އެއްޝަހަރެއްގައި އުސްމާނޭ ކިޔާ ވަރަށް އަމިއްލަ އެދުން ބޮޑު އަދި ވަރަށް ދަހި މީހަކު ދިރިއުޅުނެވެ. އުސްމާނަކީ ލާރި ފައިސާގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ކުރުމަށް ވެސް ޖެހިލުން ނުވާ މީހެކެވެ. އުސްމާނުގެ ޚާދިމުންނަށް މުސާރައިގެ ގޮތުގައި ވެސް ދެނީ ވަރަށް ކުޑަ، ކިރިޔާ ދިރި އުޅެވޭ ވަރުގެ މުސާރަ ކޮޅެކެވެ.
މިހެން އުޅެނިކޮށް އެއްދުވަހަކު އުސްމާނުގެ މުޅި ހަޔާތް ބަލަދުކޮށްލި ކަމަކާ ދިމާވެއްޖެ އެވެ.
އެއްދުވަހަކު ފަންސާސް ރަން ފައިސާފޮތި އަޅައިގެން އުސްމާނު ގެންގުޅުނު ކީސާއެއް ގެއްލިޖެ އެވެ. ހޯދާހޯދާ މި ކީސާ ފެންނަ ގޮތެއް ނުވިއެވެ. އުސްމާނުގެ އަވަށްޓެރިންނާއި ޚާދިމުންނާއި މިހެންގޮސް މުޅި އެ އަވަށުގެ ހުރިހާ އެންމެން ނިކުމެ މަސައްކަތް ކޮށްގެން ވެސް އެ ކީސާ ފެންނަ ގޮތެއް ނުވިއެވެ.
ދުވަސްކޮޅެއް ފަހުން އުސްމާންގެ ޚާދިމަކަށް އުޅޭ އަލީގެ ދަރިފުޅު އައިޝާ އަށް މި ކީސާ ވަލުތެރެއިން ފެނިއްޖެ އެވެ. ވަގުތުން އައިޝާ އެކީސާ ދިނީ އޭނާގެ ބައްޕައަށެވެ. އޭނާގެ ބައްޕަވެސް އުފަލުން އަވަހަށް ކީސާ ހިފައިގެން ގޮސް އޭނާގެ ސާހިބު އުސްމާނަށް ރައްދު ކޮށްފައި ފައިސާފޮތިތައް ހަމަޔަށް ހުރިތޯ ބަލާށޭ ބުނެފިއެވެ.
އުސްމާން ވަރަށް އުފަލުން ދަބަސް ހުޅުވައިގެން ބެލިއިރު ފަންސާ ރަން ފައިސާފޮތި ހަމަޔަށް އޮތެވެ. އެހެންނަމަވެސް އުސްމާނުގެ އަމިއްލައެދުން ބޮޑުކަމުންނާއި ދަހިކަމުން މަކަރެއް ހަދައިގެން އަލީ އަތުންވެސް ފައިސާކޮޅެއް ހޯދާނީއޭ ހިތައި ބުނެފިއެވެ. މި ކީސާގައި ހުރި ފައިސާފޮތިތައް ހަމައެއް ނޫނެވެ. އަހަރެންގެ އަތުން ކީސާ ގެއްލުނުއިރު ހަތްދިހަ ފަސް ފައިސާފޮތި އޮންނާނެ އެވެ. މިހާރު މިއޮތީ ފަންސާސް ފައިސާފޮއްޗެވެ. އަނެ ފަންސަވީސް ފައިސާފޮތި ކޮބާ ހެއްޔެވެ؟
މިއަޑު އިވިފައި އަލީ ވަރަށް ދެރަވެ ކަންބޮޑުވެއްޖެ އެވެ. "ސާހިބާއެވެ، އަޅުގަނޑުމެންނަށް ކީސާ ފެނުނުއިރު އޮތީ 50 ފައިސާ ފޮއްޗެވެ. އަޅުގަނޑު ސާހިބާޔަށް މިކަން ޔަޤީންކޮށްއަރުވަމެވެ". އަލީ އޭނާގެ ސާހިބު އުސްމާނަށް ބުންޏެވެ.
އެހެންނަމަވެސް އުސްމާނު އަލީގެ ވާހަކަ ގަބޫލުކުރާކަށް އެއްބަހެއް ނުވި އެވެ. އޭގެ ބަދަލުގައި އެފަކީރަށް ވަރަށް އެއްޗެހި ގޮވައި، އެންމެފަހުން މައްސަލަ ކޯޓަށް ގެންދަން ނިންމައިފި އެވެ.
ޝަރީޢަތުގެ މަޖިލީހަށް އުސްމާނާއި، ޚާދިމު އަދި ޚާދިމުގެ ދިހަ އަހަރުގެ ދަރިފުޅު އައިޝާ ވެސް ހާޒިރުކޮށްފި އެވެ. ފައިސާފޮތީގެ އަދަދާ ގުޅޭ ގޮތުން، ޚާދިމުގެ ދަރިފުޅު އައިޝާ އާ ގާޒީ ސުވާލުކުރި އެވެ. އެވަގުތު އައިޝާ އޭނާ އަށް ކީސާ ފެނުނުއިރު ވެސް އޮތީ 50 ފައިސާފޮތި ކަމަށް ބުންޏެވެ. ގާޒީ ހަމަ އެސުވާލު އަލީ އާ ކުރުމުން އަލީވެސް އޭނާގެ ދަރިފުޅު ބުނި ގޮތަށް އޭނާގެ އަތަށް ކީސާ ލިބުނު އިރު އޮތީ 50 ފައިސާ ފޮތިކަމުގައި ބުންޏެވެ.
ގާޒީ އުސްމާނާ ސުވާލުކުރި އެވެ. "އުސްމާނު އަތުން ދަބަސް ގެއްލުނު އިރު ދަބަހުގައި އޮތީ ކިތައް ފައިސާފޮތި ހެއްޔެވެ. އުސްމާނު ވަރަށް ޖޯޝާއެކު ބުންޏެވެ. "އަޅުގަނޑު އަތުން ކީސާ ގެއްލުނުއިރު 75 ފައިސާފޮތި އޮންނާއެވެ. އެހެންނަމަވެސް މީނާ އެއިން 25 ފައިސާ ފޮތި ނެގީއެވެ". އުސްމާނު އޭނާގެ ޚާދިމަށް އިޝާރާތް ކޮށް ބުންޏެވެ. ގާޒީ އަނެއްކާވެސް އުސްމާނާ މުޚާތަބު ކޮށް ޔަގީނުންވެސް ދަބަސް ގެއްލުނު އިރު 75 ފައިސަފޮތި އޮންނާނެތޯ ސުވާލު ކުރިއެވެ. އުސްމާނު ޔަގީން ކަމާއެކު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ.
ގާޒީ ބުންޏެވެ. "ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ". އަދި ހުކުމް އިއްވަން ފެށިއެވެ.
"ދެ ފަރާތުގެ ބަޔާންތަކަށް ރިއާޔަތްކުރާއިރު ފާހަގަވާ ކަންތައްތަކަކީ، އުސްމާނުގެ އަތުން ގެއްލުނު ކީސާގައި 75 ފައިސާފޮތި އޮތްކަން. އުސްމާނުގެ ޚާދިމު، އަލީގެ ދަރިފުޅު އައިޝާ އަށް ފެނުނު ކީސާގައި އޮތީ 50 ފައިސާފޮތިކަން". "ދެންފަހެ މިދެންނެވި ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް މިމައްސަލައިގެ ހުކުމް އިއްވަމެވެ. އަލީގެ ދަރިފުޅު އައިޝާ އަށް ފެނުނު ކީސާއަކީ އުސްމާނުގެ ކީސާއެއް ނޫނެވެ. އެއީ ކޮންމެވެސް އެހެން ގޮތަކުން އަލީގެ ދަރިފުޅު އައިޝާއަށް ފެނުނު ކީސާއެކެވެ. އަލީ އާއި އޭނާގެ ދަރިފުޅު އައިޝާގެ ތެދުވެރިކަމާއި އަމާނާތްތެރިކަމަށް ޓަކައި އެ ކީސާ އަލީއަށާއި އަލީގެ ދަރިފުޅު އައިޝާއަށް މިލްކުކޮށްދީފީމެވެ".
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް