ހުޅުމާލެ އަމާން ވެއްޓަކަށް ނުހެދެނީ ސިޓީ ކައުންސިލަށް ލިބެން ޖެހޭ ބާރުތައް ނުދީގެން ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ހުޅުމާލޭގައި މިހާރު ހިންގަމުން ގެންދާ މާރާމާރީތަކާ ގުޅިގެން "ވަން' އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ޝުޖާއު ވިދާޅުވީ މާރާމާރީތަކާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި ހުޅުމާލެ އަމާން ވެއްޓަކަށް ހެދުމުގެ ވައުދު ފުއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން ފަހުން ގެނެވުނު އިސްލާހުގައި އެބައޮވޭ މައި ސިޓީ ކައުންސިލަށް ބާރުތައް އޮންނަ ކަމަށް. އެހެން ނަމަވެސް އެ ބާރުތައް އަޅުގަނޑުމެންނަށް ނުދީގެން މިއުޅެނީ. އަޅުގަނޑުމެން އެކަމާ މަޝްވަރާ ކުރަމުން މި ގެންދަނީ," ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އުންމީދަކީ މާލެ ސާވެއިލެންސް ކޮށް ނިމޭއިރު، މާލެއާއި ހުޅުމާލެވެސް ކުށް މަދު އަމަންއަމާން ވެއްޓަކަށް ހެދުން ކަމަށެވެ. އަދި ކޮވިޑުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވުމީ މިފަދަ ކުށްތައް ގިނަވުމަށް ހުޅުވޭ ދޮރެއް ކަމަށާއި އެކަން ހުއްޓުވުމަށްވެސް ހުޅުމާލޭ ފުލުހުންނާ މަޝްވަރާކުރައްވައި، އެފަދަ ކުށްތައް މަދުކުރެވެން ހުރީ ކޮން ކަންތައްތަކެއް ކޮށްގެންތޯ ބައްލަވާނެ ކަމަށެވެ. ވަރަށް އަވަހަށް ހުޅުމާލޭގައި އެވެއާނެސް ސެޝަންތަކެއް ފައްޓަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމުކޮށްލައިފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި ވަނީ ގްރޫޕަކުން ހަމަލާދީ ޒުވާނަކު ޒަހަމުކޮށްލައިފައެވެ.