ނ. އެއްދުއްފަރު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އެތަނާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އެދުނު ގޮތަށް ހައިކޯޓުން އަމުރެއް ނެރެއެއް ނުދިނެވެ.

މި މައްސަލައަކީ އެއްދުއްފަރު ހިއްކައިގެން ރިޒޯޓެއް ތަރައްގީކުރުމަށްޓަކައި ދިވެހި ދައުލަތާއި ހ. ހިރިފުށި/ ހާމިދު އިސްމާއީލާ ދެމެދު 11 އޮކްޓޯބަރު 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ އެންމެހާ ހައްގުތައް މިލޭނިއަމް ކެޕިޓަލްއަށް ބަދަލު ކޮށްފައި ވަނިކޮށް، އެ އެއްބަސްވުން ބާތިލުކޮށް 25 ޖުލައި 2016 ގައި ހާމިދަށް އެންގުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

އެގޮތުން ދައުލަތުން އެއްބަސްވުން ބާތިލު ކުރީ، އެއްދުއްފަރު ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި އެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކުރީ ޓޫރިޒަމް މިނިސްޓްރީގެ ނިންމުން ބާތިލުކަމަށެވެ. އަދި އެ އެއްބަސްވުމަކީ މިހާރުވެސް ވުޖޫދުގައި ދެމިއޮތް އޭގެ މައްޗަށް އަމަލުކުރަންޖެހޭ ސައްހަ އެއްބަސްވުމެއްކަމަށް ކަނޑައަޅައި، އެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އެ ހުކުމުގައި ޓޫރިޒަމް މިނިސްޓްރީއަށް އެންގިއެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެކަމާ ގުޅިގެން އެރަށް އެހެން ފަރާތަކަށް ކުއްޔަށްދީފި ނަމަ، މިލޭނިއަމް ކެޕިޓަލްއަށް ލިބިފައިވާ ހައްގުތަކާއި މަސްލަހަތަށް އަސަރުކުރާނެތީ އާއި ޓޫރިޒަމް މިނިސްޓްރީން އިސްތިއުނާފު ކޮށްފައިވާ މައްސަލައަށް ގޮތެއް ކަނޑައެޅުމުގައި ލަސްވެގެން ހިނގައްޖެނަމަ، އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް މިލޭނިއަމް ކެޕިޓަލަށް ލިބިގެންދާނެތީ، މައްސަލަ ބަލައި ހުކުމް ކުރަންދެން، އެއްދުއްފަރު އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށާއި އެތަނާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި މިލޭނިއަމް ކެޕިޓަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.

އެ މައްސަަލަ ބެލުމަށްފަހު ހައިކޯޓުން ބުނެފައި ވަނީ، އެއްދުއްފަރު ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ވުޖޫދުގައި އޮތް އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާކަން ސާފު ސަރީހަކޮށް ސިވިލް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ.

މިލޭނިއަމް ކެޕިޓަލްގެ ފަރާތުން ހިމާޔަތް ކޮށްދިނުމަށް އެދިފައިވާ މައުލޫއީ ހައްގުތަކަށް އެ ހުކުމުން ހިމާޔަތް ލިބިފައިވާ ކަމަށް ދެކޭ ކަމަށާއި މިލޭނިއަމް ކެޕިޓަލުން ހިމާޔަތް ކޮށްދިނުމަށް އެދިފައިވާ މައުލޫއީ ހައްގަކީ އެ ހުކުމުން ހިމާޔަތް ލިބިފައިވާ މައުލޫއީ ހައްގެއްކަމަށްވާތީ، އެ މައްސަލައިގައި ވަގުތީ އަމުރެއް މެދުވެރިކޮށް މިލޭނިއަމް ކެޕިޓަލަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުލޫއީ ހައްގެއް އޮތް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަގުތީ އަމުރެއް ނެރުމަކާ ނުލައި އާދައިގެ އިޖުރާއަތުން މި މައްސަލަ ހިންގުމުގެ ސަބަބުން މިލޭނިއަމް ކެޕިޓަލަށް އިއާދަ ނުކުރެވޭ ފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަކަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިލޭނިއަމް ކެޕިޓަލުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.