ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

ހިތަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.

ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 52.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު 365 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ.