ހުޅުމާލެ ބިމުން އިތުރު ގޯތި ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ ބޯހިޔާވަހިކަމަކީ މާލޭގެ ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައި އޮތް ކަމެއް ކަމަށެވެ. އެހެންކަމުން ވެށިފަހި މާލެ ޕްރޮޖެކްޓަކީ ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ވެށިފަހި މާލެ ޕްރޮޖެކްޓަކީ އެމްޑީޕީ މެނިފެސްޓޯގެވެސް ވައުދެއް. އަދި ފަހުން އެކުލަވާލެވުނު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެވެސް ވައުދެއް. ވެށިފަހި މާލެ ޕްރޮގުރާމް ފަށާފައިވާ ގޮތަށް އެ ޕްރޮގުރާމު ކުރިއަށް ގެންދިއުން. އަޅުގަނޑު ދެކޭ ގޮތުގައި އެ ޕްރޮގުރާމު އަޅުގަނޑުމެންނަށް ހިންގަމުން ގެންދެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ތިލަމާލެ ބުރިޖުގެ ސަބަބުން ގޯތި ދިނުމުގެ ފުރުސަތުތައް ބޮޑުވެގެންދާނެ ކަމަށާއި އަދި ހުޅުމާލެ ބިމުންވެސް އޮތް މިންވަރަކުން ގޯތި ދިނުމަކީ އަދިވެސް ކުރެވެން އޮތް އަދި ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި އިރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން 500 ގޯތި ހިލޭ ދިނުމަށް ގޮވާލައިފައެވެ.
ގެދޮރުވެރިކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މުއްސަނދިންނަށް އަމާޒުކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ހުޅުމާލެއިން ގޯތި ވިއްކުމަކީ މާލޭގެ ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްފަހު ނޫނީ އެޗްޑީސީގެ ވިޔަފާރި ބޭނުމަށް ބިން ވިއްކައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ހުޅުމާލޭގެ ޕްލޭނަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ ބަދަލު ގެންނަން ޖެހޭނީ މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންތެރި ގޮތަށް ކަމަށެވެ. އަދި ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ކޮމާޝަލް ބޭނުންތަކަށް ބިން ދޫކުރުމަށްފަހުވެސް އާންމު ރައްޔިތުންނަށް ގޯތި ދެވޭނެހާ ބިން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު