އެސްޓީއޯ އިން 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނާ (އައިޓީއެފްސީ)އާއެކު މިއަދު ސޮއިކޮށްފި އެވެ.
އައިޓީއެފްސީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ކަމަށެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.
އެސްޓީއޯ އަށް ދޫކުރި ފައިނޭންސް ފެސިލިޓީ އަކީ ރާއްޖޭގެ އިގުތިސޯދު ދިރުވުމަށް ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އައިއެސްޑީބީން ބުންޏެވެ.
އެސްޓީއޯއިން މި ފެސިލިޓީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.