ވާހަކަ

ޖޫދް - 18

3

"އެންމެ ރަނގަޅުވާނެ ހަމަ. ރަނަކީ ކައިވެނިވެވޭ އަންހެނާ ބޭނުން އެއްޗަކަށް ކިއިދާނެ އެއްޗެއް. އެއްވެސް މީހެއްގެ ނުފޫޒެއް އެއަށް އޮވެގެން ނުވާނެ" ކޯޓުން އައިސް އިން މީހަކު ބުންޏެވެ. އަންބަރްގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ކައިވެނީގެ ފޯމު ފުރިހަމަވެގެން ދިޔައެވެ.

ގެއަށް ދިޔުމަށްފަހު ސުމައްޔާ މަޑުން ހުންނަކަން ހާތިމްއަށް ފާހަގަވިއެވެ. އެކަމާ ގުޅިގެން އޭނާ ސުވާލުކުރީ އަނބިމީހާ ނިދަން އެނދަށް އެރި ވަގުތުގައެވެ.

"އިބާ މިއީ ކޮންކަހަލަ ކުއްޖެއް. އެހެރީ އެމަންޖެ ރަންކީ އެއްޗެހި" ސުމައްޔާ ބުންޏެވެ.

"ދެން ކީއްކުރާނީ. އެކަން މިހާރު ނިމިއްޖެ" ހަށިގަނޑު ސީދާކޮށްލާ ނިތް މައްޗަށް އެއް އަތްލަމުން ހާތިމް ބުންޏެވެ.

"އަހަރެން ހާދަ ލަދެއްގަތޭ" ފުން ނޭވައެއްލަމުން ސުމައްޔާ ބުންޏެވެ. "ޒަހާމެންގެ ހިތަށް އަރާނެ ދޯ އަހަރެމެން އިބާއަށް ދަސްކޮށްދިނީ ކޮންކަމެއްބާއޭ" ސުމައްޔާގެ އަޑުގައި މަޑުމައިރިކަމެއް ވިއެވެ.

"އަހަރެންވެސް ހިތަށް އަރާ ކައިވެނީގެ ފަހުން އެގޭތެރޭގައި އިބާ އުޅޭނީ ކޮންކަހަލަ ދިރިއުޅުމެއްބާއޭ" ހާތިމް ބުންޏެވެ.

"ކައިވެނީގެ ކުރިން އަހަރެން އިބާއަށް ވިސްނައިދޭނަން" ސުމައްޔާ ބުންޏެވެ.

ދެމަފިރިންނަށް ނިދީ އަންބަރާ މެދު އެތައް އިރަކު ވިސްނައި ފިކުރުކުރަން އޮވެފައެވެ.

އަލަތު ކައިވެންޏަށްޓަކައި ޖޫދު އައީ އުންމީދުތަކެއް ކުރަމުންނެވެ. އަންބަރަކީ ކޮންކަހަލަ އަންހެންކުއްޖެއްކަން އޭނާއަށް އޮޅިފައެއް ނެތެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އަޒުމެއް ވިއެވެ. އެކައިވެނި ކާމިޔާބު ކައިވެންޏަކަށް ހެދުމަށްޓަކައި އޭނާއަށް ކުރެވެން އޮތް ކަމެއްވިއްޔާ ކުރާނެއެވެ. އަންބަރްގެ ކުރިމަތީގައި އޭނާއަކީ ކޮންމެ ފެންވަރެއްގެ މީހެއް ކަމުގައި ވިޔަސް ކައިވެންޏަށްފަހު އަންބަރަށް އޭނާގެ ހިތުން ރާނީގެ ދަރަޖަ ދޭނެވެ.

"ނިމުނީތަ ދަރިފުޅާ" ގޮނޑި ދަމަމުން އައި ޒަހާ އެހިއެވެ. ގޭތެރޭގައި ލަކުޑި ގަނޑަކާ ފަންސުރެއް ހިފައިގެން ޖޫދު އުޅުނެވެ. މަސައްކަތުން ކުޑަ ޗުއްޓީއެއް ނަގައިގެން އޭނާ ތައްޔާރުވަމުން އެދަނީ އަލަތު ކައިވެންޏަށް ކޮޓަރީގެ ފަރުނީޗަރުތައް ބަދަލުކުރުމާއި ބައެއް މަރާމާތުތައް ކުރުމަށެވެ. އަލިޝްބާއާ ވާހަކަދައްކައިގެން އަންބަރަށް އެންމެ ކަމުދާނޭހެން އޭނާގެ ކޮޓަރި މަރާމާތު ކުރިއެވެ. އަންބަރަށް އެންމެ ކަމުދާ ކުލަތަކުން ޖަރީކުރަން ފެށިއެވެ.

"ނޮޓް ފެއާ" ކޮޓަރިން ނުކުމެގެން އައި ޖިޔާ ބުނެލިއެވެ. އޭނާގެ އަތުގައި ކިޔަވަން ގެނގުޅުނު ސްކޫލު ފޮތެއް އޮތެވެ. ފިލާވަޅު ދަސްކުރަން އޮވެފައި އޭނާ ކޮޓަރިން ނުކުތީ ޒަހާ ކައިރިން އަހައިގެން ފިލާވަޅުގެ ބައެއް މައުލޫމާތުތައް ހޯދާށެވެ. އެވަގުތު ޖޫދުގެ ކޮޓަރި އޭނާއަށް ފެނިފައި ދެރަވީއެވެ. ކުރީގެ ކޮޓަރިހެން ހީވެސް ނުވެއެވެ. ފެންނަމުން ދިޔައީ މުޅިންވެސް އާ ތަކެއްޗެވެ.

"ދޮންބެގެ ރޫމް ހާދަ ރީއްޗޭ މިހާރު. އެއީ ހަމަ އިބާދައްތަ އަންނާތީތަ؟" ތުންކޮޅު އޫކޮށްލަމުން ޖިޔާ އެހިއެވެ. ޒަހާ ހީލިއެވެ. ޖިޔާގެ އަތުގައި ހިފައިގެން ގެނެސް ކައިރިކޮށްލާފައި ބުރަކަށީގައި ފިރުމާލިއެވެ. "ވަގުތުޖެހުނީމަ ދަރިފުޅުގެ ކޮޓަރިވެސް ރީތިކުރާނަން. މިހާރު ދޮންބެއަށް ވަރަށް ހާއްސައެއް ދުވަހެއް އަންނަކަން ދަރިފުޅަށްވެސް އެނގެއެއްނު" ޒަހާ ބުންޏެވެ.

ދުވަހުގެ ހަވީރު ވަގުތުގައި ފިހާރައަށް ޖޫދު ދިޔައީ އަމިއްލަ ބޭނުމެއްގައެވެ. ކުރަން އައި ބޭނުން ނިންމާފައި ގެއަށް ދާން އޭނާއަށް ނުކުމެވުނީ އިރުއޮއްސި އަނދިރިވެފައި ހުއްޓައެވެ. އެންމެ ކުރުކޮށް ދެވޭ މަގަށް ސައިކަލު އަނބުރާލިތަނާ އޭނާގެ ލޮލުގައި ވަލު އޮތް ދިމާލަށް ނުކުންނަން ދިޔަ އަންހެންކުއްޖެއް ފެނިއްޖެއެވެ. އެ އަންހެންކުއްޖާގެ ހަރަކާތްތަކުގައި ސިއްރުވެރިގޮތެއް ހުއްޓެވެ. ތަންކޮޅެއް ގާތަށް ދުއްވާލީ އޭނާ ދަންނަ ކުއްޖަކާ އެކުއްޖާ ވައްތަރުވީމައެވެ. ވަކި ހިސާބަކަށް ސައިކަލުގައި ގޮސްފައި ދުރުގައި ސައިކަލު ޕާކުކުރިއެވެ. އެއަށްފަހު ގަސްތަކާ ދިމާލަށް އޭނާ ދިޔައީ ހިނގާފައެވެ. އެކުއްޖަކީ އޭނާއަށް ވައްތަރުވި ކުއްޖާތޯ ޔަގީން ކުރުމަށެވެ. ތަނެއް ދޮރެއް ވަކިނުވާ ވަރަށް އަނދިރިއެއްވެސް ނޫނެވެ. ތަންކޮޅެއް ދުރުގައި ހުރި ބަޔަކު މަހުގެ މަސައްކަތްތަކެއް ކުރަން ދަނޑިން ހަދާފައި ހުރި ކުޑަ ގެއަކުން ކޮންމެވެސް ވަރެއްގެ އަލި އެހިސާބަށް އެޅިފައި ހުއްޓެވެ. އެހެންކަމުން ގަސްތަކުގެ ތެރެއިން އެތެރެއަށް ވަދެގެން ދާން އޭނާއަށް އުނދަގުލެއް ނުވިއެވެ.

ކުއްލިއަކަށް އޭނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުދި ލިނބޯ ގަސްތަކުގެ ތެރެއިން ހާމައަށް އޮތް ތަންކޮޅުގައި ފިރިހެނެއްގެ އަތުތެރޭގައި އޮތް އަންހެންކުއްޖާ ފެނިފައެވެ. އެ ދެމީހުން ތިބީ އޭނާއަށް އެދިމާލަށް ބަލައިލަންވެސް ނުކެރޭހާ ގާތްކޮށެވެ. އެހެންނަމަވެސް ބޭބެއެއްގެ ހައިސިއްޔަތުން ރިކްޒާ ފާފަތަކުގެ ކަނޑަކަށް ދޫކޮށްލާފައި ދާން އޭނާ ބޭނުމެއް ނުވިއެވެ. ކުރިއަށް ޖެހިލާފައި އޭނާ ހަޅޭއްލަވައިގަތެވެ. ރިކްޒާ އާއި ގާތުގައި ހުރި އީމާން ދުރުވެގަތީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. ފުންމައިގެން ތެދުވި ގޮތަށް އީމާން އެތަނުން ދުވެ ފިލައިފިއެވެ. ލައިގެން ހުރި އަތްކުރު ގަމީސްކޮޅުގެ މަތިން ނައްޓާފައި ހުރި ގޮށްތައް އަޅުވަމުން ތެދުވެ އޭނާ ބަލައިލީ ޖޫދަށެވެ. ރިކްޒާގެ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހިނގާލިއެވެ. އެހެންނަމަވެސް ލަދުގެ ކަންފުޅެއްވެސް އޭނާގެ ލޮލުގައި ނެތެވެ. ބަދަލުގައި ޖޫދަށް އަމާޒުވެގެން ދިޔައީ އޭނާގެ ރުޅިވެރި ބަސްތަކެވެ.

"ކަލެއަށް ކޮންކަމެއްތަ؟" ރިކްޒާ ބުންޏެވެ.

"ހަމަ މިހާރު ގެއަށް ދޭ" ޖޫދު ބުންޏެވެ. ޖޫދުގެ އަޑުގައި ވީ ހަރުކަށި ކަމެކެވެ.

"ކަލޭ ތިއީ ކާކު އަހަރެން ގެއަށް ފޮނުވަން" ރިކްޒާ ގޮތް ދޫނުކުރިއެވެ. ހަށިގަނޑުގައި ހުރަހަށް އަޅުވާފައި އޮތް ދަބަސް ރީތިކޮށްލާފައި އޭނާއަށް ބަލައިލެވުނީ އީމާން ދިޔަ ދިމާލަށެވެ. އެނާ އެތަނަށް އެކަނި ދޫކޮށްލާފައި އީމާން ދިޔުމުން ރުޅިވެސްއައެވެ. އެ ރުޅިގަނޑު ރިކްޒާ ބޭލީ ކުރިމަތީގައި ހުރި ޖޫދަށެވެ.

"ކަލޭ ކުރާހާ ކަމަކާ އަހަރެން ބެހެންތަ؟ ބޮޑު ބަ.... އެއްނު" ރިކްޒާގެ ދުލުން ބޭރުވީ ނުބައި ބަސްތަކެކެވެ. ކޮއްކޮއެއް ނަމަވެސް އެހިނދު ޖޫދުގެ ކުރިމަތީގައި ރިކްޒާގެ އަގު ވެއްޔާ މޮޑެވިގެން ދިޔައެވެ.

"މިބުނީނު ގެއަށް ދާށޭ. ކޮބާ ކަލޭގެ ލަދު؟" ރިކްޒާ އައިސްފައި ހުރި ރުޅިއަކަށް ޖޫދު ނުބަލައެވެ. ހިލޭ ފިރިހެނެއްގެ އަތު ތެރޭގައި ހަށިގަނޑު ސޭލު އަޅުވައިގެން އެއްވެސް ބިރެއްނެތި ރިކްޒާ އޮތީތީ ޖޫދު ހުރީ ހަމައިން ނައްޓާ ވަރަށް ރުޅިއައިސްފައެވެ.

"ކަލެ އާ މިހެން ބައްދަލުކުރާނެ އަންހެންކުއްޖަކު ނުވާތީ ޖެލަސް ވީ ދޯ. ހެހެހެ..." ރިކްޒާ ހިނގައިގަތެވެ. ލަދުގެ ކަންފުޅެއްވެސް ނެތީއެވެ.

ޖޫދު ބަހެއްނުކިޔާ ބަލަހައްޓައިގެން ހުއްޓާ ގަސްތަކުގެ ތެރެއިން ރަށުތެރެއަށް އަރަން އޮންނަ މަގާ ދިމާލަށް ރިކްޒާ ހިނގައިގަނެއްޖެއެވެ.

ލިފްޓު ހުއްޓުމާއެކު ފިޔަވަޅުތަކަށް ބާރުލާފައި ޖޫދު މިސްރާބު ޖެހީ ސީނާއާ ބައްދަލުކުރުމަށެވެ. ދޮރުގައި ޖޫދަށް ރަނގަބީލު ޖެހުނީ ބާރަށެވެ. ރިކްޒާ އެގޮތަށް ހުއްޓާ ފެނުމުން އަދިވެސް އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ.

"ކޮން މޮޔައެއްވެގެން މިބަޔަށް އައިސް ތިހުރީ" ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ޖޫދު ފެނުމުން ސީނާ ހަމައިން ނެއްޓިއެވެ. އޭނާ އުޅުނީ ޖޫދުގެ މޫނު މައްޗަށް ދޮރުފަތް ޖަހާށެވެ. ހުށިޔާރުކަމާއެކު ޖޫދު ދޮރުފަތުގައި ހިފެހެއްޓިއެވެ.

"ކިހިނެއްވެގެންތަ ތިއުޅެނީ؟" ސީނާ ހަޅޭއްލަވައިގަތެވެ. ރުޅިއައިސް ރަތްވެފައިވާ ޖޫދުގެ ދެލޯ ފެނި ސީނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ.

"ކަލޭ އެއްޗެއް ބޮއެގެންތަ އަނެއްކާ ތިހުރީ" ސީނާ ބުންޏެވެ. ޖޫދުގެ ދެލޮލުގައިވި ނުރައްކާތެރިކަން ފެނިފައި ސީނާ ހަމަ ރަނގަޅަށްވެސް ޖެހިލުންވެއްޖެއެވެ.

"އަދިވެސް އަހަރެން އެއްޗެއް ބޮއެގެން ހުރިތޯ ތަ ބަލަންވީ. ގޮސް ތިމާގެ ދަރި ކުރިން އަހާބަލަ ކޯންޗެއް ބޮއެގެންހޭ ވަލުތެރޭ ގަސްތަކުތެރޭގައި ފިރިހެނެއް ގޮވައިގެން އޮވެފައި އައީ" ޖޫދު ބުންޏެވެ. ޖޫދަށް ވާހަކަދެއްކުނީވެސް އޭނާ މީހަކާ ދުވަހަކުވެސް ވާހަކަ ނުދައްކާހާ ބާރަށެވެ.

"މަގޭ ދަރިއަކީ ކަލޭ ތިބުނާ ގޮތަށް އުޅޭ ކުއްޖެއްނޫން. އެއީ..."

"އެހެންތަ. އެހެންވިއްޔާ އަހަރެން ގޮސް ގެއަށް ފޮނުވާލީ ހަންޑިއެއް ދޯ. އަހަރެން ފެނުމުން ދުވެ ފިލީ ފިރިހެން ހަންޑި ދޯ. ދެން އަޅާނުލާ އެހެންވިއްޔާ" ޖޫދު ބުންޏެވެ. އޭނާ ލިފްޓާ ދިމާލަށް ދާން ހިނގައިގަނެފައި އަނެއްކާވެސް ދޮރުމަތީގައި ހުރި ސީނާއަށް ބަލައިލިއެވެ. "ބުނަން. ދެން އެހައި ނިވާކަން ކުޑަ ގޮތަކަށް އެ ގޮތެއް ނެތް އަންހެނާ ފިރިހެނެއް ކައިރީގައި ހުރިތަން އަހަރެންނަށް ފެނުނިއްޔާ ހަވާލުކުރާނީ ފުލުހުންނާ" ޖޫދު ފަހު ބަސް އިއްވާލިއެވެ.

ދޮރުލައްޕާފައި ރިކްޒާގެ ކޮޓަރިއާ ދިމާލަށް ސީނާ އެނބުރުނުއިރު ރުޅިން އޭނާގެ މުޅި މޫނު ރަތްވެއްޖެއެވެ. ދެއަތް މުށްކެވިގެން ދިޔައެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ގޮސް ރިކްޒާގެ ކޮޓަރީ ދޮރުހުޅުވާލައިފިއެވެ. ފޯނެއްގައި އީމާނަށް ގުޅައިގެން އިން ރިކްޒާ ދިޔައީ އެއްލިގެންނެވެ. ސީނާ ހުރިގޮތް ފެނުމުން އޭނާއަށް ވީގޮތެއްވެސް ނޭނގުނެވެ. ދޫ އޮޅި ކިޔޭ ނުކިޔޭއެއް ނޭނގޭ ވަރު ވުމުން ފޯނު ކަނޑާލައިފިއެވެ. ގެއަށް އައިގޮތަށް އެއްޗެހިވެސް ބަދަލުކުރުމެއްނެތި އޭނާ ގުޅީ އިމާނަށެވެ. އެހެންތަނަކުން ބައްދަލުކުރުމަށް އެނާ އީމާނަށް ގަޑި ދިނެވެ.

"ކަލޭ ކާކު ކައިރިއަށްވަދެ އޮވެފަ ތިއައީ؟" ސީނާ ހަޅޭއްލަވައިގަތެވެ.

"ނު..ނުވަންނަން. މިއައީ އިބާ ކައިރިއަށް ގޮސްފަ" އަޅައަޅައިގަންނަމުން ރިކްޒާ ބުންޏެވެ.

"އެހެންވިއްޔާ މިގޭ ދަނޑިބެއްޔާ މިކިޔަނީ ކީކޭ؟ ރަނގަޅަށް ބުނޭ. އެހެންނޫނީ އަހަރެން އަތުން ކަލޭ މަރުވާނެ" ސީނާ ކުއްލިއަކަށް ގޮސް ނެގީ ދޮރުފަތް ބިތް ދޮށުގައި ހުރި ފިހިގަނޑެކެވެ. ބިރުގަތްވަރުން ކަނދުރާ ގުރުޑުކޮށްލާފައި މޫނާ ދިމާލުން ރިކްޒާ ދެއަތް ހުރަސްކޮށްލައިފިއެވެ. ރިކްޒާގެ ފަރާތުން ޖަވާބެއް ނައިސްގެން އުޅެނިކޮށް ސީނާއަށް ހުރިހާ އެއްޗެއް އިނގި ހާމަވެއްޖެއެވެ. ރިކްޒާ ލައިގެން ހުރި ޖިންސާއި ގަމީހުގެ އެކި ތަންތަނުގައި ހަރުލާފައިވާ ފަތްކޮޅުކޮޅާއި ތަނޑުތައް އޭނާއަށް ޖަވާބަކަށް ފުދިއްޖެއެވެ. ދަތްތަކަށް ބާރުކޮށްލާފައި ފިހިގަނޑު އޭނާ ރިކްޒާއާ ދިމާލަށް މަޅާލިއެވެ.

"މަށަށް އޭރުވެސް އިނގޭ އިބާ ފަހަތުން އޭނަ މިރަށަށް އަންނާނެކަން" ފެން ހުސްކޮށްފައި ހާތިމް ދިއްކޮށްލި ތަށީގައި ހިފަމުން ސުމައްޔާ ބުންޏެވެ. ތަށި ހިފައިގެން ދިއުމުގެ ބަދަލުގައި އޭނާ އިށީނީ ހާތިމްއާ ޖެހިގެންނެވެ. ރަށުތެރެއިން ވާރިޝް ފެނުނު ހާތިމް ބުނި އިރުން ފެށިގެން އޭނާގެ ތޮބީއަތު ގޯސްވެއްޖެއެވެ.

"އެދުވަހު ސައިކަލުގައި ޖެހިފަ އަހަރެން ވެއްޓުނީމަ އަހަރެން ނަގަން އުޅުނު. ރަނގަޅަށް މޫނަށް ބަލައިލާފައި މަކަން އެނގުމާއެކު ނައްޓާލައިފިއެއްނު. ހީވީ ބިރެއް ފެނިގެން އުޅުނުހެން" ހާތިމް ކިޔައިދިނެވެ.

"އަނެއްކާ އިބާއަށް އިނގޭ ބާ. އިނގުނިއްޔާ އަނެއްކާ... ކިހިނެއްވާންބާ މިއުޅެނީ؟" ސުމައްޔާ ބުންޏެވެ. "އިބާ އުޅެދާނެތަ އޭނާ އާ ބައްދަލުކުރަން"

"ހިއެއްނުވޭ. އިބާ މިހާރު އެސޮރަށް ނަފުރަތު ކުރެއެއްނު. އެހެންނޫނަސް ކައިވެންޏަށް އެއްބަސްވީ ވެސް އަމިއްލައަކަށް ނު" ހާތިމް ބުންޏެވެ.

"ކަންތައްތައް ވާ ގޮތުން ނުވިސްނަން ހުއްޓަސް އެންމެ ނުބައިކޮށް މިވިސްނެނީ"

"ކަމޯން ނީލަމް. އަމިއްލައަށްވެސް މަސައްކަތްކޮށްގެން ތި އަނދިރި ދުވަސްތަކުން ނުކުމެވޭނީ" އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ނީލަމް އިނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާ ވާހަކަދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ. އިސްތަށިގަނޑުގައި އޮޅާލާފައި އޮތް ތެތް ތުވާލި ނައްޓާލާފައި އިނގިލިތަކުން އިސްތަށިތައް ހާވާލިއެވެ. ޑޮކްޓަރަށް ދައްކާފައި ބޭސް ބޭނުން ކުރަން ފެށި ފަހުން އޭނާއަށް ލުއިތަކެއް ވާކަން އިހުސާސް ކުރެވިއްޖެއެވެ. ފެންނަ ހުވަފެންތަކުންނާއި ފިކުރު ކުރެވޭ ކުރެވުންތައް މަދުވާން ފަށައިފިއެވެ. އެހެންނަމަވެސް އަދިވެސް ހިތުގެ ކަނެއްގައި ރިހުމެއްވެއެވެ. ދިރިހުރިހާ ހިނދެއްގައި އެ ހަނދާންތަކަކީ އޭނާއާ ވަކިވާނެ ހަނދާންތަކެއް ނޫނެވެ. ދެލޮލުން ކަރުނައެއް ފައިބައިގެން އައީ އޭނާ ބަލަހައްޓައިގެން އިންދައެވެ. އެއާއެކު އޭނާ އިސްޖަހާލިއެވެ.

އާވި އަރަމުން ދިޔަ ކޮފީތައްޓަށް ބަލަހައްޓައިގެން އިން އައްމާރު ހީލިއެވެ. ޔޫނުސް އޭނާއާ ކުރި ސުވާލު އޭނާއަށް މަޖާވިއެވެ. އެއީ އަބަދު އޭނާގެ މައިންބަފައިންވެސް އޭނާ ކުރެން އަހާ ސުވާލެވެ.

"އެހެން އެހީމަ ހާދަ ނުބައި ގޮތަކަށޭ ތި ހީލީ" ޔޫނުސް ބުންޏެވެ. "އަނެއްކާ މެރީކޮށްގެންތަ ތިއުޅެނީ؟"

"ނޫނޭ. ހަމަ ހުރެލާފަ ކިހިނެއް މީހަކާ އިންނާނީ" އައްމާރު ބުންޏެވެ.

"މިރަށުގައި ތިބޭނެ ވަރަށް ރަނގަޅު ދީންވެރި ކުދިން" ޔޫނުސް ބުންޏެވެ. އޭނާ ބޭނުންވަނީ އައްމާރު ރަށުން ފުރުމުގެ ކުރިން ރަނގަޅު އަންހެނަކު އައްމާރުގެ ހަޔާތަށް ގެންނާށެވެ.

"އެހެންވިއްޔާ ކަލޭ މީހަކާ ނީންދެ ތި ހުންނަނީ ޔޯ" އައްމާރު އެހިއެވެ. "ތިބުނާ ރީތި ދީންވެރި ކުދިން ފެނިފައި ގޮތެއް ނުވޭތަ؟" ޔޫނުސް ހޭންފެށިއެވެ.

"ތެދެއް ބުނަންޏާ ދަރިންގެ މަންމަ ވަރިވެގެން ދިޔަފަހުން އެއްވެސް މީހަކާ އިންނަހިތެއް ނުވޭ. އަންހެނުން މަތިން ފޫހިވެއްޖެ" ޔޫނުސް ބުންޏެވެ. ހިނދުކޮޅަކަށް އޭނާގެ ދެލޮލުން ރިހުމެއްގެ އަސަރު ފެނިލިއެވެ.

"މިހެން ހުރެހުރެ މުސްކުޅިވެ ބޮލުން ފަތްކޮޅު ފައިބައިގެން ހިނގައިދާނެއްނު" ފަރުވާކުޑަ ގޮތަކަށް ޔޫނުސް ބުންޏެވެ.

"އޭ. އަހަރެން ހަމަ ސީރިޔަސްކޮށް ބުނި އެއްޗެކޭ. އެއީ މިރަށަށް ވަރަށް ފަހުން އައި ކުއްޖެއް. ހުންނަނީވެސް ވަރަށް ރަނގަޅު ގެއެއްގަ. ދެތިން ދުވަހު އަހަރެން ދުށިން މަގުމަތިން. ހުންނަނީވެސް ވަރަށް މަޑުމައިތިރިކޮށް. ހީވަނީ ކަމަކާ ވަރަށް ދެރަވެފަ ހުންނަހެން" ޔޫނުސް އިތުރަށް އޮޅުންފިލުވައިދިނެވެ. "ވަރަށް ފަސޭހަވާނެ މިކަން ކުރަން. އަބަދު ބޭރުން ފެންނަނީ އަހަރެންގެ ގާތް ކުއްޖަކާއެކު"

"އެހެންތަ ފަތްމިންޏެއްތަ؟" މަޖާވެފައި އައްމާރު އެހިއެވެ.

"އާ އެހެން ބުނެވިދާނެ. ޔަގީނުންވެސް ހުތުރެއްނޫން. އަންހެނުން މަތިން ފޫހިވެފައި ނެތްނަމަ މަގޭ ހިތްޖެހުނީސް" ޔޫނުސް ބުންޏެވެ.

"އެހެންވަނީ. ކޮން ނަމެކޯ ކިޔަނީ" އައްމާރު އެހިއެވެ.

"ތިއެއް ނޭނގެ. މީހަކު ގޮވާލަނިކޮށްވެސް ނާހަން" ޔޫނުސް ބުންޏެވެ. "އެކަމަކު ނަން ހޯދިދާނެ"

ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ އަންބަރް އިރުކޮޅަކާ އަތުގައި އޮތް ފޯނަށް ބަލައިލައެވެ. ވާރިޝް ގުޅާނަމޭ ބުނި ގަޑި ފަހަނައަޅާ ދާތީ އޭނާ ހުރީ ކަންބޮޑުވެފައެވެ. ސުމައްޔާއާ އެކު ފިހާރައަކަށް ދާން ބުނެފައި އޮތުމުން އެވަގުތު ވެސް ގާތްވެއްޖެއެވެ. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާއަށް ވާރިޝްގެ ފޯނުކޯލު މުހިންމެވެ.

"ތީ ކޮންއިރަކު ގުޅަން ބުނި މީހެއް" ފޯނު ރިންގުވާން ފެށުމާއެކު ކަންފަތުގައި ފޯނު ޖަހާފައި އަންބަރް ބުންޏެވެ. ދޮރާ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި ގޮސް ތަޅުލައިފިއެވެ. ގޭ މީހެއްގެ ފަރާތުން އުނދަގުލެއް ވެދާނެތީއެވެ.

"ކީއްކުރަންށޯ. ބުނި ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެނޭ" އެނދުގައި އިށީނދެފައި އަންބަރް އެހިއެވެ.

"ކީކޭ؟ އެއީ ކީއްވެ؟" އަންބަރް އެހިއެވެ. މިރަށުން މަންމަ ނޫނީ ބައްޕަމެންގެ މީހަކަށް ވާރު ފެނުނިއްޔާ ކިހިނެއް ހަދާނީ؟"

"އޯކޭ ފަހުން ދެން ވާހަކަދައްކާނީ. މަންމަ އެބަ ތަޅާ ދޮރުގައި" ކުއްލިއަކަށް ފޯނު ކަންފަތާ ދުރުކޮށްލާފައި އަންބަރް ހިނގައިގަނެއްޖެއެވެ. ދޮރުގައި ތަޅަމުން ދިޔަ މީހާގެ ސަބަބުން ވާރިޝްގެ ފޯނުކޯލް ކުރުކޮށްލަން ޖެހުމުން އަންބަރް ރުޅިއައެވެ.

"ތަޅުލައިގެން ކީއްތިކުރަނީ؟" ދޮރުހުޅުވާލުމާއެކު ސުމައްޔާ ބުނެފިއެވެ.

"ފާހާނާއަށް ވަދެލީ" ނުކުމެ ކޮޓަރީގެ ދޮރު ލައްޕައިލަމުން ބުނެލިއެވެ. "މަންމަ ކޯޗެއް ގަންނަންވެގެންތަ؟"

"ތިކަހަލަ ކަޅު ހެދުމާ މޫނުފޮތިކޮޅު" ނީލަމް ބުންޏެވެ. އަލިޝްބާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އޭނާއަށް ނީލަމްގެ އަތުގައި ހިފައި ބާރުކޮށްލެވިއްޖެއެވެ.

"ހަމަ އަސްލުކޮށްތަ؟ ނީލޫ މޫނު އަޅަނީތަ؟" އަލިޝްބާ އެހިއެވެ.

"ހޫމް... ދުވަހަކުވެސް ލުއި ނުވާވަރަށް މިހާރު ލުއިވެއްޖެ. ބޭނުންވަނީ މީހާ އެއްކޮށް ފޮރުވެން. މިހާރު ފުދޭވަރަކަށް ލާރިވެސް އެއްކުރެވިއްޖެ" ނީލަމް ބުންޏެވެ.

"އެހެންވީމަ ހިނގާ ވިޔަފާރިކޮށްލަން ނުކުމެލަން ދޯ" އަލިޝްބާ ބުންޏެވެ. "އެހެންނޫނީ ވަގުތެއް ނުވާނެއްނު އަވަހަކަށް. ބޯމަތީގައި އޮތީ އިބާގެ ކައިވެނި" ނީލަމް ކަޅު ހެދުމަށް ބަދަލުކޮށް މޫނުއަޅަން ނިންމި ނިންމުމަށް ޒަހާ އެއްބާރުލުން ދިނެވެ. އޭނާ ދެކޭގޮތުގައި އަންހެނުން ތިބެންޖެހޭނީ ވީހާވެސް ބޮޑަށް ނިވައި ވެގެންނެވެ. އަންހެނުންގެ ރީތިކަން އެމީހުން ހާމަކުރަންޖެހޭނީ ހަމައެކަނި ހަލާލު ފިރިމީހާ ކުރިމަތީގައި އެކަންޏެވެ. ނީލަމް ބޭނުންވާ ވަރަށް ވިޔަފާރި ކުރަން ޒަހާ ލާރި ދިނެވެ.

ބަދިގެތެރޭގައި އަތްމަތި އަވަސްކޮށްލާފައި އުޅުނު ސުމައްޔާއަށް އަތް ގާތްކޮށްދޭން އަންބަރް ހުއްޓެވެ. ރޭގަނޑުގެ ކެއުމަށް މޭޒު މަތީގައި ތަފާތު ވައްތަރުގެ ކާއެއްޗެހި ތައްޔާރުކޮށްފައި ހުއްޓެވެ. ހާތިމާ އާއިލީގޮތުން ގުޅުން އޮންނަ ފިރިހެނެއްގެ ދަރިއެއް ކާން އަންނާތީ އޭނާ ކުރިހާ މަސައްކަތެވެ. މާގިނައިރު ނުވަނީސް ހާތިމް އައިސް ވަދެއްޖެއެވެ.

"އަނހަ އެ އައީ ދޯ" އެތެރެއަށް ވަދެގެން އައި ޔޫނުސް ފެނުމުން ސުމައްޔާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި އޭނާ ޔޫނުސް ކައިރީގައި ހުރި އައްމާރުވެސް ބައިވެރިކުރިއެވެ.

"ހާދަ ދުވަހެއްކޮށްފައޭ މިގެއަށް މި ވަދެވުނީ" ޔޫނުސް ބުންޏެވެ. "އިބާ މެރީކުރަނީ އޯ" ސުމައްޔާ ކައިރީގައި ހުރި އަންބަރަށް ބަލާލާފައި ހީލަމުން ޔޫނުސް ބުންޏެވެ. އަންބަރްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

"އާނ. އެކަންވެސް ކުރަންވާނެތާ. އާދޭ އަވަހަށް ކާން. މިއީ ކޮން ކުއްޖެއް؟" ޔޫނުސް އަތުގައި ހިފައިގެން ކާ މޭޒާ ދިމާލަށް ދަމުން ސުމައްޔާ ބުންޏެވެ.

"މިއީ އައްމާރު. މިރަށުގައި ހުރި ހުރިހާ ގެސްޓްހައުސްތަކުގެ ވެރިމީހާ. ދުވަސްކޮޅަކަށް އައިސް ހުރީ" ޔޫނުސް އޮޅުންފިލުވައިދިނެވެ.

ކައި ނިމިގެން ބޭރަށް ނުކުމެ ސައިކަލުމަތީގައި އިށީންދެފައި ޔޫނުސް އައްމާރުއަށް ބަލައިލާފައި ހިނިގަނޑެއް ޖަހާލިއެވެ.

"ކަލޭ ކޮންމެހެންވެސް ވާނެ އިބާގެ ކައިވެންޏަށް އެގެއަށް ދާން" އައްމާރުގެ ކޮނޑުގައި ހިފައި ހުނުން ކޮންޓްރޯލް ކުރަމުން ޔޫނުސް ބުންޏެވެ.

"ކީއްވެ މަ ދާންވީ. އަހަރެންނަކަށް ނުކެރޭނެ. އެހެންނޫނަސް އެއީ އަހަރެން ގޮސް އުޅޭ ކަހަލަ ތަންތަނެއް ނޫން" އައްމާރު ބުންޏެވެ.

"މިއީ ރަނުގެ ފުރުސަތެއް. އެއްކަލަ މަބުނި މަންޖެ އެގޭގައޭ އުޅެނީ. ސީރިޔަސްކޮށް މިބުނީ ބަލާލާފައި ކަލޭގެ ހިތަށް ގޮތެއް ނުވިއްޔާ އަހަރެން މިވާހަކައެއް ނުދައްކާނަން" ޔަގީންކަމާއެކު ޔޫނުސް ބުންޏެވެ.

"އަދިވެސް ކަލޭ ތިވާހަކައިގައި ހިފާފައި އެބަ ދަމަންދޯ. އަހަރެން އެހާ ލައިކެއްނުވޭ. އަހަރެން ވަރަށް ލައިކްވާ ކުއްޖެއް ހުރޭ" އައްމާރު ބުންޏެވެ.

"ކޮންތާކު؟ ތިއުޅެނީ ނުދާންވެގެން. މަވެސް ދާނަމޭ. އަހަރެން ބުނީތީ އެކުއްޖާ ބަލާލަން ދާނީ" ޔޫނުސް ދުލެއް ނުކުރިއެވެ. އެހާ ރީތި ކުއްޖެއް ހުސްކޮށް ދޫކޮށްލަން އޭނާ ބޭނުމެއްނުވިއެވެ. ކޮންމެގޮތެއް ވިޔަސް އެކުއްޖާ އޭނާގެ ހަޔާތަށް ގެނެވޭކަށް ނެތެވެ؟ އެފަދަ މައުސޫމް އަންހެންކުއްޖެއް ނުލަފާ ފިރިހެނެއްގެ އަނިޔާތަކުގެ ޝިކާރައަކަށް ވާކަށްވެސް އޭނާ ނޭދެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އޭނާއަށް ގޮތް އިނގޭ އައްމާރު ފަދަ ފިރިހެނެއްގެ ހަޔާތުގެ ބައިވެރިއަކަށް އެ އަންހެންކުއްޖާ ވުމަށެވެ.

"ދާނަން ދޯ" އައްމާރު ހިމޭނުން ހުންނަން ފެށުމުން ޔޫނުސް ބުންޏެވެ. "ހެހެހެ... ވެދާނެއްނު އެއީ ތިބުނާ އަންހެން މަންޖެއަށް ވެސް" އައްމާރު ޔޫނުސްއަށް ބަލައިލިއެވެ. ހެވެން އުޅޭ ކަހަލަ ގޮތަކަށް އޭނާގެ ތުންފަތް ދެމިލިއެވެ. ތެދެކެވެ. އޭނާ ގެއްލިގެން ހޯދާ މޭގެ އެތިކޮޅު ފެނިދާނެއޭ ހިތް ބުނެލިއެވެ. ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ގޭތެރޭގައި ފިލައި އޮވެގެން ހިތުގެ ހަމަޖެހުން ނުހޯދޭނޭ ހިތް ބުނަން ފެށިއެވެ. އެންމެފަހުން އޭނާ އެއްބަސްވިއެވެ.

(ނުނިމޭ)