ޚަބަރު

ކަޅުދިޔަފުށި ވިއްކާލަން އަނެއްކާ އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމެންޓުން ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނެގީ 2016 ވަނަ އަހަރުއެވެ. އެފައިސާ ނުދައްކައިގެން ބީއެމްއެލް އަށް އެ ރަށް ނަގާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެނެވެ.

ބީއެމްއެލް އިން ވަނީ ސެޕްޓެމްބަރު 2019ގައިވެސް އެ ރަށް ވިއްކާލުމަށް އިއުލާނުކޮށްފައެވެ. އެފަހަރު ވިއްކާލުމަށް އިއުލާނުކުރީ 29.5 މިލިއަން ޑޮލަރު (454.9 މިލިއަން ރުފިޔާ) އަށެވެ.

ބީއެމްއެލް އިން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން ނީލަމުގެ އުސޫލުން އެރަށް ވިއްކާލަން ވަނީ ނިންމައިފައެވެ. އެގޮތުން އަންނަ މަހުގެ 10ގެ ކުރިން އެ ރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑު ހުށަހަޅަން ޖެހޭނެއެވެ. އަދި ބިޑް ހުށަހަޅާ ބިޑް ކާމިޔާބުކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ.