ރިހިވެލި ރިސޯޓަށް ބަޔަކު އަރައި، ހަމަނުޖެހުން ހިންގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ، އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 4:00 ޖަހާކަންހާއިރު ކަމަށެވެ.

އަދި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށްޓަކައި އެ ރިސޯޓުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އަދި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ސޭވް ދަ ޑްރީމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު "ވަން" އަށް މިރޭ ވިދާޅުވީ ހަމަނުޖެހުން ހިންގާފައި ވަނީ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރިސޯޓަށް ދިޔަ ބަޔަކު ކަމަށާއި އެމީހުން ބިދޭސީއަކަށް ހަމަލާވެސް ދިން ކަމަށެވެ.

އަދި އެމީހުން ޑިމާންޑު ކުރަމުން އައީ ރިސޯޓުން މުވައްޒަފުން ތިން ގަޑިއިރު ތެރޭގައި ފޭބުމަށް ކަމަށް ބުންޏެވެ.

ރިހިވެލި ރިސޯޓަށް ބަޔަކު އަރާފައި މިވަނީ ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލުވެފައިވާތީ ސޭވް ދަ ޑްރީމަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށްވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓުގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމާފައި ވަނިކޮށެވެ.