ވިލިމާލޭގައި 2011 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ނ. މާޅެންދޫ/ ވައިޓްހައުސް، އަހުމަދު މިރުޒާ އިބްރާހިމް މަރާލި މައްސަލައިގައި މަރަށް ހުކުމް ކޮށްފައިވާ ޏ. ފުވައްމުލަކު/ ޒާވިއާ، އަބްދުﷲ ނަޒީފުގެ ފަރާތުން އެ ހާދިސާގައި މަރުވި މިރުޒާގެ ބައްޕައަށާއި ހެކިންނަށް ބިރު ދައްކައިގެން ފުލުހުންނަށް ހުށަހެޅި މައްސަލައިގައި، ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ފަރާތުން މިހެން ބުނީ، ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދާ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ނަޒީފަކީ ޖަލުގައި ބަންދުކޮށްފައި ހުންނަ މީހެއް ކަމަށާއި އެހެންކަމުން އެއްވެސް މީހަކަށް ބިރު ދައްކައި ނުފޫޒު ފޯރުވުމުގެ ބާރެއް އޭނާއަށް ނޯންނާނެ ކަމަށް ނަޒީފުގެ ވަކީލު އިސްމާއީލް މުހައްމަދު ވިދާޅުވުމާއި ގުޅިގެން، ދައުލަތުގެ ވަކީލުންގެ ތެރެއިން މުހައްމަދު އާސިފް މިއަދުގެ ޝަރިއަތުގެ މަޖިލީހުގައި ވިދާޅުވީ، އުސޫލެއްގެ ގޮތުން ޖަލުގެ ބަންދުގައި ހުރި މީހަކަށް ނުފޫޒު ފޯރުވިގެންނުވާނެ ކަމަށާއި އަދި އެހެން މީހުންނާ ބައްދަލުވެވިގެންވެސް ނުވާނެ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ކޯޓުގައި ހިނގަން ފެށުނީއްސުރެ، މައްސަލަ ލަސްކުރުމަށާއި މައްސަލައިގެ ތެރެއިން އިތުރުކަންކަން ހާސިލުކުރުމަށް ދައުވާ ލިބޭ ފަރާތުން އެކި ގޮތް ގޮތަށް މަސައްކަތް ކުރަމުންދާކަން އެ މައްސައިގެ ޝަރީއަތުގެ މަޖިލިސްތަކުގައި ހާމަވެގެން ގޮސްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގެ ހެކިންނާ ދައުލަތުން ބައްދަލު ކުރި ކަމަށާއި ނަމަވެސް އެމީހުން ދޭ ސިއްރު ބަޔާންތައް ދައުވާ ލިބޭ ފަރާތަށް ލިބޭ ކަމަށާއި އެކަމުގެ ސަބަބުން އެފަރާތްތަކަށް ނުރައްކާވެ ބިރުދައްކާ ކަމަށް ހެކިން ބުނެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ހެކިން ދެއްކި ވާހަކަތަކާއެކު ތަފުސީލުކޮށް ސިޓީއަކުން އެ މައްސަލަ ފުލުހުންނަށް ހުށަޅާފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދަށު ކޯޓު މަރުހަލާގައި ހެކިބަސް ނެގުން މަޑު ޖައްސާލުމަށް ކުރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުގައި އެދެން ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައްސަލައިގައި ގިސާސް ހިފަން ބޭނުން ނޫން ކަމަށް އެ ހާދިސާގައި މަރުވި މިރުޒާގެ ބައްޕަ ބުނެފައިވާތީ ދައުލަތުން އޭނާއާވެސް ބައްދަލުކުރި ކަމަށެވެ. ބަންދުގައި ހުރި ނަޒީފުގެ ފަރާތުން އޭނާއާވެސް ބަޔަކު ބައްދަލު ކުރި ކަމަށް ބުނި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތައް މައާފުދީފައިވާ ކަމަށާއި އިތުރަށް މައްސަލަ ކުރިއަށް ނުގެންދަން މިރުޒާގެ ބައްޕަ އެދިފައިވީ ނަމަވެސް އެކަން އެނގުނީ ދައުވާ ރައްދުވާ ފަރާތުގެ ލިޔުންތަކުގެ ތެރެއިން ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
"އެ މައްސަލައިގައި ގިސާސް ހިފަން ބޭނުން ނޫން ކަމަށް ބުނުމުން އެއީ އެފަރާތުން ފޮނުވި ސިޓީއެއްތޯ ނުވަތަ ނޫންތޯ ކަށަވަރު ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާއެއްގެ ފަރާތުން އަޅުގަނޑުމެން ވާހަކަދެއްކިން އެފަރާތުންވެސް އެބަ ބުނޭ ނަޒީފް ފޮނުވައިގެން ބަޔަކު އައިސް ތިމަންނަމެންނާ ވާހަކަ ދެއްކިއޭ މިހާރުވެސް ބަންދުގައި ހުރި ފަރާތެއް ނަމަވެސް މިކަންތައްތައް އެބަ ހިނގާ،" ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ޖަލު ބަންދުގައި ހުންނަ މީހަކު ނުފޫޒު ނުފޯރުވާނެ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލުގެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ފިޔަވަޅެއް އަޅާފައިވޭތޯ ފަނޑީޔާރު އަލީ ރަޝީދު ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަންތައްތަކަށް ފިޔަވަޅެއް އެޅިކަން ލިޔުމުން އެނގެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އައިއޯ ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު