ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭ މިންވަރަށް ރާއްޖެގެ އެއްވެސް ރަށެއްގައި އަދި ވެކްސިން ނުޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް، ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭ މިންވަރަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އަދި ވެކްސިން ޑޯޒުތައް ފުރިހަމަ ނުވާ ކަމަށެވެ.
"އަޅުގަނޑުމެން 12- 18 އަހަރުގެ އުމުރުފުރަ އަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހަން މި ފެށީ އަދި އޯގަސްޓް މަހުގައި. މި އުމުރު ފުރައަށް އަދި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ނުފަށަން. މި އުމުރުފުރައަށް ދެވަނަ ޑޯޒު ޖަހައި 90 އިންސައްތަ ހަމަވުމުން އެ ގަވައިދަށް އަމަލު ކުރެވޭނީ." ތަސްލީމާ ވިދާޅުވިއެވެ.
ތަސްލީމާ އިތުރަށް ވިދާޅުވީ، 90 އިންސައްތަ މާނަ ކުރަނީ މުޅި ރަށުގެ އާބާދީގެ އިންސައްތައަށް ނޫން ކަމަށެވެ.
ދަތުރުކުރުމާ ގުޅިގެން ކަރަންޓީންވުމާއި އަދި ޕީސީއާރު ޓެސްޓު ހެދުމަށް ލުއިދިނުމުގެ ގަވައިދުގައި 12 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތައަށް ވެކްސިން ފުރިހަމަވުމާއި، ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތަ ވެކްސިން ފުރިހަމަވުމުގެ އިތުރުން، ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 އިންސައްތައަށް ވެކްސިން ފުރިހަމަވުން ޕީސީއާރް ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ ކަމަށް ކުރީން އޮތީ އިއުލާނު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު