ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް، އެހީތެރިވުމަށް ތުރުކީއާ އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރުކީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ތުރުކީގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ކަރަސްމައިލޯގެވެ.

މި ރަސްމިއްޔާތަށްފަހު މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއްބަސްވުމަކީ ފާއިތުވި 11 އަހަރު ދުވަހު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ދިމާވާ ގިނަ މައްސަލަތައް ހައްލު ކުރެވިގެންދާނެ ކަމަށެވެ. އަދި އެ ދާއިރާ ތަރައްގީ ކުރުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ޓުރެފިކް ރައިޓްސް އާއި ފްލައިޓު ކެޕޭސިޓީ އަދި ފްލައިޓް ސޭފްޓީ އިތުރުން ފެއާ ޝެޑިއުލްތަކަށްވެސް ތުރުކީން އެހީވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.