ހުޅުމާލޭގެ ރައްޔިތުން ބޭނުންވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހިދުމަތްތައް ދިނުމަށް ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވެފައިވާ އިރު، ހުޅުމާލެއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ރަޖިސްޓަރީކޮށްދީފައިވާ ބިމެކެވެ.

މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތުން ނަމަ، އެ ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ތަނެއް ބެލުމަކީ އެ ކައުންސިލެއްގެ ޒިންމާއެއް ކަމަށެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"ހުޅުމާލޭގައި ހިދުމަތް ދިނުމަކީ އަޅުގަނޑުމެންގެ މެންޑޭޓުގައި ހިމެނޭ ކަމެއް. މިއީ ވަރަށް ސާފު ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ގާނޫނުން ބަޔާން ކުރާ ބާރުވެރިކަން ކައުންސިލަށް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިންވެސް އެދިވަޑައިގެންފައިވާނެ ކަމަށާއި އުންމީދަކީ ލަސްތަކެއް ނުވެ ހުޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުވެގެން އައުން ކަމަށެވެ.

"ރައްޔިތުންގެ ހިޔާލުވެސް މިކަމުގައި ވަރަށް ސާފު. ހުޅުމާލޭގެ ރައްޔިތުންވެސް ބޭނުންވަނީ ގާނޫނުގައި ބަޔާންކުރާ ގޮތަށް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ހިދުމަތްތައް ދިނުމަށް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ނުކުރެވެންވީ ގާނޫނީ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.