ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި އޮންނާނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރައްވާ ރިޔާޒް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން މ. ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ޖުމްހޫރީ ޕާޓީން މިހާރު ކުރަމުން އަންނަނީ ޕާޓީ ވަރުގަދަ ކޮށް ފުޅާކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އަމާޒަކީ 2023ގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރުން ކަމުގައި ވިދާޅުވި އެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް ބޭނުންވާ ކަމެއް ނޫން އެއީ މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަކީ. އަޅުގަނޑުމެން އެކަން ކުރާނީ 2023 ގައި މި އޮންނަ އިންތިހާބުގައި ނުކުމެ ތަފާތު ބޮޑު ނަތީޖާއަކުން އެއިންތިހާބު ކާމިޔާބު ކުރުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އާދެވުނު ކޮންމެ ބަޔަކަށްވެސް ވެރިކަމަަށް އާދެވިފައި ވަނީ ޖުމްހޫރީ ޕާޓީގެ އެހީތެރިކަމާ އެކުގައި ކަމަށާއި އެއީ ދެބަސް ވެވެން ނެތް ހަގީގަތެއް ކަމަށެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ގެނެސް މިނިވަންކަމާއެކު ވޯޓު ލެވޭނެ ގޮތް ފަހިކޮށްދިނުމަށް ގާސިމް އިބްރާހިމް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ގާސިމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ރިޔާޒް ވަނީ ގާސިމް ރާއްޖޭގެ ރައީސްކަން ކުރާ ދުވަހު އެތައް ރައްޔިތުންނެއް އުފާވާނެ ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު