މިދިޔަ ބުރާސްފަތި ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ތަރި ސިދާތު ޝުކުލާގެ ވާހަކަ ވަނީ ގިނަ ބަޔަކަށް ސިހުން ގެނުވައިފައެވެ.

ސިދާތު އަދި އޭނާ ލޯބިވެރިޔާ ކަމަށް ބެލެވޭ ޝެހެނާޒް ގިލްއާ ގުޅުވައި، މި ދެމީހުންނަށް ސިޑްނާޒްގެ ލަގަބު ދެވިފައިވާ އިރު، ޝެހެނާޒުގެ ހާލުވެސް އުޅެނީ ވަރަށް ދެރަކޮށް ކަމަށް ހަބަރުތައް ބުނެއެވެ. ނަމަވެސް ސިޑްނާޒްގެ ފޭނަކަށް މިވަނީ ސިދާތުގެ މަރުގެ ހަބަރާއެކު ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

އިންޑިއާގެ ޑޮކްޓަރަކު ކުރި ޓުވީޓެއްގައި ވަނީ އަންހެނަކަށް އެ ހަބަރު ގަބޫލުކުރަން ދަތިވެ ހޭނެތިގެން ފާހާނާ ތެރެއަށް ވެއްޓުނު ކަމަށެވެ.

ޑޮކްޓަރުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ އަންހެން މީހާ ފުލް ކޯމާއަކަށް ގޮސްފައިނުވި ނަމަވެސް އޭނާ ކޯމާއަކަށް ގޮސްފައިވާ ކަމަށާއި އަދި އޭނާގެ ގުނަވަންތައް ހަރަކާތް ނުކުރާ ކަމަށެވެ.

ޑރ. ޖަޔޭޝް ތައްކަރު ވަނީ އެ އަންހެން މީހާގެ ފޮޓޯއަކާއެކު ކުރި ޓުވީޓުގައި ސިޑްނާޒް ފޭނުންނަށް ވީހާވެސް ބޮޑަށް ހަމަޖެހިގެން ތިބުމަށް އިރުޝާދު ދެއްވައިފައެވެ. ސިދާތުގެ މަރުގެ ހަބަރަކީ ގަބޫލުކުރަން ދަތި ހަބަރެއްކަމުގައިވީ ނަމަވެސް އެކަމާ މާބޮޑަށް ފިކުރުނުކުރުމަށާއި އަދި ސިޑްނާޒަށް ސަޕޯޓުކުރާ މީހުންގެ އާއިލާތަކުން އެފަދަ މީހުންނަށް އަޅާލައި ހާލު ބެލުމަށްވެސް ނަސޭހަތްތެރިވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުމުރުން އެންމެ 40 އަހަރުގައި ސިދާތު ޝުކުލާ ހާޓް އެޓޭކެއް ޖެހިގެން މަރުވެފައިވާ އިރު، މިދިޔަ ހުކުރު ދުވަހު އޭނާގެ ޖަނާޒާގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.