މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައި އިލެކްޝަން މުހައްމަދު ޝާފިއު ކާމިޔާބުކޮށްފިއެވެ.
މިއަދު ކުރިއަށްގެންދިޔަ މި އިންތިހާބަކީ މީޑީއާ ކައުންސިލަށް އާންމުންގެ ތެރެއިން ހޮވާ ހަތް މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވެގެން އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބައި އިލެކްޝަނެކެވެ.
މި އިންތިހާބުގައި ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. އޭގެ ތެރޭގައި ޝާފިއުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ އަހުމަދު ވަހީދު އަލީ އާއި އައިޝަތު ހުސެއިން މަނިކެވެ.
އޭގެ ތެރެއިން ޝާފިއު އިންތިހާބު ކާމިޔާބުކުރެއްވީ 57 ވޯޓު ހޯއްދަވައިގެންނެވެ. އަހުމަދު ވަހީދު އަލީއަށް ލިބިވަޑައިގެންނެވީ 36 ވޯޓެވެ. އަދި އައިޝަތު ހުސެއިން މަނިކަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
ހޯމް މިނިސްޓްރީ ހުންނަ ވެލާނާ ބިލްޑިންގެ ތިރީގައި ވޯޓުލުން ކުރިއަށްގެންދިޔަ މި އިންތިހާބުގައި ވޯޓުލުމަށް 103 ފަރާތަކުން ރަޖިސްޓަރީ ކުރި ނަމަވެސް ވޯޓުލާފައިވަނީ 93 ފަރާތަކުންނެވެ.
މީޑިއާ ކައުންސިލް އެކުލެވިގެން ވަނީ 15 މެންބަރުންގެ މައްޗަށެވެ. އޭގެ ތެެރެއިން އަށް މެންބަރުންނަކީ މީޑިއާގެ ދާއިރާއިން އިންތިހާބު ކުރާ އަށް މެންބަރުންނެވެ. ދެން ހިމެނޭ ހަތް މެންބަރުންނަކީ އެކި ދާއިރާތަކުން އާންމުންގެ ފަރާތުން މީޑިއާގައި ނުހިމެނޭ ފަރާތްތަކުގެ ތެރެއިން އިންތިހާބުކުރާ ހަތް މެންބަރުންނެވެ.
މި އިންތިހާބުގައި ވޯޓުލެވެނީ މީޑިއާތަކަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު