ރ. އަލިފުށީގައި ގާއިމުކުރަން ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ، އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފައެވެ.

ރައީސްގެ ދެ ކަނބަލުން މިހާރު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅު އަލިފުށި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފައެވެ. ރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް މިވަގުތު ބޭނުންވާ އެންމެ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

އެގޮތުން އަލިފުށި ކައުންސިލުން ވަނީ ރަށުގައި ގެދޮރު އެޅުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދައިދެއްވުމަށާއި އަދި އަލިފުށީ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ ހުރި ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މަސައްކަތް ކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައްވެސް ރައީސާ ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަލިފުށީގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން އަލިފުށީގައި މިޑް ރޭންޖްގެ 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އަދި ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މައުލޫމާތު ރައީސް ވަނީ ހިއްސާކުރައްވައިފައެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ކޮމިޓީން ހުށަހަޅާފައިވާ ކަންކަމުގައި ސަރުކާރުން ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަލިފުށީގެ ހޮސްޕިޓަލްގެ މަސައްކަތް ފެށުން ލަސްވަމުންދާތީ، ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރުމުގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ އިއްޔެ ވިދާޅުވެފައެވެ.