ހުޅުމާލޭ ދެވަނަ ފިޔަވައްސާ ގުޅިފައިވާ ފަރުކޮޅުފުށްޓަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށާއި އަދި ފަރުކޮޅުފުށި މިހާރު ނޯންނާނެ ކަމުގައި އެޗްޑީސީން ބުނެފިއެވެ.

"ވަން" އާ މިއަދު ވާހަކަ ދައްކަވަމުން އެޗްޑީސީގެ މީޑިއާ އޮފިސަރު އަލީ މަޝާރު ވިދާޅުވީ، ފަރުކޮޅުފުށި މިހާރު ބޭނުންކުރަމުން އަންނަނީ ކޮވިޑް ފެސިލިޓީގެ ހިދުމަތް ދިނުމަށް ކަމަށެވެ.

މަޝާރު އިތުރަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިން ހިއްކި އިރު ހިއްކާފައިވަނީ ފަރުކޮޅުފުށްޓާ އެކުގައި ކަމަށެވެ. އެހެން ކަމުން އެއީ މިހާރު ފަރުކޮޅުފުށި ނޫން ކަމަށާއި އަދި އެބިމަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ކަމަށެވެ.

"ކުރިން ފަރުކޮޅުފުށި އޮތް ތަނުގައި އޮންނަ އަޅުގަނޑުމެން އިވެންޓު ސްޕޭސްގެ ގޮތުގައި ބޭނުން ކުރި ތަން މިހާރު ބޭނުންކުރަނީ ކޮވިޑުގެ ބަލި މީހުން ބައިތިއްބާ ވަގުތީ ތަނެއްގެ ގޮތުގައި. އޭގެ އިތުރަށް ފަރުކޮޅުފުށި ހިމެނޭ ސަރަހައްދު އަދި ގްރީން ސަރަހައްދެއްގެ ގޮތުގައި އޮތީ. ޕްލޭނެއް އެބައޮތް. އެކަމަކު އަދި އިމްޕްލިމެންޓެއް ނުކުރޭ." މަޝާރު ވިދާޅުވިއެވެ.

އެޗްޑީސީން މިހެން ބުނެފައި މި ވަނީ، ފަރުކޮޅުފުށި ޕިކްނިކް އައިލެންޑަކަށް ހެދުމަކީ މާލޭ ސިޓީ ކައުންސިލަށް ފެންނަ ގޮތް ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ. އެހެން ނަމަވެސް އެއާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަރުކޮޅުފުށި ދަތުރުދާ ރަށަކަށް ހެދުމުގެ އެއްވެސް މަޝްވަރާއެއް ސިޓީ ކައުންސިލުން ސަރުކާރާ ކޮށްފައި ނުވާ ކަމަށެވެ.