ދުނިޔެ

ގިނީގައި ބަޣާވާތްކޮށް ރައީސް ހައްޔަރުކޮށްފި

ގިނީގައި ބަޣާވާތްކޮށް ރައީސް އަލްފާ ކޮންޑޭ ހައްޔަރުކޮށްފިއެވެ.

ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީގައި ވަނީ ސިފައިން ނުކުމެ ބަޣާވާތްކޮށް ވެރިކަން ވައްޓާލައިފައެވެ. އަދި އެގައުމުގެ ރައީސް އަލްފާ ކޮންޑޭ ހައްޔަރުކޮށްފައިވާ އިރު، ކެބިނެޓު ވަނީ އުވާލައިފައެވެ.

އެގައުމުގެ ހުރިހާ ބާރެއް މިވަގުތު ސިފައިންގެ ބާރުގެ ދަށުގައިވާ އިރު، ރައީސްގެ ކެބިނެޓުގައި ހިމެނޭ މެންބަރުންނާއި އެހެނިހެން އިސް ސިޔާސީ ލީޑަރުންނާ މިއަދުގެ ވަގުތެއްގައި ބައްދަލުކުރުމަށް އަސްކަރިއްޔާއިން ވަނީ ނިންމައިފައެވެ. އަދި އެފަރާތުން ނެރުނު ބަޔާނެއްގައި ވަނީ މި ބައްދަލުވުމަށް އިޖާބަ ނުދީފިނަމަ، ސިފައިންނާ ދެކޮޅު ހެދުމެއް ކަމުގައި ބެލެވޭނެ ކަމަށް ބުނެ، އިންޒާރު ދީފައެވެ.

ގިނީގެ ވެރިކަން ފުރޮޅާލާފައިވާކަން އިއުލާނުކުރުމަށްޓަކައި ސިފައިންގެ ޔުނީފޯމުގައި ހަތިޔާރާއެކު ތިބި ބަޔަކު ފެންނަ ވީޑިއޯއެއް އޭއެފްޕީއަށް ވަނީ ފޮނުވައިފައެވެ. އެ ވީޑިއޯގައި ކާކުކަން ނޭނގޭ ސިފައިންގެ ޔުނީފޯމުގައި ހުރި މީހަކު ވަނީ އެކަން ހާމަކޮށް އެގައުމުގެ ބޯޑަރުތައް ބަންދުކުރެވިފައިވާ ކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ރައީސް ކޮންޑޭ ގޮނޑިއެއްގައި އިންނަވާ އިރު، 83 އަހަރުގެ ރައީސް ވަށާލައި ސިފައިން ހަތިޔާރާއެކު ތިބޭ މަންޒަރު ފެނިގެންދެއެވެ. އަދި އޭނާއަށް ގޯނާކޮށްފައިވޭތޯ ސިފައިންގެ މީހަކު ސުވާލުކުރުމުން އެއަށް ޖަވާބު ދޭން ރައީސް އިންކާރުކުރައްވާ ތަން ފެނިގެން ދެއެވެ. ރައީސް ކޮންޑޭ އަކީ އެގައުމުގައި 2010 އަހަރުން ފެށިގެން ރައީސްކަން ކުރައްވަމުން އައިސްފައިވާ ބޭފުޅެކެވެ.

ތޭރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ފަގީރު ގައުމަކީ އަބަދުވެސް ހަމަނުޖެހުން ބޮޑު ގައުމެކެވެ. ބަޣާވާތް އިއުލާނުކުރުމުގެ ކުރިން އިއްޔެގެ ކުރީގެ ވަގުތުތަކުގައި ބަޑީގެ ހަމަލާތަކުގެ އަޑު ވަނީ ވެރިކަން ކުރާ ރަށް ކޮނާކުރީ ކަލޫމް ޑިސްޓްރިކްޓުގައި އިވިގެން ގޮސްފައި ކަމަށް ބައެއް މީޑިއާތަކަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ހަމަނުޖެހުން ހިނގަން މަގުފަހިވެފައިވަނީ އިސް ކޮމާންޑަރެއް މަގާމުން ދުރުކުރުމުން ކަމަށް ހަބަރުތައް ބުނާ އިރު، މި ބަޣާވާތަކީ މޭޖާ ޖެނެރަލް ޑޮންބޮޔާގެ އިސްނެގުމުގެ ދަށުން ގެނެސްފައިވާ ބަޣާވާތެކެވެ.

ބަޣާވާތަށް ފަހު މަމޮޑީ ޑޮންބޮޔާ ވަނީ ގައުމުގެ ދިދަ އޮޅާލައިގެން ހުރެ ގައުމީ ޓީވީ މެދުވެރިކޮށް މުހާތަބުކުރައްވައިފައެވެ. އަދި މި ބަޣާވާތް ގެންނަން ޖެހުނީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ސިޔާސަތަކީ އެންމެ މީހެއްގެ މުށުތެރޭގައި އޮންނަންޖެހޭނެ އެއްޗެއް ނޫން ކަމަށާއި ނަމަވެސް އެއީ އެންމެންނަށް ވެސް އެއަށް ބާރު ފޯރުވެން ޖެހޭ ކަމެއް ކަމަށެވެ.