ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނޭ ޑޮކްޓަރުންނާ ގުޅުން އޮންނަ ކްލިނިކުތަކުން ޕީސީއާރު ޓެސްޓްގެ ފޭކް ނަތީޖާތަކެއް ދޫކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފް ތުހުމަތު ކުރައްވައިފިއެވެ.

ހދ. ނޮޅިވަރަމާއި، ނޮޅިވަރަންފަރުގައި ކޮވިޑް ފެތުރުން އިތުރުވެފައިވާތީ އެ ދެރަށަށް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ފޯރުވައިދިނުމަށް ސަރުކާރަށް ގޮވާލައި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަމުން އަފީފް ވިދާޅުވީ، އަތޮޅުތަކުގައި ކޮވިޑް ފެތުރުން އިތުރުވަމުން ދަނީ އެކަން ހުއްޓުވުމުގެ މަސައްކަތުގައި ތިބި މީހުންގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

އެގޮތުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް މަކަރު ހަދަމުންދާ ކަމަށް އަފީފް ތުހުމަތު ކުރައްވައި ވިދާޅުވީ އެކަމުގެ ސަބަބުން ކޮވިޑް ފެތުރުން ހުއްޓުމަކަށް ނުގެނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ފޭކް ނަތީޖާ ދޫކުރުމުގެ މައްސަލައަކީ ވަރަށް ކަނބޮޑުވާންޖެހޭ މައްސަލައެއް ކަމަށާއި ހެލްތު މިނިސްޓްރީން އެކަން ބަލަންޖެހޭ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

އަފީފު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ކޮވިޑްގެ ފޭކު ނެގެޓިވް ނަތީޖާ ހަދައިދެމުންދާ މައްސަލަތަކެއް މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން މީގެ ކުރިން "ވަން" އަށް ވިދާޅުވެފައި ވަނީ ކޮވިޑްގެ ފޭކު ނެގެޓިވް ނަތީޖާ ބައެއް ފަރާތްތަކުން ހަދައިދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.