ހުޅުމާލޭ 147 ވަނަ ފުލެޓުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ދެ އާއިލާއަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭ އިން މިރޭ ބުނީ ހުޅުމާލެ 147 ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ދެ އާއިލާގެ 13 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިއަކު ބުނި ގޮތުގައި، އަލިފާން ރޯވީ އެ ފުލެޓުގެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. ނަމަވެސް ތިން ވަނަ ފަންގިފިލާއަށްވެސް އަލިފާނުގެ އަސަރު ކުރިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، އެ ހާދިސާގައި ފުލެޓުގެ ދެވަނަ ބުރީގެ ދެ އެޕާޓްމަންޓާއި ތިން ވަނަ ބުރީގެ ދެ އެޕާޓްމަންޓަށްވެސް އަލިފާނުގެ ސަބަބުން އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ދަނީ އަލިފާން ރޯވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.