އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ހ. އިރުވައި/ މުހައްމަދު އާސިފް އައްޔަންކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ މެންބަރު ކަމަށް އާސިފް އައްޔަންކުރައްވައި ރައީސް ސޯލިހު ވަނީ އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ.

އީސީގެ މެންބަރުކަމުގެ މަގާމު ހުސްވީ މީގެ ކުރީން އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު އިސްތިއުފާ ދެއްވުމުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް އާސިފް އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 51 މެންބަރުންގެ ތެރެއިން 50 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އާސިފަކީ މީގެ ކުރިން އީސީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.