އެމަނިކުފާނު އަަވަހަށް ރާއްޖެ ވަޑައިގެން އެކުގައި ސައިތައްޓެއް ބައްލަވައި، ހީސަމާސާކޮށްލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނަވައި ޒޫމް މެދުވެރިކޮށް މިއަދ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ސަރުކާރުން ނުވަތަ ރައީސް ސޯލިހުގެ ފަރާތުން އެއްވެސް ހުރަހެއް އަޅުއްވާތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ އެފަދަ ކަމެއް ކުރުމަށް ރައީސް ސޯލިހު ކުޑަކޮށްވެސް ވިސްނަވާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހު އެދިވަޑައިގަންނަވާނީ އަޅުގަނޑު މާލޭގައިވެސް ހުރުން. އަދި އެބޭފުޅާއާއެކު ސައިތައްޓެއްވެސް ބޮވި، ވާހަކަދައްކާ އަދި ހީމަޖާކޮށްވެސް އުޅެވޭނެ ގޮތް ވުން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިވަގުތު ރާއްޖެ ނައިސް މަޑުކުރައްވަނީ ސިއްހީ ފަރުވާއަށްޓަކައި އަދިވެސް ބައެއް ކަންކަން ހުރުމުން ކަމަށެވެ. ނަމަވެސް ރާއްޖެ ވަޑައިގަންނަވާނެ ސީދާ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން މަސައްކަތް ކުރެއްވެން ނެތް ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ދެމެދު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް މައްސަލައެއް ނުވެސް ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު