އެމްޑީޕީ އޮފީހުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެމްޑީޕީގެ އޮފީހުގައި އިއްޔެ ހިންގި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި އިއްޔެ މެންދުރު 12:30 ހާއިރު ހިންގި މާރާމާރީގައިވަނީ އެ އޮފީހުގެ އިދާރީ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ މަންދީ ޒުބައިރަށް ހަމަލާދީ އޭނާގެ ބޯ ފަޅާލާފައެވެ. ލިބުނު ޒަހަމްތަކަށް މަންދީއަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު ރޭ ވަނީ ގެއަށް ދޫކޮށްލައިފައެވެ.

އެ މާރާމާރީގައި މަންދީގެ އިތުރުން، އެ އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ. އެ މާރާމާރީ ހިންގާފައިވަނީ އެ އޮފީހުގައި މަސައްކަތް ކުރާ މުހައްމަދު ޖަޒީލެވެ.

އެ ހަމަލާއާ ގުޅިގެން މަންދީ ރޭ ބުނީ، ހަމަލާދިން، ޖަޒީލް ޖަލަށް ލާން ބޭނުން ނުވާ ކަމަށާއި އެ ހަމަލާދިން މީހާއަށް ފަރުވާކުރުން މާ މުހިންމު ކަމަށެވެ.

މަންމައަށް ދިން ހަމަލާއާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެ ހަމަލާއަކީ ރާވާއިގެން ދިން ހަމާލާއެއް ނޫން ކަމަށާއި އެއީ އެވަގުތު އޮފީހުގައި ތިބި ގިނަ ބަޔަކަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ދިން ހަމަލާއެއް ނޫން ކަމަށާއި ހަމަލާ ދިން މީހާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުންޏެވެ.