ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މަގާމުން ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) ބެލުމަށް ފަހު އެ މައްސަލައިގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
އެ މައްސަަލަ ބެލުމަށް މަޖިލިސް ރައީސް 241 ކޮމިޓީއަށް އެންގެވީ މިހާރު އަމަލު ކުރަމުން އަންނަ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ.
ފުލުހުންގެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ގާނޫނުގައި ބުނެފައި އޮންނަނީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކޮށް، ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެއީ މާޗް މަހުގެ ތެރޭގަ އެވެ.
އެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާ މެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތް ވުމަށް ޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައި ނެތް ހާލަތުގައި އަދި އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައި ނެތި، ވަކިވާ ކޮންމެ މީހަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށެވެ.
ފައިރޫޝް މަގާމުން ރިޓަޔާ ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ.
އެހެންކަމުން އޭނާ ރިޓަޔާ ކުރައްވާފައި ވަނީ އޭރު އަމަލު ކުރަމުންދިޔަ ފުލުހުންގެ ގާނޫނާއި އެ ގާނޫނުގެ ދަަށުން އެލުލަވާލާފައިވާ ފުލުހުން ރިޓަޔާ ކުރުމާބެހޭ ގަވާއިދާ އެއްގޮތުގެ މަތިންނެވެ.
އެ މައްސަލަ ކޮމެޓީގައި ކުރިއަށްދިޔައިރު، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަންތައްތައް އޮޅުންފިލުއްވައި ދެއްވައިފައެވެ.
މި މައްސަލަ ބެލުމަށްފަހު ކޮމެޓީން އެކުލަވައިލި ރިޕޯޓުގައި ފުލުހުން ހިދުމަތަށް ދެ ކަމެއް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.
އެއް ކަމަކީ، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތުހުމަތު ތަކަކީ އާއްމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ބޮޑެތި ތުހުމަތުތަކެއް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި އެފަދަ ތުހުމަތުތަކެއް ކޮށްފައިވާ ފަރާތެއް މަގާމުން ރިޓަޔާ ކުރުމަށް އެދުމުން އެފަދަ ފަރާތެއް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރުމުގައި އެ ތުހުމަތުތަކަށް ރިއާޔަތް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ރިއާޔަތް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ދެންނެވުމަށް ފެންނަ ކަމަށެވެ. ދެވަނަ ކަމަކީ ކުރިއަށް އޮތް ތަނުގައި މިބާވަތުގެ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށާއި، އެކަމުގައި އަމަލު ކުރެވޭނެ ގޮތް ހަރުދަނާ ކުރުމަށް ޓަކައި އަމަލު ކުރާނެ ގޮތުގައި އުސޫލެއް ނުވަތަ ގަވާއިދެއް ހަދަި އެ ގަވާއިދަށް އަމަލު ކުރަމުން ގެންދިއުމަށާއި، ގަވާއިދު ތައްޔާރުކޮށް ނިމުމުން އެކަން ކޮމިޓީއަށް ހުށަހެޅުމަށް ފުލުންގެ ހިދުމަތުގައި ދެންނެވުމަށް ނިންމާފައިވާ ނިންމުމެކެވެ.
ނަމަވެސް މައްސަލައަކީ ކޮބައިކަން ރިޕޯޓުން ފާހަގަ ވާކަށް ނެތެވެ.
ރިޕޯޓުގައި ހިމަނާފައިވާ، ކޮމެޓީ ނިންމުމުގައި ވަނީ، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. އަބުދުﷲ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާ ކޮށްފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު، މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ، ކޮމެޓީގެ ހޯދުންތަކުގެ މައްޗަށް ރިއާޔަތްކޮށް، ކޮމިޓީގެ ހުށަހެޅުން ތަކާއެކު މި ރިޕޯޓު ފާސް ކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމި ކަމަށެވެ.
އެހެންކަމުން މި މައްސަލަ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން ނިންމަވައި ދެއްވުމަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު