އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ބައިވެރިންނަށް ރައީސް އަބްދުﷲ ޔާމީން ފެނިލައި، މުޒާހަރާގައި ބައިވެރިވެވަޑައިގެންފިއެވެ.

"އިންސާފު ހޯދަން" މި ނަމުގައި މިއަދު ހަވީރު މުޅި ރާއްޖޭގައި އިދިކޮޅުން އިހުތިޖާޖު ކުރި އިރު، މާލޭގެ އެއްވުން ފަށާފައިވަނީ ޕީޕީއެމް/ޕީއެންސީގެ އޮފީސް ދޮރުމަތިންނެވެ. އެއްވުމުގެ ބައިވެރިން ކާނިވާ ސަރަހައްދަށް މިސްރާބު ޖެހި ނަމަވެސް ފުލުހުން ހުރަސް އެޅުމުން އަނެއްކާވެސް އައީ އެ ޕާޓީގެ އޮފީސް ދޮރުމައްޗަށެވެ. އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ރައީސް ޔާމީންގެ ގެކޮޅު ހ. ދޫވެހިގެ ކައިރިއަށް އެއްވެ، މުޒާހަރާގެ ބައިވެރިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލިއެވެ.

އެއާ އެކު ރައީސް ޔާމީން ވަނީ ކުޑަދޮރުން ބޭރަށް ބޯދިއްކުރައްވައި ޕީޕިއެމްގެ ދިދައަކާއި ގައުމީ ދިދައެއް ސަޕޯޓަރުންނަށް ވިހުރުއްވިއެވެ. އަދި އެ މީހުންނަށް އަތްޕުޅުން އިޝާރާތް ކުރައްވައި ވާހަކަފުޅުތަކެއް ދައްކަވާތީވެސް ފެނުނެވެ.