ވާހަކަ

ޖޫދް - 17

3

އަންބަރްގެ ހަރަކާތްތައް ހުރިގޮތުން ސުވާލުނުކޮށް އަލިޝްބާއަށް ނުހުރެވުނެވެ. އޭނާ އެތެރެއަށް ވަދެފައި މަޑުމަޑުން ދޮރުލައްޕާލިއެވެ. ތަންވަޅު ބަލާފައި އަތުގައި އޮތް ފޯނު އަންބަރް ކަނޑާލިއެވެ. ވީގޮތެއް ނުބުނެ ކަނޑައިލުމުން ވާރިޝް އަލުން ގުޅާނެކަން އިނގޭތީ އޭނާ ފޯނު ނިއްވާލާ ފިތަށް އޮބާލިއެވެ.

"ހާދަ ވަރަކަށް ސިހުނީ" އެނދުގައި އިށީންނަމުން އަލިޝްބާ ބުންޏެވެ. އަންބަރް ހީލިއެވެ. އަރިމަތީ ކަބަޑު މަތީގައި ފޯނު ބާއްވާފައި އޭނާ އައިސް އަލިޝްބާއާ ދާދި ގާތުން އިށީނެވެ.

"ސިއްރުކަމެއްތަ؟" އަލިޝްބާ ކުރީ ސަމާސާއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އަންބަރްގެ މޫނުމަތިން ފެނުނެވެ. ހީލުމަކުން މަންޒަރު ރީތިކޮށްލާފައި އަލިޝްބާގެ އަތުގައި ހިފައިލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލައިފިއެވެ.

"ރިކް ގުޅި ގަޑީގައި ދޮންތަ ތިއައީ. ސިހުނީ ކުއްލިއަކަށް ދޮރުހުޅުވާލީމަ" އަންބަރް ބުންޏެވެ.

"އޯލްރައިޓް. ކީއްކުރަން ދޮންތަ ކައިރީގައި އަންނަން ބުނީ. މިހާރު އިބާއަށްވެސް އެގެއަށް އާދެވޭނެއެއްނު ހަމަ" އަލިޝްބާ ބުންޏެވެ.

"އެއީ އޭނައާ ގުޅިގެން ވާހަކައެއް ދައްކަންވެގެން" އަންބަރް ބުންޏެވެ.

"އޭނަ އޭ. ޖޫދު ތަ؟" އަންބަރަށް ބަލައިލަމުން އަލިޝްބާ އެހިއެވެ. އަންބަރް ބޯޖަހައިލިއެވެ.

"އޭނައާ ބެހޭގޮތުން އަހަންވީ ދޮންތަ ކައިރީގައެއް ނޫނޭ. އޭނައާ ބެހޭގޮތުން އެންމެ ރަނގަޅަށް ބުނަން އިނގޭނީ އޭނައަށް. ދޮންތަ ދެންތަ ފޯނު ނަންބަރު" އަލިޝްބާ ބުންޏެވެ.

"ނޫން. ނުކެރޭނެ. އަމުދުން މިބުނަން އުޅޭ ކަހަލަ ވާހަކައެއް އޭނަ ކައިރީގައި އަހަން ނުކެރޭނެ" އަންބަރް ބުންޏެވެ.

"އެހެންވިއްޔާ ބުނެބަލަ" އަލިޝްބާ ބުންޏެވެ.

"އެއީ ރަނގަޅު މީހެކޭ ދޮންތަމެން ކައިރީގައި ބުނީ ކާކު؟" އަންބަރް އެހިއެވެ. އަޅުގަނޑު ކައިރީގައި މީހަކު ބުނި އެއީ ޕާޓޭއެކޭ" އަލިޝްބާއަށް ހެވުނެވެ. "އެއީ ދޮގެއް" އަލިޝްބާ ބުންޏެވެ.

"އެއީ ޖަވާހިރު ކޮޅެއް ކޮއްކޯ. އެ އާއިލާގައި ހުރި ހަމައެކަނި ފިރިހެން ކުއްޖާ. މުޅި އާއިލާގެ ޒިންމާދާރު ވެރިޔަކީ ޖޫދު. އެއީ ވަރަށް ރިޗް ބައެއް. މިކޮޅުގައި ދެފިހާރަވެސް ހުރޭ. އެގެއަކީވެސް އޭނަގެ ގެއެއް. އެހާ ދީންވެރި. އަތުގައި ފައިސާ ހުއްޓަސް ބޮޑާކަމާއި ކިބުރުވެރިކަމެއް އެމީހުންގެ ނުހުރޭ. ކައިވެނިކޮށްގެން ގޮސް އެގޭ ހުރިހާ ކަމަކާ ހަވާލުވާނީ ކޮއްކޮ" އަންބަރްގެ މޫނުގައި ދެއަތުން ފިރުމާލަމުން އަލިޝްބާ ވާހަކަދެއްކިއެވެ. ފޫހިވެފައި އިން މީހަކު ފަދައިން އަންބަރް އާފުރެން ފެށިއެވެ.

"އެމީހުން އަޅުގަނޑު މައްޗަށް ބާރު ނުހިންގާނެތަ؟" އަންބަރް އެހިއެވެ.

"ފިރިމީހާއަށް އަނބިމީހާގެ މައްޗަށް ހުރިހާ ބާރެއް އޮންނާނީ. އޭނައަށް އަމުރު ކުރެވޭނެ. އަދި ފިރިމީހާ ކުރާ އަމުރަށް ކިޔަމަންވުމަކީ އަނބިމީހާގެ މައްޗަށް ވާޖިބެއް. އެއާ ހިލާފުވެއްޖެނަމަ އަނބިމީހާ ފާފަވެރިވާނޭ ކަމެއް" އަލިޝްބާ ލޯތްބާއެކު ނަސޭހަތްތެރިވިއެވެ.

"ތިބުނީ އަޅުގަނޑު ބުރުގާވެސް އަޅުވާނެތަ އޭނަ؟" މައުސޫމު ގޮތަކަށް އަންބަރް އެހިއެވެ.

"ދޮންތަގެ ލޯބިވާ ކޮއްކޯ. އިސްތަށިގަނޑަކީ އަންހެނާގެ އައުރައެއް. މީހަކު ބުންޏަސް ނުބުންޏަސް އެއީ ފޮރުވަން ޖެހޭ އެއްޗެއް. އަންހެނާގެ ރީތިކަން ފާޅުކުރަން ޖެހޭނީ ހަމައެކަނި ފިރިމީހާ ކުރިމަތީގަ. އިމްޕްރެސް ކުރަންވީ ފިރިމީހާ" އަލިޝްބާ ކިޔަމުން ދިޔައެވެ.

"ވަރަށް ނިދިއައިއްސި" އަންބަރް ބުންޏެވެ. "ގުޑްނައިޓް ދޮންތާ" އާފުރިލަމުން ބަލީސް މަތީގައި ބޯއަޅައިިލިއެވެ. އަލިޝްބާއަށް ހެވުނެވެ. އެކަހަލަ ވާހަކަތަކާ އަންބަރް ގަޔާނުވާނޭކަން މާކުރިންވެސް އޭނާއަށް އިނގެއެވެ. އެހެންނަމަވެސް ކުޑަމިންވަރެއް ނަމަވެސް އަންބަރް އަޑުއެހީތީ އޭނާ އުފާކުރިއެވެ.

ޖެހިގެން އައި ދުވަހު މެންދުރުގެ ވަގުތެވެ. ސީނާ ޖޫދުގެ ބަޔަށް އެރިއިރު ގޭތެރޭގައި އުޅުނީ ނީލަމް އެކަންޏެވެ. ސްކޫލުން އައި ގޮތަށް ޖިޔާ އުޅުނީ ކޮޓަރީގައި ފެންވަރާށެވެ. ޒަހާ ހުރީ ނަމާދުކުރަން ކޮޓަރީގައެވެ. ނީލަމް އިނީ ސޯފާގައި ޓީވީ އިން ގެނެސްދެމުން ދިޔަ ދަރުހެއް ބަލާށެވެ. ގޭތެރެއަށް ސީނާ ވަދެގެން އައީ ތަނެއް ހިފަން އަންނަ ކަހަލަ ގޮތަކަށެވެ.

"ކޮބާ މިގޭ މީހުން؟" އޭނާ އެހިއެވެ. ހައިރާންވެފައި ނީލަމް ކޮޅަށް ތެދުވިއެވެ. ސީނާ އެއީ ކާކުކަން އޭނާއަށް ބުނެދިނީ އެއް ދުވަހު ޒަހާއެވެ. އެހެންކަމުން އޭނާ ސީނާއާ ބަދަލުކޮށްލީ ހިނިތުންވުމަކާއެކުއެވެ.

"ކޮޓަރީގަ ވީ. ޒަހާއްތަ ނަމާދުކުރަނީ" ނީލަމް ބުންޏެވެ. "ބޮޑުދައިތާ ދާންވާނީ މެންދުރު ކައިގެން އިނގޭ" ނީލަމް ބުންޏެވެ.

"ކީކޭ ބޮޑުދައިތަ އޭ. ކަލޭ އަހަރެންނަށް ބުނެދީބަލަ އަހަރެން ކަލޭގެ ބޮޑުދައިތައަށް ވި ގޮތެއް" ސީނާ ހަޅޭއްލަވައިގަތެވެ. ނީލަމް ލަދުގަތެވެ. އޭނާ އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. އިރުކޮޅަކުން ކޮޓަރިން ޒަހާ ގޮވާލި އަޑު އިވުނެވެ. ނަމާދުކޮށް ނިމިގެން އޭނާ ކޮޓަރިން ނުކުންނަންވީ ވަގުތު ޖެހުނީކަން ނީލަމްއަށް އެނގުނެވެ. އެހެންކަމުން އޭނާ ދިޔައީ ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރިން ނުކުތް ޒަހާއަށް ގޭތެރޭގައި ހުރި ސީނާ ފެނުމުން ހީލިއެވެ. ސީނާގެ މޫމުމަތީގައިވާ ރުޅިވެރިކަން ފެނުނު ހިނދު ޒަހާ ހިންދިރުވާލިއެވެ. ގެއަށް ނާންނަތާ އެތައް ދުވަހެއް ފަހުން އާއިރުވެސް ސީނާގެ ފުށުން ލޯތްބެއް ނުފެނުނެވެ.

"އެންމެފަހުން ކަލޭގެ ސޮރާ އިންނާނެ އަންހެނަކު ވެއްޖެ ދޯ" މަލާމާތުގެ ރާގެއްގައި ސީނާ ބުންޏެވެ.

"އަލްހަމްދިލިއްލާހް. ތިކަން ވަރަށް އަވަހަށް ވާނެ ﷲ އިރާދަކުރެއްވިއްޔާ" ހިނިތުންވުމަކާއެކު ޒަހާ ބުންޏެވެ.

"ހެހެހެ... ނަސީބެއް. އިނދެގެން އުޅުނިއްޔާ ވެދާނެ. ޔަގީނުންވެސް އެއްބަސްވި އަންހެނާ ހުރީ ލޮލަށް ވާ ގުއިލާފަހެން ހީވަނީ"

"ދައްތާ...، އަހަރެންގެ ދަރިފުޅާ މެދު ހެޔޮބަހެއް ނުބުނެވެންޏާ އަހަރެންނަށް ރަނގަޅީ ދައްތަ މިބަޔަށް ނުވަނިއްޔާ" ޒަހާ ބުންޏެވެ. "މަ އެބަ އުޅެންތަ މޮޔަވެގެން. އަހަރެންނަށް ތިކަން އެނގުނުކަން މިއަންގާލީ ކަލޭމެންނަށް. އަހަރެންނަށް ރަނގަޅީ ދުވަހަކު ރަނގަޅު ދިރިއުޅުމެއް ކަލޭނެންނަށް ނުލިބުނިއްޔާ" ސީނާ ބުންޏެވެ.

އޭނާގެ ދުލުން ބޭރުކުރަމުން ދިޔަ ވިހަގަދަ ބަސްތަކުން ޒަހާގެ ހިތަށް އެތައް ތަކުލީފެއް ދެމުން ދިޔައެވެ. ކިތަންމެ ހިތްވަރެއް ކޮށްގެން އިންނަމަވެސް ޒަހާގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ.

"ދައްތަ ތިހާވަރުގެ ނަފްރަތެއް ކުރަން ކޮބާ އަހަރެންގެ ދަރިންގެ ކުށަކީ؟ ކޮބާ އަހަރެންގެ ކުށަކީ؟ މީހަކުދެކެ ރުޅިއަޔަސް އަންނަން ވާނީ ސަބަބެއް އޮވެގެން ދޯ. ނިކަން ދައްތަ ބުނެދީބަލަ އަހަރެމެންގެ ތިންމައިންގެ ކުށެއް" ޒަހާއަށް ރޮވިއްޖެއެވެ.

ލަސްފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުމެގެން އައި ޖިޔާ ހުރީ ސީނާއަށް ދެލޯ އަޅައިގެންނެވެ. އެތަން ފެނުމާއެކު ސީނާ ނުކުންނަން ހިނގައިގަނެއްޖެއެވެ. އޭނާ ބިރުގަންނުވަން ޖިޔާ ކޮންމެފަދަ ވާހަކައެއްވެސް ދައްކާފާނެކަން މިހާރު އޭނާއަށް އިނގޭ ކަހަލައެވެ.

ބަނދަރާ ލޯންޗު ކައިރިކުރުމާއެކު އިސްކޮޅުން ދިގު ޒުވާނެއް ބަނދަރު މައްޗަށް ފުންމާލިއެވެ. ލޮލުގައި އޮތް އަވި އައިނު ރީތިކޮށްލަމުން އެ ޒުވާނާ ރަށު ތެރެއަށް ނަޒަރު ހިންގާލިއެވެ. ހެނދުނުގެ ވަގުތެއް ވިޔަސް ބަނދަރު ސަރަހައްދުގައި މީހުން މަދެއް ނޫނެވެ. އުމުރުން ދުވަސްވީ މީހުން ހޮޅުއަށީގައި ތިއްބެވެ. މެންދުރާ ގާތްވަމުންދާ ވަރަކަށް ރަށުތެރެއަށް ދިއްލާފައިވާ އަވީގެ އާވި ގަދަވަމުން ދިޔައެވެ. ޒުވާނާ ހިނގަމުން އައިސް މަޑުކޮށްލީ އެއްފަރާތުގައި ހުރި ގަހެއްގެ ހިޔަލުގައެވެ. ޖީބުގައި އޮތް ފޯނު ނަގާފައި އޭނާ ނަންބަރަކަށް ގުޅާލިއެވެ. މާގިނައިރު ނުވަނީސް ޒުވާނާ ކައިރިއަށް މަޑުކޮށްލީ ސައިކަލެކެވެ.

"ރަށަށް ވަދެވޭނީ ބާރަޖަހާލާހާ އިރަށޭ ބުނެފަ އޮތީ" ސައިކަލުގައި މަތީގައި އިން ޔޫނުސް ބުނެލިއެވެ. އަދި ޒުވާނާ އާ ސަލާމްކޮށްލިއެވެ.

"އާނ ކުރިން ބުނެފައި އޮތީ މިއަތޮޅުގެ ހުރިހާ ރަށްތަކަށް މީހުން ބާލާފައި މާލެދާން ބޭނުންވާ މީހުން އަރުވާފައޭ ދާނީ. އެކަމަކު ހަމަ ނައްޓާލިގޮތަށް މިރަށާ ގާތްކުރީ" ސައިކަލަށް އަރައި އިށީންނަމުން އައްމާރު ބުންޏެވެ.

އައްމާރަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިޔާ އަލީ ޝަމީމްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ކުއްލިއަކަށް ޝަމީމްގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން އޭނާގެ ވިޔަފާރީގެ ހުރިހާ ކަމަކާ ހަވާލުވީ އައްމާރެވެ. އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ޝަމީމްގެ އަމިއްލަ ގެސްޓްހައުސްތައް ހުންނައިރު އައްމާރުގެ މިފަހަރުގެ ދަތުރަކީވެސް އެރަށުގައި އަލަށް ހުވުމަށް ތައްޔާރުވަމުންދާ ގެސްޓްހައުސްގެ ކަންތައްތައް ގާތުން ބެލުމަށް ކުރި ދަތުރެކެވެ.

"ވިޔަފާރި ކިހިނެއް؟" ޔޫނުސް އެހިއެވެ.

"ވަރަށް ރަނގަޅު. މިކޮޅު ކަންތައްތައް ރަނގަޅުތަ؟ ފަތުރުވެރިން ވަރަށް ގިނަ ދޯ މިހާރު؟" އައްމާރު އެހިއެވެ.

"އާނ. މިރަށު ރައްޔިތުންނަށް ވުރެ ފަތުރުވެރިން މިހާރު ގިނަ" ޔޫނުސް ބުންޏެވެ.

އައްމާރު ހުންނަ ގޭގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އޭނާ ފައިބައިފިއެވެ. އަވި ދިއްލާލާފައި އޮތަސް އެގޭގެ ކުރިމައްޗަށް ހުންނަ ގޭގެ ދޮރުމަތި ކުނިކަހަން އަންހެނަކު އޮތެވެ. މަގުތަކުން ފެންނަނީ ސާފުތާހިރުކަމެވެ.

"މިރަށުގަ މި ހިސާބުގައި އެންމެ މަދު ގެތައް ހުންނާނީ. އަނެއްހެން ވަރަށް ހެޔޮވާނެ. އައްމާރު ހުންނާނީ މިގޭގަ. ކުރިމަތީގައި މިހުރި ގޭގައި އުޅޭ ސުމައްޔާއްތަ ކުނިކަހަން އެ އޮތީ. ވަރަށް ހެޔޮވާނެ. މި ހިސާބު އެންމެންވެސް ވަރަށް ގުޅޭނެ" ޔޫނުސް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އޭ އަހަރެން އެކަނިތަ މިގޭގައި ހުންނާނީ" ޔޫނުސް ސައިކަލަށް އަރަމުން ބުންޏެވެ. އޭނާ ސައިކަލު ދުއްވާލީ އެޕާޓްމަންޓްގެ ތަޅުދަނޑި އައްމާރުއާ ހަވާލުކޮށްފައިއެވެ.

"އާނ. އެއްކޮޓަރީގެ ތަނެކޭ. ހަންޑިއެއް ނޫޅޭނެ. އުޅުނަސް މިގަޑީގައި ނިދާފައި ކަންނޭނގެ އޮންނާނީ" މަޖާ ރާގެއްގައި ޔޫނުސް ބުންޏެވެ. "ފެންވަރާލައިގެން ގުޅާ. އަންނާނަން ކާން ބަލާ" އެހެން ބުނެފައި ޔޫނުސް ސައިކަލުގައި ނައްޓާލިއެވެ.

ބަލަހައްޓައިގެން ހުރި ސުމައްޔާއަށް ހިނިތުންވުމެއް ދީ އައްމާރު އެތެރެއަށް ވަނެވެ. ހިތްގައިމު އެޕާޓްމަންޓެކެވެ. ކުޑަޔަސް ދެމަފިރިއަކު އުޅެލަން ހަމަ އެއްވަނައިގެ ތަނެކެވެ. އެއް ކުލައަކުން ހުރިހާ ފަރުނީޗަރެއް ފެންނައިރު ތަފާތު ރީތި ގޮތެއް ހުއްޓެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުމަތީގައި ދަބަސް ބެހެއްޓިއެވެ. އެއަށްފަހު ދަބަސް ހުޅުވާލާފައި ނެގީ ފޮޓޯ ފްރޭމެކެވެ. އޭގައި އިން އަންހެންކުއްޖާގެ ތަސްވީރަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

"އަހަރެން ބުނީމެއްނު. އަހަރެން ދާ ކޮންމެ ތަނަކަށް ނިންނި އަންނާނޭ" ހީލަމުން ފޮޓޯގައިވާ ތަސްވީރާ އައްމާރު ވާހަކަ ދައްކާލިއެވެ. އަރިމަތީ ކަބަޑުމަތީގައި ފޮޓޯގަނޑު ބަހައްޓާފައި އޭނާ ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

ހަތަރު ދުވަސްފަހެވެ. ރަށުގައި ނަފްސާނީ ޑޮކްޓަރެއް ނުހުންނާތީ އަލިޝްބާ ނީލަމް ގޮވައިގެން ކައިރީގައި އޮތް ރަށަށް ދިޔައެވެ. ބޭސްފަރުވާގެ ކަންކަން ރަށުގައި އެންމެ ރަނގަޅަށް ގާއިމްވެފައި ނުހުންނާތީ ރަށުގެ ގިނަ ރައްޔިތުން އެއްރަށުން އަނެއް ރަށަށް އަބަދުވެސް ދަތުރުކުރެއެވެ. އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހައަކަށްޓަކައި ސަރުކާރުން އޮންނަނީ ލޯންޗު ހަމަޖައްސައިދީފައެވެ.

"ހާދަ ހޫނުގަދައޭ ދޯ. ހިނގާ އެއްޗެއް ބޯލަން މިތަނަށް ވަންނަން" ހިނގަމުން ގޮސް ވަކި ހިސާބަކުން ހުއްޓިފައި އަލިޝްބާ ބުންޏެވެ. ވަރުބަލިވެފައި ހުރިކަން އޭނާގެ މޫނު މައްޗަށް އެކަނި ބަލައިލިޔަސް ފާހަގަވެއެވެ. ހަމައެކަނި ދެލޯ ފެންނަން ހުރިއިރު އެހިސާބުން އުދާސް ތިކިތައް ފާޅުވަމުން ދިޔައެވެ.

"ނޫން. ވަރަށް އަގުބޮޑުވާނެ ކަންނޭނގެ. ފިހާރައަކުން ކުޑަ ފެންފުޅިއެއް ގަންނާނީ" ނީލަމް ބުންޏެވެ. މިހާރުވެސް އަލިޝްބާ އާއި ޒަހާ އޭނާއަށްޓަކައި ވަރަށް ގިނަ ހަރަދުތައް ކޮށްފިއެވެ. އެކަމަށް އޭނާ ވަނީ ދަރަނިވެރި ވެފައެވެ.

"އެއްކަލަ ނީލޫ. ބަލަން ފަށަނީ އަދި މެންދުރުފަހު. ލިބުނީ އެހާ ލަސް ނަންބަރެއް. ހިއެއްނުވޭ އަވަހަކަށް ނިމޭނެ ހެނެއް. އެހާއިރު ވަންދެން އެއްޗެއް ނުކައި ނުހުރެވޭނެ" އަލިޝްބާ ބުންޏެވެ.

ކެފޭ ތެރެއަށް ނީލަމް ވަނީ އަލިޝްބާ ވަރަށް ކިޔައިގެންނެވެ. އެހިސާބުން އަލިޝްބާ ނީލަމްއާ އިތުރު ސުވާލުތައް ކުރަން ފެށިއެވެ. ސަމާސާތަކާ އެކުގައެވެ. އޭނާގެ ބޭނުމަކީ ނީލަމް އާ ވާހަކަދައްކައިގެން އޭނާގެ ހިތުގައި ފޮރުވާފައިވާ ހުރިހާ އުދާސްތަކެއް ބޭރުކުރުމެވެ. ދެ ދުވަސް ވަންދެން އޭނާ އެކި ފޮތްތަކާއި ވެބްސައިޓްތައް ހާވައިގެން ވަރަށް ގިނަ މައުލޫމާތުތައް ހޯދިއެވެ. އެގޮތުން އޭނާ ބޭނުންވީ ނީލަމްއާ އެކުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރާށެވެ. ސުވާލުކުރާށެވެ. ގިނައިން ވާހަކަދައްކައިގެން ނީލަމްގެ އެކަނިވެރިކަން ފިލުވާށެވެ. އުޅެން އިނގިއްޖެ ނަމަ ދުނިޔެއަކީ ރީތި ތަނެއްކަން ނީލަމްއަށް އަންގައިދޭށެވެ.

"އޭނާގެ އެއްވެސް ފެމެލީ މީހެއް ނޫޅޭތަ؟" އަލިޝްބާ އެހިއެވެ. އޭރު ދެކުދިން އޯޑަރު ކުރި ބުއިން ގެނެސްދީފިއެވެ.

"ނޫން އުޅޭ. މާލޭގަ. އެގޭ މީހުން އެހާ ރަނގަޅެއް ނޫން. މާލޭ ބައެއް. އެކަމަކު އަހަރެން އެމީހުންނާ އެހާ ލައިކެއްނުވޭ" ނީލަމް ބުންޏެވެ.

"އެއީ؟ " އަލިޝްބާ އެހިއެވެ. "އެމީހުން އެއްވެސް އެހީތެރިކަމެއް ނުވެދޭތަ؟"

"އަހަރެމެން މެރީ ކުރިއިރު އެމީހުން އެހާ ގަބޫލެއް ނޫން. ކިރިޔާވެސް އަހަރެންނާ ވާހަކަ ދައްކާ މީހަކަށް ހުންނާނީ އޭނާގެ ކަޒިންއެއް" ނީލަމް ވާހަކަދެއްކިއެވެ.

"ދެން އޭނައަށް ގުޅިންތަ؟ ބުނިންތަ ނީލޫ ޕްރެގް ވާހަކަ" އަލިޝްބާ ބުންޏެވެ.

"ނުބުނަން. ކީއްކުރަން ބުނަނީ. އެއީ ބޭކާރު ކަމެއް" ނީލަމް ބުންޏެވެ. "އެހެންނޫނަސް އޭނަ ނިޔަތް ރަނގަޅު ނޫންކަން އަހަރެންނަށް އިނގޭ. އޭނަ އަހަރެންނާ ބާއްވަން ބޭނުންވަނީ އެހެން ގުޅުމެއް. އަހަރެން ކައިރީގައި ބުނަންވެސް ބުނި. އަހަރެން އޭނާ އާ ވާހަކަދެއްކުން ހުއްޓާލީ އެހެންވެ" ނީލަމް ވާހަކަދެއްކިއެވެ. "އަހަރެންގެ ފިރިމީހާއަށް އޮޅުވާލާ މަކަރުހަދަން ދުވަހަކުވެސް ނުވިސްނަން"

"ލިބާ، މިއީ މުޅިންވެސް ބޭކާރު ވާހަކަ" އިރުގަނޑެއްގެ ހިމޭންކަމަށްފަހު ނީލަމް ވާހަކަ ދެއްކިއެވެ. "ނީލަމް ކިޔާ އަންހެން ކުއްޖަކު އެމީހުންގެ ތެރޭގައި އުޅުނުކަމެއް އެމީހުން ނުދަނޭ. އެހެންނޫނަސް އަހަރެންގެ ދަރިފުޅު އަހަރެންގެ ލޮލަށް ނުފެނި ދިޔައީ. އަހަރެން ބަނޑުބޮޑުވި ވާހަކަ ބުނެފިއްޔާ އަހަރެން ބޮލުގައި ނުބައި ބަދުނާމެއްވެސް އަޅުވާފާނެ. ދަރިންނަށް ވުރެ ބޮޑަށް އެމީހުންނަށް މުހިންމީ ދުނިޔޭގެ އުފާވެރިކަން" ނީލަމް އަސަރާއެކު ވާހަކަދެއްކިއެވެ.

"ހިނގާ ދާން" އެވާހަކަތައް ފެށުމާ އެކު ނީލަމްގެ ބޮލުގައި ރިއްސަން ފަށައިފިއެވެ.

އަންބަރް ވާރިޝްއާ ބައްދަލުކުރީ ރޭގަނޑުގެ ވަގުތެއްގައި އެގެއާ ވަރަށް ދުރުގައި ހުރި ކެފޭއަކުންނެވެ. މީހުން ގިނަ ނަމަވެސް ރޭގަނޑުގެ ވަގުތަށްވާތީ ތަނަށް ވެރިވެފައި އޮތީ ފަނޑު އަލިކަމެކެވެ.

"ވާރު ފުރަނީ ކޮންއިރަކުން؟" އަންބަރް އެހިއެވެ. އެމީހުން ތިބި ދިމާ މަތީގައި ދިއްލާފައިވާ ރީނދޫ ކުލައިގެ ބޮކީގެ އަލިން އަންބަރްގެ މޫނު ފެންނަނީ އަޖައިބެއް ކަހަލަ ގޮތަކަށެވެ. ރީތިކަމުން ވާރިޝް އިނީ އެހެން ދިމާލަކަށް ބަލައިލަން ބޭނުންނުވެފައެވެ. އެހެންނަމަވެސް އެ ރީތިކަން މިހާރު އޭނާއަށް މުހިންމެއް ނޫނެވެ. އޭނާއަށް މުހިންމީ އަންބަރްގެ ފުށުން ލިބޭ ވަގުތީ އަރާމާ ލައްޒަތެވެ. އޭނާ ކޮށްލި ކޮންމެ އިޝާރާތަކަށް ކިޔަމަންވާން ތައްޔާރަށް ހުރި އަންހެންކުއްޖެކޭ ހިތަށް އެރުމާއެކު އޭނާގެ ތުންފަތަށް ވިހަ ހިނިތުވުމެއް ވެރިވެއްޖެއެވެ.

"އަހަރެން މިކޮޅުގައި މަޑުކުރާގޮތަށް ހަމަޖެހިއްޖެ" މޭޒުމަތީގައި އޮތް އަންބަރްގެ އަތުގައި ހިފައިލަމުން ވާރިޝް ބުންޏެވެ.

"ދެން؟ ދެން އެއްވެސް ޖޮބަކަށް ނުދަނީ؟ އަނެއްކާ ވާރު ތިއުޅެނީ އެއްކޮށް އަހަރެން އެ ބެއްޔާއަށް ދޭންތަ؟" އަންބަރް ބުންޏެވެ.

"އަހަރެންނަށް ވަރަށް ޝައްކު" އަންބަރްގެ ޖުމްލައިން ވާރިޝް ޖަހާލީ ބާރު ހިނިގަނޑެކެވެ. އަންބަރަށް އިނދެވުނީ ކަޅިޖަހައިވެސްނުލާ ވާރިޝްއަށް ބަލަހައްޓައިގެންނެވެ.

ވާރިޝްއާ މެދު ރަނގަޅަށް އަންބަރަށް ވިސްނައި ލެވުނީ ރޭގަނޑު ނިދަން އެރި ވަގުތުގައެވެ. ބައެއްގެ ދިރިއުޅުމުގެ ތެރެއަށް އޭނާ އަންބަރް އެވައްދަނީ ކީއްވެގެން ހެއްޔެވެ؟ ވާރިޝްގެ މަގުސަދަކީ ކޮބާ ހެއްޔެވެ؟ ވާރިޝްގެ އާއިލާ ކޮބާ ހެއްޔެވެ؟ އާއިލާގެ އެއްވެސް މީހަކު ނުދައްކަނީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައިވެސް ވާރިޝް އަންބަރްދެކެ ލޯބިވޭބާއެވެ؟ މިހުރިހާ ސުވާލުތަކެއް ވީ އަންބަރްގެ ހިތުގައެވެ. އޭނާ ހަނދާންވިއެވެ. އާއިލާއާ ބެހޭގޮތުން އެހުމުން ވާރިޝް ދިން ޖަވާބެވެ. އޭނާގެ އާއިލާ އެއްވެސް މީހަކާ ގުޅުމެއް ނެތް ކަމަށް ބުންޏެވެ. އަންބަރާ ކައިވެނިކޮށްގެން ފިލައިގެން ދިޔައީ އުފަން މައިމީހާއާ ވެސް ގުޅުން ކަނޑާލައިފައެވެ. އެވަގުތު އޭނާ އަތުތެރޭގައި އޮތް ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. ވާރިޝް ފޮނުވާލާފައި އޮތް ލޯބީގެ ބަސްތައް އޭނާ އެތައް ފަހަރަކު ކިޔައިފިއެވެ. އޭނާގެ ތުންފަތުގައި ކުޅެލީ ތަފާތު ހިނިތުންވުމެކެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ވާރިޝްއާ މެދު އޭނާގެ ހިތުގައި އުފެދުނު ޖަވާބު ނުލިބޭ ހުރިހާ ސުވާލުތަކެއް މަތިން އެއް ފަހަރާ ހަނދާން ނެތިއްޖެއެވެ.

ރަންކިޔުމުގެ ހަފުލާ ފެށިއްޖެއެވެ. ފޯމް ފުރަން ކޯޓުން ބަޔަކު ތިއްބެވެ. ހެކިވެރިންނަށް ޖޫދުގެ ފަރާތުން ތިބީ އައިމަން އަދި އޭނާ އެންމެ އިތުބާރުކުރާ ފިހާރައިގައި އުޅޭ މޫސައެވެ. އަންބަރް އިސްއުފުލާވެސް ނުލާ އޭނާގެ މަގާމުގައި އިނެވެ. އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ރަންކިޔާނެ އެއްޗަކާ މެދުގައެވެ. އޭނާގެ މައިންބަފައިން ވަނީ އޭނާ ރަން ކިޔާނެ އަދަދެއް ކަނޑައަޅަން އެނާއަށް ދޫކޮށްލާފައެވެ.

"ދަރިފުޅު، އިބާ،" އަންބަރް ސިހުނީ ހާތިމްގެ އަޑުންނެވެ. ރަނުގެ އަދަދު ބުނަންވީ ގަޑި ޖެހުނީކަން އޭނާއަށް އެނގުނެވެ. އިނގިލީގައި ދަތްއަޅާލައިގެން އިނދެފައި އޭނަ ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. ކައިރީގައި އިން އަލިޝްބާ ހީކުރީ ރަނަށް ކިޔާނެ އަދަދެއް އަންބަރް ވިސްނަނީ ކަމަށެވެ. އެހެންކަމުން އަންބަރާ ކައިރިވެލާފައި ރަން ކިޔާނެ ރަނގަޅު އަދަދެއް އަންބަރްގެ ކަންފަތް ދޮށުގައި އަލިޝްބާ ބުނެދިނެވެ. އެންމެންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޖޫދު ފިޔަވައެވެ. އަންބަރް ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ އިނީ ކަންބޮޑުވެފައިއެވެ. ހަނދު ފުޅިއަކަށް ލައިގެން ގެނެސްދޭށޭވެސް ބުނެފާނެއެވެ. އެއީ އެހާ މޮޔަ އަންހެން ކުއްޖެކެވެ.

ހުރިހާ މީހުންނަށް ހައިރާންކަމެއް ލިބުނީ އަންބަރް ދެފަރާތަށް ބޯހޫރާލުމުންނެވެ. އަލިޝްބާ ބުނި އަދަދު އޭނާއަށް ކަމަކު ނުދިޔައެވެ.

"އިބާ، އަވަސްކުރޭ. ފޯމުގަ ޖެހޭނެ ރަނުގެ އަދަދު ޖަހަން" ސުމައްޔާ ހަނދާންކޮށްދިނެވެ.

"އެންމެފަހުގެ ފޯނަކާ، ވެލްވެޓް މެޓް ލިޕްސްޓިކަކާ ޕިންކް ކުލައިގެ އެންމެ ބޮޑު ޓެޑީ ބެއާ އެއް" އަންބަރްގެ އެ ޖުމްލައާއެކު ތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ. ހޭން ނުހޭން އުޅޭ ކަހަލަ ގޮތަކަށް ޒަހާ ދެތުންފަތް ބައްދާލިއެވެ. ސުމައްޔާ އިސްއޮބާލައިގެން އިނެވެ. ޖޫދުވެސް އިނީ ދެލޯ ބޮޑުކޮށްގެން އަންބަރަށް ބަލާށެވެ. ކޯޓުން އައިސް ތިބި މީހުންވެސް ތިބީ ހެވިފައެވެ. ޙާތިމް ފަހަރަކު މީހެއްގެ މޫނަށް ބަލައިލާފައި ދެން ބަލައިލީ އަލިޝްބާއަށެވެ. އަންބަރްގެ އެ ޖުމްލައިން އޭނާއަށް ލަދުވެތިކަމެއް އިހުސާސްވެއްޖެއެވެ.

"އިބާ، ތިއީ މީހުން ރަންކިޔާ ކަހަލަ އެއްޗެހިތަ؟" އަންބަރާ ކައިރިވެލާފައި އަލިޝްބާ ބުންޏެވެ.

"ކީއްވީ؟ އެއީ އަޅުގަނޑު ބޭނުންވާ އެއްޗެހި. އެ އެއްޗިއްސަށް ރަން ނުކިޔެންވީ ކީއްވެތަ؟ ނޫންތަ މަންމާ؟" އަންބަރް ބުންޏެވެ.

"އެންމެ ރަނގަޅުވާނެ ހަމަ. ރަނަކީ ކައިވެނިވެވޭ އަންހެނާ ބޭނުން އެއްޗަކަށް ކިއިދާނެ އެއްޗެއް. އެއްވެސް މީހެއްގެ ނުފޫޒެއް އެއަށް އޮވެގެން ނުވާނެ" ކޯޓުން އައިސް އިން މީހަކު ބުންޏެވެ. އަންބަރްގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ކައިވެނީގެ ފޯމު ފުރިހަމަވެގެން ދިޔައެވެ.

(ނުނިމޭ)