ވަޒީފާއަށް ގާބިލު ދިވެހިންނަށް ވަޒީފާ ނުދީ ބޭރުގެ މީހަކަށް ވަޒީފާ ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިރޭ ފެނިގެން މި ދިޔައީ ސަރުކާރުން ހިންގާ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށެވެ. އަދި އަލިފުށީގައި ހުޅުވުނު ޖޮބް ސެންޓަރަކީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެވުން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ވަޒީފާ އިއުލާނުކުރުމުން ފެށިގެން ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ޝޯޓްލިސްޓް ކުރުމާއި އިންޓަވިއުކޮށް، ވަޒީފާއަށް ހޮވުމާ ހަމައަށް ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އިތުރަށް ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މުސްތަގުބަލުގައި ބޭނުމަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދުކުރުން. ރާއްޖޭގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދިނުން. މި މަސައްކަތް ފެށިގެން ދާއިރުގައި ވަޒީފާއަކަށް އެދި ރަޖިސްޓާކޮށް ވަޒީފާ ބޭނުންވާ އަދި ކަމަށް އެކަށީގެންވާ މީހަކު ހުރެއްޖެ ނަމަ އެމީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުސަތެއް އެމްއީޑީ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް) އަކުން ނުދޭނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގެ ކައުންސިލާ ގުޅިގެން އެ ރަށެއްގައި ޖޮބް ސެންޓަރުގެ ޑެސްކެއް ގާއިމް ކުރުން ކަމަށެވެ. އަދި މޮބައިލްކޮށް އެ މަސައްކަތް ފަށައިގަތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެގޮތުން މި ފަށާ މަސައްކަތާ އެކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމުކުރެވިގެންދާނެ. އޭގެ އެއް ސެންޓަރުގެ މަސައްކަތް އަލިފުށީގައި ފެށިގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރުން މީހުން ގެނައުން މަދުކުރުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު 56،000 މީހުންނަށް ވޯކް ޕާމިޓް ދޫކުރެވިފައިވާއިރު، އެ އަހަރު ނިމުނު އިރު 51،000 މީހުން ވަޒީފާއަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ވޯކް ޕާމިޓް ހުއްދަ ދީފައި ވަނީ އެންމެ 8،900 މީހުންނަށް ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައިވަނީ 6،900 މީހުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަހަރުގެ ބާކީ އޮތް މުއްދަތުގައި މީހުން ގެނައި ނަމަވެސް، ކުރީ އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑުތަން މީހުން ގެނައުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިއީ އެ މަސައްކަތް ކާމިޔާބުވާކަމުގެ ނިޝާނެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު