އޮފީހަށް ގެއްލުމެއް ނުދީ ވަދެ، ކ. އަތޮޅު ކައުންސިލްގެ ތިޖޫރީ ފަޅާލައި ހުރިހާ ފައިސާއެއް އިއްޔެ ވަގަށް ނަގާފައިވާއިރު، އެ ތިޖޫރީގައި ގާތްގަނޑަކަށް 50،000 އާއި 100،000 އާއި ގާތްކުރާ އަދަދަކަށް ދިވެހި ރުފިޔާ ހުންނާނެ ކަމަށް ކ. ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވެއްޖެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ، ތިޖޫރީ ފަޅާލާފައި ހުރީ އިއްޔެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް މެންދުރު ދޭއް ގެ ފަހުން އަނެއް ދުވަހުގެ ހެނދުނު އަށެއް ޖަހަންދެން ސެކިއުރިޓީ ބަލަހައްޓަން މީހަކު ހަމަޖައްސައި ޑިއުޓީގައި ބަހައްޓާ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ތިޖޫރީގައި ހުރި ހުރިހާ ފައިސާއެއް ވަނީ ވަގަށް ނަގާފައި ކަމަށެވެ. އެ ތިޖޫރީގައި ހުރީ ކިހާ ފައިސާއެއްކަން ޔަގީން ނުވަނީ، ތިޖޫރީގައި ފައިސާ ބެހެއްޓުމުގެ ކަންކަން ކޮށްފައި އޮތީ ކުރަން އޮންނަ އުސޫލާ އެއްގޮތަށް ކަމުގައި ނުވާތީ ކަމަށާއި ނަމަވެސް ތިޖޫރީއަށް ފައިސާލުމުގެ ގަވާއިދުގެ ދަށުން، ތިޖޫރީއަށް ފައިސާ ލެވޭނީ ކޮންމެ ހަފުތާއަކުވެސް އެއް ފަހަރު ގުނުމަށް ފަހުގައި ކަމަށެވެ. އަދި ކޮންމެ މަހެއްގެ 20 ގެ ކުރީންވެސް ތިޖޫރީ ގުނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ފައިނޭންސް އޮފިސަރަށާއި މާލީ ޒިންމާދާރު ވެރިޔާއަށް ތިޖޫރީގައި ހުރީ ކިހާ މިންވަރެއްކަން ބުނެދެވޭން ވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އިއްޔެ ހެނދުނު 10:40 އިން ފެށިގެން ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވި ކަމަށާއި އަދި އިތުރު ތަހުގީގުތައް ފުލުހުން މިހާރު ކުރިއަށްގެންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ތިޖޫރީ ފަޅާލާފައި ހުރީ ކޮޑަދޮރަކުން ވަދެގެން ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ދޮރެއް ނުވަތަ ތަޅެއްވެސް ހަލާކުކޮށްފައި ނެތް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް ވިދާޅުވީ، ކ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް އިއްޔެ ހެނދުނު 8:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.