ވާހަކަ

ޖޫދް - 20

3

ވިހިވަނަ ބައި

ތަށިތައް ނަގަން ހުރި ނީލަމް ތެދުވެ ބަލައިލީ ކައިރީގައި މީހަކު ހުއްޓުނުހެން ހީވެގެންނެވެ. ކައިރީގައި ހުރި އައްމާރުގެ ނަޒަރު އޭނާއަށް ހުއްޓުމާއެކު އަތުގައި އޮތް ތަށިވެސް ދޫނުވީ ކިރިޔާއެވެ. އެތަނުން އައްމާރު ފެނިދާނެ ކަމަށް ދުވަހަކުވެސް އޭނާ ހީކޮށްފައެއް ނެތެވެ. އެއި ދުވަހަކުވެސް އޭނާ ބައްދަލުކުރަން ބޭނުންވި މީހެއްވެސް ނޫނެވެ. އޭނާގެ ހަޔާތުން ޑިލީޓްކޮށްފައިވާ މީހެކެވެ.

"ނި ން ނި" އައްމާރަށް ލިބުނު ކުއްލި ސިހުން އަދިވެސް ފިލައިގެން ނުދެއެވެ.

އެނދުމަތީގައި އިން އަންބަރް އެއްލި ކުޝަން އައިސް ޖެހުނީ ޖޫދުގެ މޫނުގައެވެ. އަނބުރާ އެ ކުޝަން ޖޫދު އެނދަށް އެއްލިއެވެ. އެއާއެކު ދެވަނަ ކުޝަން އައިސް ޖޫދުގެ މޫނުގައި ޖެހިއްޖެއެވެ.

"މޮޔަވީތަ؟" ޖޫދު ބުންޏެވެ. އޭނާގެ އަޑުގައި ރުޅިވެރިކަމެއްވެސް ހަރުކަށި ކަމެއްވެސް ނެތެވެ.

"އާނ. އަހަރެން މޮޔަވެއްޖެ. ކަލޭ އަހަރެންނާ ކައިރިނުވާތި" އަންބަރް ހަޅޭއްލަވައިގަތެވެ.

"ޝްޝްޝް... މަޑުން. މަންމައަށް އިވުނިއްޔާ އަންނާނެ. ހީކުރާނީ އަހަރެން އިބާއަށް އަނިޔާކުރަނީ ކަމަށް" އެނދުގެ ތަންކޮޅެއްގައި އިށީންނަމުން ޖޫދު ބުންޏެވެ.

"އައްޗީޑި. ކަލޭ އަހަރެންނަށް އިބާ ނުކިޔާތި. އެނަމުން އަހަރެންނަށް ގޮވަނީ އަހަރެން ވަރަށް ލޯބިވާ މީހުން" އަންބަރް ބުންޏެވެ. ރުޅިވެރިކަމާއެކު ވިޔަސް މިފަހަރު އޭނާގެ އަޑު މަޑެވެ.

"އޯކޭ. އަންބަރް. އެންމެ ރަނގަޅެއްނު"

"އަހަރެންނަށް ރަނގަޅީ އަހަރެންގެ ނަންވެސް ކަލޭ ނުކިއިއްޔާ. ބޮޑު ކަމެއް"

"އެންމެ ރަނގަޅު. ކަމަނާ. އަނބިގޮއްޔެ. އަމާނާތް. ވަސިއްޔަތް. ދޫނި. ބޭބީ" މިއިން ކޮންމެސް އެއް ނަމަކުން އަހަރެން ގޮވާނަން" ޖޫދު ބުންޏެވެ. ބުޅާ މަސްގަނޑަށް ބަލާ އުސޫލުން އަންބަރް އިނީ ޖޫދަށް ބަލަހައްޓައިގެންނެވެ.

ޖޫދު އެނދާ ކައިރިވަމުން ދިޔަ ވަރަކަށް އަންބަރްގެ ހިތް ބިރުގަންނަމުން ދިޔައެވެ. ނުދަންނަ މީހަކާއެކު ކޮޓަރިއެއްގައި ބަންދުވުމުން އޭނާގެ ހިތް ނުތަނަވަސްވެއްޖެއެވެ.

"ހެދުން ބަދަލުކޮށްލައިގެން ނިދާލާ. ކަމަނައަށް ބާއްޖަވެރި ރެއަކަށް އެދެން" އެނދުމަތިން ބާލީހެއް ނަގައިގެން ޖޫދު ހިނގައިގަތެވެ. ކޮޓަރިން ނިކުތުމުގެ ބަދަލުގައި އޭނާ އޮށޯތީ އެއްފަރާތުގައި ހުރި ސޯފާގައެވެ.

"ލައިޓް ނިއްވާލާ. އަހަރެންނަށް ނިދަން އުނދަގުވޭ" އިރުގަނޑެއްފަހުން ޖޫދު ބަލައިލިއިރުވެސް ގުޑާނުލާ އަންބަރް އެނދުގައި އިނެވެ. ލައިޓް ނިއްވާލަންވެސް ނޫޅުނެވެ. އެންމެފަހުން ޖޫދު ތެދުވެގެން ގޮސް ލައިޓް ނިއްވާލައިފިއެވެ.

"ކަލޭ ތިއުޅެނީ އަހަރެންނަށް އަނިޔާވެރިވާންތަ؟" އަންބަރް ބުންޏެވެ. "އަހަރެންނަށް އޭރުވެސް އިނގޭ ކަލޭ ތިއީ ރަނގަޅު މީހެއްނޫންކަން" އަންބަރްގެ އެ ޖުމްލައާއެކު ޖޫދުގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަންބަރަށް އެހާ އަވަހަށް އޭނާއަކީ ކޮންކަހަލަ މީހެއްކަން ކަނޑައަޅަން އެނގިގެން ނުވާނެއެވެ. ނުލަފާކަން ދައްކަން އޭނާ ކުރީ ކޮންކަމެއް ހެއްޔެވެ؟ ކައިވެނި ކުރި ފަހުން އަދި އިރުތަކެއް ނުވެއެވެ. ވީއިރު އެގޮތަށް ނުބުނެވޭނެއެވެ. އަނބިމީހާގެ އެ ވާހަކަތަކަށް ރައްދު ދޭން ބޭނުންވިޔަސް އޭނާ ހިމޭންވިއެވެ. ސޯފާގައި އިށީނދެފައި އޭނާ އަންބަރަށް ބަލައިލިއެވެ. އެނދުން ތެދުވެގެން ގޮސް އަންބަރް ކޮޓަރީގެ ހުރިހާ ލައިޓްތަކެއް ޖެއްސިއެވެ. ކުރެވުނުހާ ޖެއްސުމެއް އޭނާ ޖޫދަށް ކުރާނެއެވެ.

"އަހަރެން ނިދަންވީމަ ނޫނީ މިކޮޓަރީގެ ލައިޓްތައް ނިވައިގެން ނުވާނެ" އަންބަރް ބުންޏެވެ. އެނދުގައި އިށީނދެފައި ދެކަކޫ ގެނެސް ގަޔާ ކައިރިކޮށްލާފައި ކަކުލުގައި އޭނާ ދެއަތް އަޅުވާލިއެވެ. އަންބަރްގެ އެ އަމަލުން ޖޫދު ކައިރިއަށް ހިނިއައެވެ. ނުނިދާ އަނބިމީހާއާއެކު ސަމާސާ ކުރުމުގައި ވަގުތު ހޭދަކޮށްލަން އޭނާގެ ހިތް އެދުނެވެ. އެގޮތަށްވެސް ކައިވެނީގެ ފުރަތަމަ ރެއިން އުފާ ހާސިލުކުރެވިދާނެއެވެ.

"އަހަރެން ކަމަނާ އުރާލައިގެން ފާހާނާއަށް ގެންގޮސްދޭންވީތަ؟" ޖޫދު ބުންޏެވެ. "އެހެން މިބުނީ ހެދުން ބަދަލުކުރަންދާން މަސައްކަތަށް އިންހެން ހީވާތީ"

އަންބަރް ފުންމައިގެން ތެދުވިއެވެ. ހީވީ ބުރަކަށްޓަށް ކައްޓެއް ހެރިގެން ތެދުވި ހެންނެވެ. އޭނާ ހީކުރީ ޖޫދުގެ ޖުމްލަ ނިމޭއިރު ހުންނާނީ އޭނާ އުރާލައިގެން ކަމަށެވެ. އެނާ ކުއްލިއަކަށް ކޮޅަށް ތެދުވީ ޖޫދަށް އެ ފުރުސަތު ނުދިނުމަށެވެ.

"ޗީޑި. ކަލޭ އަހަރެންނާ ކައިރިވެގެންވެސް ނުވާނެ. ހަމަ ތެދެއް މިބުނީ އަހަރެންނާ ހަމައަށް އަޔަސް އަހަރެން މިގެއިން ނިކުމެގެން ދާނަން"

އަންބަރްގެ ކޮންމެ ޖުމްލައަކާއެކު ޖޫދުގެ ހިތަށް ތަދުވެއެވެ. އެހެންނަމަވެސް އޭނާ އެކަން ފާޅެއް ނުކުރެއެވެ. ކައިވެނި ކުރުމުގެ މާކުރިން އޭނާއަށް އަންބަރް އޭނާދެކެ ނަފްރަތުވާކަން އިނގެއެވެ. ނޭނގެނީ ނަފްރަތު ކުރަންވީ ސަބަބެވެ.

ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި ގޮތަށް ނީލަމްއަށް ދޮރުފަތުގައި ލެގެވިއްޖެއެވެ. އައްމާރު އާ އެއްތަނެއްގައި އެންމެ ހިނދުކޮޅަކުވެސް ހުންނަން އޭނާ ބޭނުމެއް ނުވިއެވެ. ތަށިތައްވެސް ހުރި ތަނުގައި ބަހައްޓާފައި އޭނާ އައީ އައްމާރު ވާހަކަދެއްކުމުން ޖަވާބެއްނުދީއެވެ. އޭނާ މަޑުމަޑުން ހިނގާލާފައި ގޮސް އެނދުގައި އިށީނެވެ.

"އައްމާރް، ކީއްކުރަން މިރަށަށް އައީ؟ އަހަރެން ހޯދަންތަ؟ ނޫން. އެއީ އަހަރެންނާ ބަލާފަ ކޮން ފެންވަރެއްގެ ބައެއް. އޭނަ އަހަރެން ހޯދާކަށް ނާންނާނެ. ނާންނާނެ. އެވާނީ އިއްތިފާގަކުން ބައްދަލުވީކަމަށް" ނީލަމް އޭނާގެ އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީގައި ހުރި އައްމާރުއަށް ވިސްނެނީއެވެ. ބައެއްފަހަރު އޭނާއަށް ހީލެވެއެވެ. އެއީ ހަމަ ޙަޤީޤަތްބާއޭ ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އަރައިފިއެވެ. 'ނިންނި' މަޑުމަޑުން އޭނާއަށް ކިޔައިލެވިއްޖެއެވެ. ހައިރާންވެފައި ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރިގޮތް އަދިވެސް އޭނާއަށް ފެންނަ ކަހަލައެވެ. "ނިންނި ކީއްވެ އަހަރެންނާ ވާހަކަނުދެއްކީ؟ އަދިވެސް އަހަރެން ލޯބިވާ ކަމަކަށް ޤަބޫލެއްނުކުރެވޭތަ؟" އައްމާރު ހިތަށް އެރިއެވެ. ދެފަރާތަށް ބޯހޫރާލާފައި ފޯނު ހިފައިގެން އައިސް އޭނާ އެނދަށް އެރިއެވެ. ފޯނު ރިންގުވާން ފެށީ ވެސް އެވަގުތުގައެވެ. އަރާފައި އިން ޔޫނުސް ގެ ނަން ފެނިފައި އައްމާރު ހިނިއައެވެ. އެ ކޯލު އޭނާއަށް އަންނާނެކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. ކަންތައްތައް ވެގެން ދިޔަގޮތުން އެވަގުތު މާގިނަ ވާހަކައެއް އޭނާއަށް ޔޫނުސް ކައިރީގައި ނުބުނެވުނެވެ. ފޯނަށް ޖަވާބުނުދޭން ހިތަށް އަރާފައިވެސް އެއީ އަދި ހައްލެއްނޫންކަން އިނގޭތީ އޭނާ ފޯނު ނަގައިފިއެވެ.

"މާދަމާ ކޮފީ އޮންނާނެ އިނގޭ" ފޯނު ނެގި ގޮތަށް ޔޫނުސް އެއްޗެއް ބުނުމުގެ ކުރިން އޭނާ ބުނެލިއެވެ.

"ކަމުދިޔައީތަ؟ ޔޫނުސް އެހިއެވެ. "ތިދެމީހުން އެކަކު އަނެކަކާ ވަރަށް މެޗުވޭ އިނގޭ"

"ހެހެހެ... ކަމުދިޔަކަން އިނގޭނީ ދެން މާދަމާ ބައްދަލުވީމަ"

"ނޫނޭ ކޮންމެސް ކަމެއްވެއްޖެ. ސީރިޔަސްކޮށް ބުނެބަލަ. ވީގޮތެއް ނޭނގެންޏާ އަހަރެންނަށް ނުވެސް ނިދޭނެ" ޔޫނުސް ބުންޏެވެ.

"މީހުން އަތުން ކަނޑަށް ގެއްލޭ އެއްޗެހި ހޯދުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު އަހަރެންގެ ނަސީބު އަތުގައި ހިފައިފި. އަލްޙަމްދުލިﷲ"

"ތިބުނީ؟ ނުވިސްނުނު. އަނެއްކާ އެއީ ކުރިން ކަނޑަށް ގެއްލުނު މަންޖެއެއްތަ؟

"ހެހެހެ... އަހަރެން އަތުން ކަނޑަށް ގެއްލުނު ވަރަށް އަގުބޮޑު ޖަވާހިރުކޮޅެއް ފެނިގެން މިއުޅެނީ" އައްމާރު ބުންޏެވެ. "މިގަޑީގަ ބުނެވޭނެ ވަރަށް މިބުނީ. ތަފްސީލަކަށް ދެވޭނީ މާދަމާ"

ގަޑިން ދޭއް ޖަހަން ކައިރިވެއްޖެއެވެ. އަންބަރްގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ކޮޓަރި ތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭންކަމެވެ. އިށީނދެގެން އިނދެ އިނދެ ވަރުބަލިވެގެން ޖޫދު ހުރީ ކުޑަދޮރު ކައިރީގައި ކޮޅަށެވެ. އެހެން ހުރެފައި އިރުކޮޅަކާ އޭނާ އަންބަރަށް ބަލައިލައެވެ. ދޭތެރެއަކުން ސަމާސާއަށް އެއްޗެއް ބުނެލަނީ ޖޫދެވެ. އެއިން ކޮންމެ އެއްޗަކަށް އަންބަރް ޖަވާބުދެނީ ރުޅިވެރިކަމާއެކުއެވެ.

"އަހަރެމެން ދެމީހުންގެ ފަސްޓް ނައިޓް ކިހާ ޔުނިކް" އަންބަރާ ދިމާލަށް އެނބުރިލަމުން ޖޫދު ބުންޏެވެ. "ނޫންތަ؟"

"މިގަޑީގަ ކީއްކުރަން ތިއުޅެނީ؟" ކޮޓަރީގައި ހުރި އަލަމާރީގެ ދެ ދޮރުފަތް ހުޅުވާލައިގެން އަންބަރް ހުރުމުން ޖޫދު އެހިއެވެ.

"މިއަލަމާރިން ކަލޭގެ އެއްޗެހި ނަގާ. އަހަރެން ބޭނުމެއްނޫން އަހަރެންގެ ހެދުމެއްގައިވެސް ކަލޭގެ އެއްޗެއް ޖެހޭކަށް" އަންބަރް ބުންޏެވެ. ޖޫދު ހިނިއައެވެ.

"އަހަރެން އެއްޗެއް އެބަހުރިތަ؟" ޖޫދު ބުންޏެވެ. ރަނގަޅަށް ބަލާ ޗެކް ކޮށްބަލަ"

“ދެން މިއީ ކޯޗެއް ފަތްޖަހާފަ" އަލަމާރީގެ ތިންވަނަ ދޮރު ހުޅުވާލާފައި އޭގައި ފަތްޖަހާފައި އޮތް އެއްޗެއް ދަމައިގަންނަމުން އަންބަރް ބުންޏެވެ. އޭނާ މައިތިރިވީ އެނދުގައި އަޅާ ބެޑްޝީޓް ނިއުޅުވިގެން ތިރިއަށް ފޭބުމުންނެވެ. އަންބަރް މޫނު ހަދާލިއެވެ.

"އަހަރެން ހުންނާނީ މާކުރިން ތި އަލަމާރިން އަހަރެންގެ އެއްޗެހި ނަގާފަ. ތިއެނދަކީވެސް އަލަމާރިއަކީވެސް ޑްރެސިންގް ޓޭބަލަކީވެސް އަހަރެންގެ އަނބިގޮއްޔެގެ އެއްޗެހި" ޖޫދު ބުންޏެވެ. "އެކަމަކު ބުނަން ފާހާނާ ބޭނުންކުރާނީ އަހަރެމެން ދެމަފިރިން"

އައި ރުޅިން އެއްޗެއް ނުބުނެ އަންބަރް ގޮސް އެނދަށް އެރިއެވެ. އޭނާއަށް އިތުރުގޮތެއް ނެތިގެން ކަހަލައެވެ. ހީލަމުން ޖޫދު ގޮސް ސޯފާގައި އިށީނެވެ. އަންބަރް ތެދުވޭތޯ ބަލަން އިރުކޮޅަކު އޭނާ އިނެވެ. އޮށޯތީ އަންބަރް ނިދީ ކަމަށް ބަލާފައެވެ. ނިތްމައްޗަށް އަތް އެއްލައިގެން އޮވެފައި ކޮޓަރީގައި މީހަކު އުޅޭހެން ހީވެގެން އޭނާ ބަލައިލިއެވެ. އަންބަރް ފެނުމުން އޭނާ ހައިރާންވިއެވެ. އެނދު ކައިރީގައި ދެކޮޅަށް ހިނގަން އަންބަރް ހުއްޓެވެ. މިއީ ކޮންކަހަލަ އަންހެންކުއްޖެއް ބާއޭ ޖޫދުގެ ހިތަށް އެރިއެވެ. މިނިވަންކަމާއެކު އުދުހެމުން ދިޔަ ކޮކާލެއް ފިޔަކޮށާލާފައި ކޮއްޓެއްގައި ހައްޔަރުކުރެވުނު ކަމުގެ އިހުސާސެއް ޖޫދަށް ކުރެވުނެވެ. އަންބަރް އެއުޅެނީ ނުނިދިގެންބާއެވެ؟ ނިދާތަން ބަދަލުވީމަ އުނދަގުވަނީ ހެއްޔެވެ؟ ނޫނީ އަހަރެން ގޯނާއެއް ކޮށްފާނެ ކަމަށް ހީވަނީ ހެއްޔެވެ؟ ކޮންމެއަކަސް އެހާލަށް އަންބަރް ދޫކޮށްލާފައި ނިދާކަށް ޖޫދުގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން އަނެއްކާވެސް އޭނާ ތެދުވެ އިށީނދެއްޖެއެވެ. ނިދާގަޑި ފަހަނައަޅާ ދިޔުމުން ތާއްޔާ ޖެހެމުންދިޔަ ޖޫދު ސިހުނީ ހަރުކޮށް ހިނގާލާފައި ދިޔަ އަންބަރް އެނދުގެ އަނެއްފަރާތަށް ގޮސް ހުއްޓުމުންނެވެ. ހައިރާންވެފައި ޖޫދު ބަލަހައްޓައިގެން ހުއްޓާ ކޮޓަރީގައި ދިއްލާފައި ހުރި ހުރިހާ ލައިޓްތަކެއް އަންބަރް ނިއްވާލައިފިއެވެ. އެއަށްފަހު ނިދާ ލައިޓް ޖެއްސިއެވެ. ކޮޓަރިއަށް ފެތުރިގެން ދިޔަ ރަތްކުލައިގެ ފަނޑު އަލިކަމުގެ ތެރެއިން ވަށާލާފައި ގޮސް އެނދުގައި އަންބަރް އޮށޯތްތަން ފެނުނެވެ. އޭނާ ހިތަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.

ދަމު ނަމާދުކޮށް ނިމިގެން ޖޫދު އައިސް ހުއްޓުނީ އަންބަރް ނިދާފައި އޮތް އެނދު ކައިރީގައެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ނިދާފައި އޮތް އަނބިމީހާގެ މޫނަށް ޖޫދު ބަލައިލިއެވެ. ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟ ރީތި ކުއްޖެކެވެ. މައުސޫމު މޫނެކެވެ. އަންބަރްގެ މޫނުގައި ފިރުމާލަން ޖޫދަށް އަތް ހިއްލާލެވުނީ ބޭއިހްތިޔާރުގައެވެ. ތި ރީތިކަމުގެ ފަހަތުގައި ތިވަނީ ޝައިތާނީ ކުލަވަރެވެ. ހާދަހާ ނަސީބުދެރަ ކުއްޖެކެވެ. ފަތިސްނަމާދުގެ ބަންގީގެ އަޑު ޖޫދުގެ ކަންފަތުގައި ޖެހުނީ އެހެން ހުއްޓައެވެ.

ފާހާނާއަށް ވަދެ އަލުން ވުޟޫކޮށްލައިގެން ނިކުމެ ޖޫދު ހުއްޓުނީ އަންބަރް ނިދާފައި އޮތް ފަރާތުން އެނދު ކައިރީގައެވެ. ނަމާދުކުރަން އަނބިމީހާއަށް ގޮވަން އޭނާ ފަސްޖެހުނެވެ. އެހެންނަމަވެސް އަނބިދަރިން ލައްވާ ނަމާދުކުރުމަކީ ފިރިއެއްގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ވާތީ މަޑުމަޑުން އަންބަރަށް ގޮވިއެވެ. އަންބަރަށް ހިލަމެއް ނުވިއެވެ. އެންމެފަހުން ޖޫދު ކޮޓަރީގެ ހުރިހާ ލައިޓްތަކެއް ޖެއްސިއެވެ. އަންބަރަށް ގޮވަން އޭނާ ގައިގައި އަތްލާކަށްވެސް ނުކެރުނެވެ. އެހެންކަމުން ޖޫދު ވިސްނީ އެހެން ގޮތެކެވެ. ފޯނުން ބަންގި ޖަހާފައި އަންބަރްގެ ކަންފަތް ކައިރީގައި ބޭއްވިއެވެ. "މިދެން ކިހާ ދެރަކަމެއް؟" ބަންގީގެ އަޑު އިވުމުން އަނބިމީހާގެ ދުލުން ބޭރުވި ބަސްތައް އަހާފައި ޖޫދު ހައިރާންވިއެވެ. އެހާވަރަށް އިސްލާމްދީނާ މެދު ޣާފިލުވެފައިވާ ކުއްޖެއް ހެއްޔެވެ؟

"ފަތިސްނަމާދު ކުރަން ތެދުވޭ. މިގޭގަ ނަމާދުނުކުރާ މީހަކަށް ނޫޅެވޭނެ" އަންބަރަށް ހޭލެވުނުކަން އިނގުމުން ޖޫދު ބުންޏެވެ. އުނދަގުލާއެކު ދެލޯ ހުޅުވާލިތަނާ އަންބަރް ހަނދާންވިއެވެ. އޭނާއަށް އޮވެވުނީ އަމިއްލަ ގޭގައި އަމިއްލަ އެނދުގައި ނޫންކަން ހަނދާންވިއެވެ.

"ކަލޭ ހީކުރީ މަށަކީ ނަމާދުނުކުރާ މީހެއް ކަމަށްތަ؟" ނިންޖާ ހެދި ރަނގަޅަށް ދެލޯ ނުހުޅުވިގެން އުޅުނުއިރު ވެސް އަންބަރް ދިމާކުރީ ޒުވާބު ކުރާށެވެ. ކޮންމެއަކަސް އަންބަރްގެ އެ ޖުމްލައިން ޖޫދުގެ ހިތަށް ފިނިކަމެއް ގެނުވިއެވެ.

"އަހަރެން މިދަނީ މިސްކިތަށް" ޖޫދު ހިނގައިގަތެވެ. ޖޫދު ދިޔަކަން ޔަޤީންކޮށްފައި އަންބަރް އަނެއްކާ އޮށޯތެވެ. އެހެންނަމަސް ނިދޭގޮތެއް ނުވިއެވެ. ސުމައްޔާގެ ފޯނު އަންނަން ފަށައިފިއެވެ. މުޅި މޫޑު ހަރާބުވިއެވެ. ނިދިވެސް ފިލައިގެން ދިޔައެވެ. އެންމެފަހުން ބަދަލުކުރާނެ ހެދުމެއް ހިފައިގެން ގޮސް އޭނާ ފާހާނާއަށް ވަދެއްޖެއެވެ.

ވަޒީފާއަށް ދާން ތައްޔާރުވާން ހުރި އައިމަންގެ ފަހަތުގައި އަލިޝްބާ ހުއްޓުނެވެ. ހީލާފައި އޭނާ އައިމަންގެ ފަހަތުން ބައްދާލިއެވެ. އައިމަންގެ ވަފާތެރިކަމާ އޯގާތެރިކަމަކީ އޭނާއަށް ކޮންމެ ދުވަހަކު ހުޅުވާލެވޭ ހަދިޔާ ފޮށްޓެކެވެ. އެއީ ދުވަހަކުވެސް އޭނާ ބަދަލުވާން ނޭދޭ ޙަޤީޤަތެކެވެ.

"މިއަދު ހާދަ އުފަލުން ހުރިހެން ހީވެޔޭ؟ އައިމަން ބުނެލިއެވެ. އަލިޝްބާ ހީލިއެވެ. އައިމަންގެ ކުރިމަތީގައި ހުއްޓިފައި ކަރުގައި އޮތް ޓައީ ރީތިކުރަން ފެށިއެވެ.

"ވަރަށް އުފަލުން. އެކަމަކު..." އަލިޝްބާ ބުންޏެވެ. "އައިމަންއަށް ހީވަނީ ކިހިނެއް؟"

"ތިބުނި އެއްޗެއް ނޭނގުނު" އައިމަން ބުންޏެވެ.

"ހީވޭތަ އިބާކޮއްކޮ ރަނގަޅުވެދާނޭ. ރޭގަ އޭނަ ކަންތައްކުރާނެ ގޮތެއް ނޭނގޭތީ މަށަށް ރަނގަޅަށް ނުވެސް ނިދޭ" އަލިޝްބާ ބުންޏެވެ.

"ހެހެހެ... ލިބާއަށް އިހުސާސެއް ނުވޭތަ؟ އަހަރެންނަށް އިހުސާސްވި" އައިމަން ބުންޏެވެ.

"ކޮންކަމެއް. އަހަރެންނަށް ނުވޭ" ހައިރާންވެފައި އަލިޝްބާ ބުންޏެވެ.

"މިހާރު އަރާ ތޫފާންތަކަށް ނަން ދީފައެއްނު ހުންނަނީ. ރޭގަ ޖޫދުގެ ކޮޓަރިއަށް އެރީ އިބާގެ ނަމުން ނަން ދީފައިވާ ތޫފާނެއް" ސަމާސާ އެކުލެވޭ ރާގެއްގައި ޖޫދު ބުންޏެވެ. ނުހޭން ހުއްޓަސް އަލިޝްބާއަށް ހެވިއްޖެއެވެ. އަންބަރް ތޫފާނަކަށްވެސް ދޫނުކުރާނެކަން އޭނާއަށް އިނގެއެވެ. "ޖޫދު ފަކީރު ނޮޅާ ކައިނުލިއްޔާ ރަނގަޅު"

"މިއަދު ޖޫދު ގޮވައިގެން ކޮފީއަކަށް އަރާލީމަ އިނގޭނީ އެ ދެމީހުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުން"

ގޭތެރެއިން ދެ އަންހެންދަރިން ފެނުމުން ސުމައްޔާގެ ހިތްހަމަޖެހުނެވެ. ހަވީރުގެ ވަގުތެއްގައި އަލިޝްބާއާއެކު އަންބަރް އެގެއަށް އައީ ސުމައްޔާ ފޯނުކޮށްފައި އަންނަން ބުނެގެންނެވެ. އޭނާ އެދުނީ އެކުދިންގެ ފިރިންވެސް ގޮވައިގެން އައުމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް މީހަކަށް ނާދެވުނެވެ. ދެ އަންހެންދަރީން ގޮވައިގެން އޭނާ ސައިމޭޒު ދޮށުގައި އިށީނެވެ. އިރުކޮޅަކުން ޙާތިމްވެސް ސައިގައި ބައިވެރިވާން އައެވެ.

"އިބާ، ދަރިފުޅު ރަނގަޅުތަ؟" ސުމައްޔާގެ ފުރަތަމަ ސުވާލު އަމާޒުވީ ފޯނާ ކުޅެން އިން އަންބަރަށެވެ.

"ދަރިފުޅާއޭ މަންމަ ވާހަކަމިދައްކަނީ" އަންބަރްގެ ފަރާތުން ޖަވާބެއް ނައުމުން ދެވަނަ ފަހަރަށް ސުމައްޔާ ގޮވާލިއެވެ. މޭޒުމަތީގައި ބަންޑުން ފޯނު ބާއްވާފައި އޭނާ އާއިލާއަށް ސަމާލުކަންދިނެވެ.

"މަންމަ އެހީ ދަރިފުޅަށް ޖޫދު ރަނގަޅު ހޭ؟" ސުމައްޔާ ޖޫދަށް ޝައްކެއް ނުކުރެއެެވެ. އެހެނަސް އޭނާ ބޭނުންވަނީ އެ ސުވާލަށް ހަގު ދަރިފުޅުގެ ފަރާތުން އަންނަ ޖަވާބެއް އަހާށެވެ.

"ދެން ރަނގަޅުވާނެތާ. އަދި އެހެންނޫނަސް ނޭނގޭނެއްނު" އަންބަރް ބުންޏެެވެ. އަންބަރްގެ އެ ޖަވާބު އަހާފައި ސުމައްޔާ މުޅިއަކުން ހިތްހަމައެއް ނުޖެހުނެވެ. އެހެންނަމަވެސް ދިރިއުޅުމާ ގުޅިގެން މާބޮޑު ވާހަކަތަކެއް އޭނާ އަންބަރާ ނުދައްކައެވެ.

"މިއަދު ތިދެކުދިން ގެއަށް މިގެނައީ މަންމައާއި ބައްޕަ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން" ސުމައްޔާ ބުންޏެވެ. އަލިޝްބާ އަދި އަންބަރް އެކަކު އަނެކަކަށް ނަޒަރެއް ދިނުމަށްފަހު ދެން ބަލައިލީ ސުމައްޔާއަށެވެ.

ހަވީރުގެ ހިތްގައިމު އެވަގުތުގެ އުފާވެރިކަން ހޯދަން އެތައް ބަޔަކު މަގުތަކަށް ނިކުމެ އުޅެމުން ދިޔައެވެ. އެހެންނަމަވެސް އެކަކު އިނީ ދެވަނަ ފަހަރަށް މީހެއްގެ ކުރިމައްޗަށް އަރަން ޖެހިދާނެތީ ދޮރާ ހަމައަށްވެސް ނިކުންނަން ބޭނުންނުވެފައެވެ. ފެންވަރައިގެން ނިކުތްގޮތަށް ނީލަމް އަލާމާރިން ބޮޑު ކަޅު ހެދުމެއް ނެގިއެވެ. އެއީ އޭނާ އަލިޝްބާއާއެކު ކުރި ވިޔަފާރިން ގަތް ހެދުމެވެ. ރޭގައި މޫނު އަޅަން އުޅެފައި ފަސްކޮށްލެވުނީތީ މިހާރު އޭނާ ދެރަވެއްޖެއެވެ. މޫނު އަޅާފައި ހުރިނަމަ އޭނާ އެއީ ކާކުކަން ދެނެގަންނަން އައްމާރަށް ނޭނގުނީހެވެ. އެހެންނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. ބޭނުންވަނީ އެއްފަހަރު ފެނިފައި އަނެއްކާވެސް ގެއްލޭށެވެ. ލޯގަނޑު ކުރިމަތީގައި ހުރެ ތައްޔާރުވުމަށްފަހު އެންމެފަހު ކަމަކަށް އޭނާ މޫނުފޮތިކޮޅު ބޮލާއެކު އައްސާލިއެވެ. މޫނު މައްޗަށް ވެއްޓުނު ކަޅު ކުލައިގެ ތުނި ފޮތިކޮޅު ބޯމައްޗަށް އެއްލިއެވެ. އެއާއެކު ފާޅުވެގެން ދިޔައީ އޭނާގެ ދެލޮލެވެ. ފުރަތަމަ ފަހަރަށް ވާތީ ނޭވާ ހާސްވުމުގެ އުނދަގުލާ ބޮލުގައި ރިއްސުން އޭނާއަށް ދިމާވަމުން ދިޔައެވެ. އެހެންނަމަވެސް އެއީ ވަގުތީ އުނދަގޫތަކެއް ކަން އޭނާއަށް އިނގެއެވެ. އާޚިރަތުގެ ފިންޏަށް ބަލާފައި އެ ވޭންތަކަކީ އެއްވެސް އެއްޗެއް ނޫނެވެ. ފަހުކަމަކަށް ދެއަތަށް އަންގި ލެއްވުމަށްފަހު ފަޔަށް އިސްޓކީނު މަހައިގެން އޭނާ ކޮޓަރިން ނިކުތެވެ.

"ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް އަހަރެން ދުވަހަކުވެސް މިއެއް ނުބާލާނަން" ހިތާހިތާ ނީލަމް ބުންޏެވެ.

ގޭ ދޮރުމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން އަލިޝްބާއަށް ދޮރުމަތީގައި މޫނު ބުރުގާ އަޅާފައި ހުރި އަންހެންމީހާ ފެނުނެވެ. އެއީ ކާކުކަން ނޭނގޭތީ އޭނާއަށް ވާހަކަދައްކަން ނުކެރުނެވެ. އެކުގައި ވަދެގެން އައި އަންބަރް މަޑުނުކޮށް ދިޔައީ ލިފްޓާ ދިމާލަށެވެ.

"ލިބާ،" އަލިޝްބާއަށް ނޭނގުމުން ނީލަމް ކައިރިއަށް ހިނިއައެވެ. އެހެންކަމުން އަލިޝްބާއަށް އޭނާއަށް ގޮވާލެވުނީސް ފާޑަކަށް ހެވިފައެވެ.

"ރިއަލީ ނީލޫ..." އަލިޝްބާ ބުންޏެވެ. އުފަލުން އޭނާއަށް ނީލަމްގެ ކޮނޑުގައި ހިފަހައްޓާލެވިއްޖެއެވެ.

"އަސްލަށްވެސް ނޭނގުނު" އަލިޝްބާ ބުންޏެވެ. "ކިހިނެއްވަނީ؟ އުނދަގުތަ؟"

"އުނހު. ކުޑަކޮށް ބޮލުގައި ރިއްސަނީ" ނީލަމް ބުންޏެވެ.

ވާހަކަދައްކަމުން ގޮސް ދެކުދިން ވަނީ އަލިޝްބާގެ ބަޔަށެވެ. ކޮފީ ގިރައިގެން އައިސް މަޑުކޮށްލީ ސިޓިންރޫމުން ބޭރަށް ނިކުމެވޭ ބެލްކަނީގައެވެ. ގޭތެރެއިން އެއްވެސް މީހަކު ނުފެންނާތީ ދެކުދިންވެސް ތިބީ މޫނުފޮތިކޮޅު ނަގައިގެންނެވެ.

"އަހަރެންނަށް ރޭގަ ޕާޓީ ތެރެއިން އައްމާރު ފެނިއްޖެ" ނީލަމް ބުންޏެވެ. އަލިޝްބާގެ ދެބުމައަށް ރޫއެރިއެވެ. އެއީ ކާކު ކަމެއް އޭނާއަށް ނޭނގުނެވެ.

"އައްމާރު؟" އަލިޝްބާ ކިޔާލިއެވެ. "ކާކު؟ ނޭނގުނު"

(ނުނިމޭ)