ކޮވިޑުގެ ތެރޭގައި ވަޒީފާތައް ގެއްލި އެތައް ބަޔަކު ދެއަތް އުރާލައިގެން ގޭގައި ތިބެންޖެހުނު ވަގުތު، އާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި އަންހެނުން އަދާކުރީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރެހެންދި އެވޯޑު ދިނުމަށް ރެހެންދި ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުގެ ބަލިމީހުންނަށް ފަރުވާކުރުމުގައި އާއިލާތަކާ ވަކިން، ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވި އަންހެން ބޭފުޅުން ވަރަށް ގިނަ ކަމަށާއި އެބޭފުޅުން ގައުމަށްޓަކައި އެ ވެވަޑައިގަތީ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޕްރޮގްރާމުގައި ވެސް އަންހެން ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
"ކޮވިޑުގެ ތެރޭގައި އިގުތިސާދީ ހަރަކާތްތައް ހުއްޓި، ވަޒީފާތައް ގެއްލި އެތައް ބަޔަކު ދެއަތް އުރާލައިގެން ގޭގައި ތިބެންޖެހުނު ވަގުތު، އާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި، އަންހެނުން އަދާކުރީ ވަރަށް މުހިންމު ދައުރެއް. ގޭގައި ތިބި އަންހެނުންނާއި އަންހެންކުދިން ކުރި މަސައްކަތުން، ދުވަހުގެ ހަރަދުތައް ދެކޮޅުޖެއްސި އާއިލާތައް މަދެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ކަންފަތުގައި ހަރުލާފައި ހުރި ނަންނަމަކީ، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަދި ޑރ. ނަޒްލާ ރަފީގާއި ޑރ. ނަޒްލާ މުސްތަފާ ފަދަ ބޭބޭފުޅުންގެ ނަންފުޅު ކަމަށެވެ. އޭގެ އިތުރުން ވެސް އެތައް އަންހެން ބޭފުޅުންނެއްގެ ނަންފުޅު، ކޮވިޑުގެ ތެރޭގައި އެނގިގެން ހިނގައްޖެ ކަމަށެވެ.
"މިފަދަ ހިދުމަތްތެރި އަދި މިފަދަ އަގުހުރި ބަޔަކު، އަޅުގަނޑުމެންގެ ގައުމީ ހިދުމަތުގެ ދާއިރާގައި ބައިވެރިވާ މިންވަރު އިތުރުނުކޮށް، އަޅުގަނޑުމެންނަށް ހަގީގީ ކުރިއެރުމެއް ނުހޯދޭނެކަން ޔަގީން. އަޅުގަނޑުމެން މިކުރާ މަސައްކަތުން، މާތް ﷲގެ ވާގިފުޅާއެކު، އެކަން ހާސިލުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. އެކަމަށް އިތުރު ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލު އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށާއި ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖުތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށެވެ. އަދި މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު