގެ އިނގިލި ދިއްކުރީ ނިންނިއަށް. ބުނަނީ ނިންނިގެ ސަބަބުންނޭ ޖައިލަމްއަށް ވީގޮތެއްވީ. ޖައިލަމްގެ މަރުގެ ޒިންމާ ނަގަންޖެހޭ މީހަކީ ނިންނި އޭ. އަހަރެން އެދުވަހު ނިންނި ކައިރީގައި ބުނިން ހަގީގަތުގައިވެސް އަހަރެން ލޯބިވާ ވާހަކަ. އެކަމަކު ނިންނި ބޭނުމެއްނުވި. ހޮޓަލަކުން ނިންނިއަށް ކާއެއްޗެހި ހިފައިގެން ހޮސްޕިޓަލަށް ދިޔައިރު އޭނައެއް ނެތް. އެއީ ޖައިލަމް މަރުވިތާ ތިންވަނައަށް ވީ ދުވަސް. ޑޮކްޓަރުންނާ ނަރުހުން ކައިރީގައި އޭނާ ރަނގަޅޭ ކިޔާ ރޮއެ އާދޭސްކޮށްގެން ދޫކޮށްލީ ކަމަށް ބުނީ. އެދުވަހު ނިންނި އަހަރެންނަށް ގެއްލުނީ. އަހަރެން އޭނަ ވަރަށް ހޯދިން. މުޅި މާލެ އާ މާލެ ކައިރި ރަށްތަކުގައި އަހަރެން ފޮރޮޅާނުލާ އެންމެ ގަލެއްވެސް ނޯންނާނެ. އެކަމަކު އަހަރެން އުންމީދު ގެއްލުވައެއްނުލަން. އިނގޭ ކޮންމެސް ދުވަހަކުން އަހަރެންނަށް އޭނަ ފެންނާނެކަން. އަހަރެން ކެތްތެރިވީން. ވަރަށް އިންތިޒާރު ކުރެވުނު. މިއަދު އަހަރެންނަށް ނަތީޖާ ލިބިއްޖެ" އައްމާރުގެ ވާހަކަތައް ނިންމާލިއިރުވެސް ޔޫނުސް އިނީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ނޭނގިފައެވެ.

"ދެން ތި އަނގަ ލައްޕާލާ. ކުނަ މެއްސެއް ވަދެދާނެ" އައްމާރު ބުންޏެވެ.

"ނިމުނީތަ؟ ހީވީ ބޮޑު ސްކްރީނަކުން ފިލްމެއް ބަލައިލެވުނުހެން" ޔޫނުސް ބުންޏެވެ.

އަންބަރް ކޮޓަރިން ނިކުތްއިރު ޒަހާ ސިޓިންގރޫމުގައި އިނެވެ. އޭނާގެ އަތުގައި ޒިކުރުފޮތެއް އޮތެވެ. އަންބަރް ފެނުމާއެކު ޒަހާ ހިނިތުންވެލައިފިއެވެ. އަންބަރް ލައިގެން ހުރި ގަމީސްކޮޅާ ޖީންސަށް ޒަހާގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭނާ ހިނިތުންވެލިއެވެ. ވަގުތާއެކު ހުރިހާ ކަމެއްވެސް ބަދަލުވާނެއެވެ. އަންބަރް އަޅާ ހެދުންތައްވެސް މެއެވެ. ޒަހާ ހިތާހިތުން ބުނެލިއެވެ.

"އިބާ،" ފައިވާން ހަރުގަނޑާ ދިމާލަށް ދިޔަ އަންބަރަށް ޒަހާ ގޮވައިލިއެވެ. އަންބަރް ހުއްޓުނެވެ. އަދިވެސް ގޭތެރޭގައި އޭނާއަށް ބަސްކިޔަން ނުކެރެއެވެ. އޭނާގެ އަނގަ ހެލެނީ ޖޫދު ކައިރީގައި އެކަންޏެވެ.

"ދަރިފުޅު ތަނަކަށް ދަނީތަ؟" ޒަހާ އެހިއެވެ.

"އާދެބަލަ މިކޮޅަށް" ޒަހާ ބުންޏެވެ. އަންބަރް މަޑުމަޑުން އައިސް ޒަހާ ކައިރީގައި ހުއްޓިއްޖެއެވެ.

"މިދަނީ... މިދަނީ ރައްޓެހިކުއްޖަކާ ބައްދަލުކުރަން ވެގެން" އަންބަރް ބުންޏެވެ.

"އެހެންތަ. ކޮބާ ޖޫދު؟" ޒަހާ އެހިއެވެ. "އެބައުޅޭތަ؟"

އަންބަރް ބޯޖަހާލިއެވެ. "ދެން ދަނީ" އަންބަރް ހިނގައިގަތެވެ.

"މަޑުކޮށްބަލަ ދަރިފުޅު. ޖޫދު ކައިރީގައި ބުނަންވީނުން އިބާ ގެންގޮސްދޭން. ހިނގާފަ ދާނެ ކަމެއްނެތް" ޒަހާ ބުންޏެވެ. އަންބަރް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އޭނާގެ މޫނުމަތި ބަނަވެގެން ދިޔަ ގޮތް ޒަހާއަށް ފޮރުވުމަށެވެ. އެހެންނަމަވެސް ހުރިހާ އެއްޗެއް ޒަހާއަށް ފެނުނެވެ. ޖޫދު ވަނީ ޒަހާއަށް ހުރިހާ އެއްޗެއް ކިޔައިދީފައެވެ.

"މަންމާ، އޭނަގެ އެކުވެރިޔާއަކީ ބޮޑުދައިތަގެ ރިކްޒާއޭ. އެހެންވީމާ ގެއިން ބޭރަށް ނިކުންނާކަށް ނުޖެހޭނެއްނު" ކޮޓަރިން ނިކުތް ޖޫދު ބުންޏެވެ. އަންބަރް ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ. ހަގީގަތުގައި އޭނާ ދާން އުޅުނީ ރިިކްޒާ އާ ބައްދަލުކުރާކަށް ނޫނެވެ. ވާރިޝް އާ ބައްދަލުކުރާށެވެ. ޖޫދުގެ ސަބަބުން އެނާއަށް އެޖެހުނީ ރިކްޒާ އުޅޭ ބަޔަށް ދާށެވެ.

"އެހެންތަ ވަނީ. މަންމައަކަށް ނޭނގޭނެއްނު" ޒަހާ ބުންޏެވެ. "އެއްދުވަހަކުން ވާނެ އެންމެންވެގެން ގޭތެރޭގައި ކައްކާލައިގެން ވަރަށް މަޖާކޮށްލަން އިނގޭ" ޒަހާ ބުންޏެވެ. އަންބަރް ހީލާފައި ބޯޖަހާލިއެވެ. އިތުރު ވާހަކައެއް ޒަހާ ފަށައިފާނެތީ އޭނާ ގެއިން ނިކުތީ ބާރަށް ހިނގާފައެވެ. ބޫޓަށް އަރައިގެން އަންބަރް ދޮރުން ބޭރުވުމާއެކު ޒަހާ ބަލައިލީ ކައިރީގައި އިން ޖޫދަށެވެ.

"މަންމާ، އަންބަރް ދީނީ ކަންތައްތަކާ ވަރަށް ދުރު. ނަމާދުކޮށްލަނީވެސް ހާދަ އަވަހަށޭ. ދުލުން އެއްޗެއް ކިޔާހެންވެސް ހިއެއްނުވޭ" ޖޫދު ބުންޏެވެ.

"މަންމަ ގެ އެބައޮތް ހިޔާލެއް" ޒަހާ ބުންޏެވެ.

ރިކްޒާއާއި އަންބަރް ވާހަކަދައްކަން ތިބީ ރިކްޒާ އުޅޭ ބައިގައެވެ. އަންބަރް ކުރިމަތީގައި ރިކްޒާ ބެހެއްޓީ އަލްމަންޑް ތައްޓެކެވެ. އެއަށްފަހު ގެނައީ ޖޫސްތައްޓެކެވެ. އަންބަރްގެ މޫނުމަތީގައި ވަނީ ފޫހިކަމެވެ. ޖޫދުގެ ސަބަބުން އޭނާގެ ރޭވުން ފެނަށް ދިޔައިމައެވެ.

"ހުވާ މިބުނީ ފޫހި ފިރިހެނެއް" އަންބަރް ބުންޏެވެ. މަލާމާތުގެ ރާގަކަށް ރިކްޒާ ހީލައިފިއެވެ.

"އަހަރެން ބުނީމެއްނު" ރިކްޒާ ބުންޏެވެ.

"މިއީ ވާރުގެ ކަންތައް. އެމީހުންނާ ވާރު އާ ދެމެދު އޮތް މައްސަލައެއް މަށަކަށް ނޭނގޭ" އަންބަރް ބުންޏެވެ.

"އިބާ، އަހަރެން ބުނަންތަ ވާހަކައެއް. ކިތަންމެ ގާތަސް ބައެއްފަހަރު ވާރު އާ ދޭތެރޭގައިވެސް ޖެހޭނެ ވިސްނަން. އިބާ މެދުވެރިކޮށްގެން އޭނަ ކަމެއް ކުރަންޏާ އެކަމުގެ ހުރިހާ ތަފްސީލެއް އިބާއަށް އިނގެންޖެހޭނެ. އެހެންވީމަ ކަމެއް ކުރުމުގެ ކުރިން ވަރަށް ވިސްނާތި. ފަހުން އިބާ ގަނަތެޅެންޖެހޭ ވަރުގެ ކަމެއް ނުކުރާތި އިނގޭ" ރިކްޒާ ވާހަކަދެއްކިއެވެ. މިފަހަރު ރިކްޒާ ދެއްކި ވާހަކަތައް ކުޑަކޮށް އަންބަރަށް އުނދަގޫ ގޮތެއް އިހުސާސް ކުރުވައިފިއެވެ. ވާރިޝް އާ މެދު ނުބައި ގޮތަކަށް ވިސްނުން ބަދަލުވެގެން ހިނގައިދާނެތީ އަންބަރް ބޭނުންވީ އެ ހިޔާލުތައް ދޫކޮށްލާށެވެ.

"ރިކް ދައްކާ ވާހަކަ. ވާރުއަކީ އެކަހަލަ މީހެއް ނޫން. މިހާރުވެސް އަހަރެންނަށްޓަކައި ވާރު ކިހާ ކަމެއް އެކުރަނީ" އަންބަރްގެ ހިތް އެއްބަހެއް ނުވެއެވެ. އިތުރަށް އެވާހަކަދައްކަން ރިކްޒާ ބޭނުމެއްނުވިއެވެ. ވާރިޝް އާ ގުޅުވައިގެން ނެގެޓިވް ވާހަކަތަކެއް ދައްކައިފިނަމަ ދެކުދިންގެ ގުޅުމަށް ބުރޫއަރާފާނެއެވެ.

"ވާއު... ހާދަ ރީތި ތަނޑިއެއް"

"އާނ. އެގޭ މަންމަ ދިން" ފަރުވާކުޑަ ގޮތަކަށް އަންބަރް ބުންޏެވެ.

"އަސްލު. ސަޅި. އެކަމަކު އިބާއަކާ ނުއެއް ގުޅޭ. ވެދާނެ ކުރިން ތިކަހަލަ އެއްޗެހި ނާޅާތީކަމަށްވެސް" ރިކްޒާ ބުންޏެވެ.

"ވާރު އެބަ ބޭނުންވޭ މި އުޅާ އޭނަ އަތުގަ ބާއްވަން" އަންބަރް ބުންޏެވެ. އެއާއެކު ރިކްޒާ ހައިރާންވެފައި އަންބަރަށް ބަލައިލިއެވެ. "ރައްކާކޮށްފައި ބާއްވާނަމޭ ބުނީ. އެގޭ މީހުން ހިޔާލު ބަދަލުވެގެން ފަހުން އަތުލައިފާނެޔޯ" ރިކްޒާގެ ހިތުގައި ވާރިޝް އާ މެދު ނުބައި ޝައްކެއްގެ އޮއިވަރެއް ހިނގާލިއެވެ.

"ދެން؟ ކީއްވެ ނުދީ ތިހުންނަނީ؟" ރިކްޒާ އެހިއެވެ.

"ނުކެރިގެން. އެގޭ މަންމަ ބުނި ނަގައިގެންނުވާނެޔޯ"

އަންބަރް ގެއަށް ވަންއިރު ސިޓިންގރޫމުން މީހަކު ފެންނަން ނެތެވެ. ޓީވީން ބަންގި އަޅުވާފައި ހުއްޓެވެ. ކޮޓަރިއެއްގެ ދޮރުހުޅުވާލި އަޑު އިވުނީ އޭނާ ކޮޓަރިއަށް ވަދެވަދެ ހުއްޓައެވެ. ސާފު ހުދުކުލައިގެ ބޮޑު ދޮޅިއެއްގެ ތެރެއިން ޖިޔާގެ މޫނުކޮޅު ފެނިލާގޮތް ލޯތްބެވެ.

"އިބާ ދައްތާ، ނަމާދުކޮށްފިންތަ؟" ޖިޔާ އެހިއެވެ. އަންބަރްގެ ހިތަށް އެރިއެވެ. މިގޭ އެންމެ ކުޑަ ކުއްޖާއަށްވެސް ނަމާދާ ގުޅިގެން ނޫން ގޮތަކަށް ވާހަކަދައްކަން ނޭނގެނީ ހެއްޔެވެ؟

"މިދަނީ ތިކަންކުރަން" އަންބަރް ހީލަމުން ބުންޏެވެ.

"އެހެންތަ. ޖީ މިދަނީ މަންމަ އާ އެކު ނަމާދުކުރަން. އިބާދައްތަ ނަމާދުކުރަނީ ދޮންބެ އާއެކު ދޯ. އިނގޭތަ ދޮންބެ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާނެ" ޖިޔާ ބުންޏެވެ. އޭނާ ޒަހާގެ ކޮޓަރިއަށް ވަނުމާއެކު އަންބަރްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

މިސްކިތުން އައި ޖޫދު ކޮޓަރިއަށް ވަންއިރު އަންބަރް އެނދުގައި އޮތެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އެއްވަރަކަށް ތަޅުވަމުން ދިޔައިރު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ކޮޓަރިއަށް މީހަކު ވަންކަމެއް އޭނާ ނުދެނަހުއްޓެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ ދެއަތިލައިގެ ތެރޭގައި އޮތް ފޯނަށެވެ. އަންބަރަށް ބަލަމުން ގޮސް ޖޫދު ހުއްޓުނީ އަލަމާރިއާއި ފާހާނާ އާ ދެމެދު ހުސްތަނުގައި ބަހައްޓާފައި ހުރި ފޮތް ހަރުގަނޑު ކައިރީގައެވެ. އެންމެ ތިރީގައި ހުރި ވަތްގަނޑު ހުޅުވާލާފައި އޭނާ ނެގީ މުސްހަފެކެވެ. ދެން ގޮސް އަލުން ސޯފާގައި އިށީނެވެ.

"ކަމަނާ،" ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން ޖޫދު ގޮވާލިއެވެ. އަންބަރަށް އިވޭ ކަމަކަށް ނުވިއެވެ. ދެވަނަ ފަހަރަށްވެސް ހަމަ އެނަމުން ޖޫދު ގޮވާލިއެވެ.

"ނަމާދުކުރިންތަ؟" އަންބަރް ޖަވާބެއް ނުދިނެވެ. މީހަކު އެއްޗެކޭ ކިޔާހެންވެސް އޭނާއަކަށް ހިއެއް ނުވެއެވެ. ޖޫދަށް މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނާގެ ކެތްތެރިކަމުގެ މައްޗަށް ރުޅިގަނޑެއް އިސްވާން އުޅުނެވެ. އެހެންނަމަވެސް އޭނާ ހެއްދެވިފަރާތް މަތިން ހަނދުމަކޮށް ރުޅިގަނޑުގެ މައްޗަށް ކުރި ހޯދިއެވެ. އެއްޗެއް ބުނަން އުޅެނިކޮށް ފޯނު ބާއްވާފައި އަންބަރް ތެދުވެއްޖެއެވެ. އޭނާގެ އިސްތަށިގަނޑު ހައްޔަރުކޮށްފައި އޮތް ދަތި ނައްޓާލާފައި ދޫކޮށް ހުޅިއެއް ޖަހާލިއެވެ. ކަންފަތް ކައިރިން ފައިބާފައި ހުރި ނުފޯރާ އިސްތަށިތައް އެއްފަރާތުން ކަންފަތުގެ ނިވަލަށް ލެއްވިއެވެ. އޭނާ ފާހާނާއަށް ވަދެފައި އައިސް އަލަމާރި މަތީގައި އޮތް މުސައްލަ ނަގައިގެން ކޮޓަރިއަށް ނަމާދަށް އެރިއެވެ.

އެމަންޒަރު ބަލަން އިން ޖޫދުގެ ހިތަށް ހީވީ ފިނިފިިނި ވައިރޯޅިއެއްގެ އަސަރު ކުރި ހެންނެވެ. ހޫނުގަދަ ދުވަހެއްގައި ކަރުހިއްކައި ގަނެފައިވާ މީހަކު ފިނި ފެން ކޯވަރެއް ދިރުވާލިޔަސް ކުރެވޭނީ އެފަދަ އިހުސާސެކެވެ. ހިތަށް ލިބުނު ހިތްހަމަޖެހުން ތުންފަތްމަތިން ފާޅުވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އެ ހިނިތުންވުން ފިލައިގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށް މުސައްލަ މަތީގައި އިން އަންބަރް ސަލާންދިންތަން ފެނިފައެވެ. ބޮލުގައި އޮތް ނަމާދު ދޮޅި ބޭލިގޮތަށް މުސައްލަ މައްޗަށް ގުޅަޔަކަށް ޖަހާފައި އޭގެ މައްޗަށް އިސްޓާކީންވެސް ޖެހިއެވެ. މުސައްލަ އޮޅާލާފައި އޮތް ތަނުގައި ބާއްވާފައި އަނެއްކާވެސް އޭނާ އެރީ އެނދަށެވެ. ފޯނު ނެގިގޮތަށް ފޭސްބުކުން ލޮގިންވެލައިފިއެވެ. ކުރިން އޭނާ ކުރަމުންދިޔަ މަސައްކަތަށް އަލުން ރުޖޫއަވެއްޖެއެވެ. އެހުރިހާ ކަމެއް ބަލަހައްޓައިގެން އިން ޖޫދު އިނީ ހައިރާންވެފައެވެ. އޭނަ އުންމީދު ކުރި ވަރަށް ވުރެވެސް އަންބަރް ގޯހެވެ. އަނބިމީހާގެ އުޅުން ފެނި ހިތުގައި ރިހުމެއް އުފެދިއްޖެއެވެ.

އެންމެފަހުން އޭނާ މުސްހަފް ލައްޕާލީ ކިޔެވުން އިތުރަށް ކުރިއަށް ނުގެންދެވިގެންނެވެ. އަންބަރް އެގޮތުގައި ރަނގަޅުވާނެ ދުވަހަކަށް އޭނާއަށް ދޫކޮށްލެވެން ނެތެވެ. ފާއިތުވާ ކޮންމެ ދުވަހެއްވެސް އެއީ ވަރަށް އަގުހުރި ވަގުތެކެވެ. ހަޔާތުން ބޭކާރުވެގެންދާ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. އަނބިމީހާ އެގޮތަށް ދޫކޮށްލައިގެން އޭނާ ކުރާ ހެޔޮކަމަކުން ލިބޭނެ އެއްވެސް ދަރުމައެއް ނެތެވެ. ތިމާގެ ބެލުމުގެ ދަށުގައިވާ އަނބިމީހާ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ ފިރިހެނުންނަށް ދައްޔޫސުންނޭވެސް ކިޔައެވެ. އެފަދަ ބިރުވެރި ނަމަކުން މީހަކު އޭނާ އާ މުހާތަބްކުރަން ދުވަހަކުވެސް އޭނާ ނޭދެއެވެ. އެންމެފަހުން އިންތަނުން އޭނާ ތެދުވެއްޖެއެވެ. މުސްހަފު އޮތް ތަނުގައި ބާއްވާފައި ގޮސް އެނދުކައިރީގައި ހުއްޓުނެވެ. އަންބަރް ފާޑަކަށް ބަލަހައްޓައިގެން ހުރެފައި އަންބަރްގެ އަތުތެރޭގައި އޮތް ފޯނު އަތުލައިފިއެވެ. އަންބަރަށް އޮވެވުނު ތަނެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވި ގޮތަށް ޖޫދު އަތުގައި އޮތް ފޯނު ޖަހައިގަނެފިއެވެ. އަދި ދެއަތުން ޖޫދުގެ މޭގައި އަޅާ ދުރަށް ކޮށްޕާލައިފިއެވެ.

"ކަލޭ ކޮން މޮޔައެއްވެގެންތަ ތިއުޅެނީ؟" އަންބަރް ހަޅޭއްލަވައިގަތެވެ.

"މަހެއް އުޅެނީ ކިހާ ވަރަކަށް އަހާ އަހާ ޖަވާބެއް ނުދިން ވިއްޔާ" ޖޫދު ބުންޏެވެ. އޭނާ އެނދުގައި އިށީނުމާއެކު އަންބަރު ދުރަށް ޖެހުނެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ފޯނުވެސް ޖޫދުގެ އަތުގައިނުޖެހޭ ހިސާބު ދުރުގައި ބޭއްވިއެވެ.

"ކޮން މަހެއްތަ؟ ކަލޭ ހަމަތަ؟" އަންބަރް ބުންޏެވެ. "ކީއްކުރަން މި އެނދަށް އެރީ" އަންބަރް ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. އޭނަ ހަރުކަށި ބެލުމަކުން ޖޫދަށް ބަލައިލާފައި ދުރަށް ބަލަން ފަށައިފިއެވެ.

"ކުރުދޮށީގަ މަސްބޭނީމެއްނު ދެންމެ އެތަނުގަ ހުރެ" ޖޫދު އެހިއެވެ. "އުމުރުން ފާއިތުވެގެންދާ ކޮންމެ ދުވަހެއް އެއީ ތިމާ މަރާ ކައިރިކުރަމުން ދާނެ ދުވަހެއް. އިސްލާހުވާން ތިހުންނަނީ ނޭވާ ހޮޅިއަށް އެޅެންދެކަށްތަ؟”

"އޯ ގޯޑް. ކަލޭގެ ތި ލެކްޗަރުތައް އަޑުއަހަން އަހަރެންނަށް ވަގުތެއްނެތް" އަންބަރް އެނދުން ފައިބައިގެން ގޮސް ލޯގަނޑު ކައިރީގައި ހުއްޓުނެވެ. ޖޫދު ފަހަތުން ގޮސް އަންބަރަށް ކުރިމަިވާނޭހެން ޑްރސިންގޓޭބަލްގައި ލެގިލައިގެން ހުއްޓެވެ.

"އެހެންނޫނަސް އަހަރެން ކޮންމެ ގޮތަކަށް ނަމާދު ކުރިޔަސް އެއީ ކަލެއަކާ ބެހޭކަމެއް ނޫން"

"އަހަރެންނާ ނުބެހެންޏާ ދެން ކާކާ ބެހޭނީ"

"ކޮންމެ މީހަކާ ބެހެވުނަސް ކަލެއަކާ ނުބެހެވޭނެ" އަންބަރްގެ އަޑު ދިޔައީ ހިނދަކަށްފަހު ހިނދެއް ބާރުވަމުންނެވެ.

"ބޮޑު އުނދަގުލެއް" ފޯނު ހިފައިގެން އަންބަރް ނިކުތީ ކޮޓަރިން ބޭރަށެވެ.

(ނުނިމޭ)