ކަންކަން ހިނގަމުންދާގޮތް ބަލާނުލައި، ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަދުނާމުވާގޮތަށް، ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމަކީ ވަރަށް ދެރަކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

ހުސެއިން ޝަމީމު މިހެން ވިދާޅުވީ، ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން، އާއިލާތަކަށް ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގަ އާއި ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހުތިޔާރު ކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށްބުނެ އެކަން ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، އެ ވައުދު ސަރުކާރުން ނުފުއްދާކަމަށް ވިދާޅުވެ މައްސަލަ ހުށަހެޅުމަކީ ދެރަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ބޮންޑޭ އަށްވުރެ ބޮޑަށް އޭނާ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ބޮންޑޭ ވިދާޅުވާއިރު، 4000 ހައުސިން ޔުނިޓްގެ އިންޖިނިއަރިންގެ މަސައްކަތްތަކާބެހޭ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ ޕްރޮޖެކްޓްގެ ލޯނު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެތިން މަސް ފަހުން އިތުރު 2000 ހައުސިން ޔުނިޓް ޕްރޮޖެކްޓުގައި ސަރުކާރުން ސޮއިކުރާނެ ކަމަށާއި އެޗްޑީސީއާ އެކު ކުދި ކުންފުނިތައް ހިމެނޭގޮތަށް 500 އަށްވުރެ ގިނަ ހައުސިން ޔުނިޓްގައި ސޮއިކުރެވި، އަމަލީ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ހުޅުމާލޭގެ ކޮންމެ ސަރަހައްދަކުން ގޯތިދޭން ނިންމަވާނެ ކަމަށާއި މާލޭ ކައިރި ސަރަހައްދަކުން ބޮޑު ބިމެއް ހިއްކައިގެން ބިންދޫކުރުމުގެ މަސައްކަތް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށްވެސް ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ އެ މައުލޫމާތުތަކަކީ ކޮންމެ މެންބަރަކަށް ވެސް ސާފު ކޮށްލެވޭނެ ކަންތަކެއް ކަމަށާއި ނަމަވެސް އެކަންކަން ސާފުކޮށްނުލައި، ރައްޔިތުންނަށް އޮޅުން އަރާގޮތަށް ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ކެބިނެޓް ބަދުނާމުވާގޮތަށް މަޖިލީހަށް މައްސަލަ ހުށަހެޅުމަކީ ދެރަ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.