ހެލްތް މިނިސްޓްރީގައި ސިނގެރޭޓް ބުއިމަށް ހާއްސަ ލައުންޖެއް ހަދާފައި ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ރޯޝަނީ ބިލްޑިންގުގެ ޓެރަހުގައި، ހިޔާކޮށް ހަދާފައިވާ އެތަނުގައި ބެންޗު ޖަހައި މޭޒެއް ބަހައްޓާފައި ހުރެ އެވެ. އަދި އެެއީ ހެލްތު މިނިސްޓްރީގެ އެކި ފަންތީގެ މުވައްޒަފުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައި ވާ ލައުންޖެއް ކަމަށް ބުނެ ތަނުގެ ފޮޓޯއާއެކު ވަނީ އާންމުވެފަ އެވެ.
މިކަމާ ގުޅިގެން "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިއީ އެ މިނިސްޓްރީން ހަދާފައިވާ ތަނެއް ނޫން ކަމަށެވެ. އަދި އެއީ އެ މިނިސްޓްރީގެ މުވައްޒަފުން އާންމު ކޮށް ގޮސް އުޅޭ ތަނެއްވެސް ނޫން ކަމަށެވެ.
އެހެން ނަމަވެސް ރޯޝަނީ ބިލްޑިންގައި އެކި މަސައްކަތް ކުރާ އެކި ފަރާތްތަކުން އެތަން ބޭނުން ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިއީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައިވީ ނަމަވެސް މިކަން އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އަދި ފިޔަވަޅު އަޅާން ޖެހިއްޖެ ނަމަ ގާނޫނުގެ ދަށުން ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އެ މިނިސްޓްރީއަށް އަމާޒުވެފަ އެވެ. އެގޮތުން ދުންފަތާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މިއީ ހެލްތު މިނިސްޓްރީގައި ދުވަހަކުވެސް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިތަން ވަގުތުން ނަގައި ފިޔަވަޅު އެޅުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ.
ފާޑު ކީ އެހެން މީހަކު ބުނެފައި ވަނީ ދުންފަތް ހުއްޓުވުމަށް ކުރާ މަސައްކަތާ ދެކޮޅަށް އެންމެ ފުރަތަމަވެސް ނިކުންނާނީ ހެލްތު މިނިސްޓްރީ ކަމަށް މީގެ ކުރިން އޭނާ އަށް ހީވެފައި ވާ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ އެންމެނަށް ނަމޫނާ ދައްކަން ވީ މިނިސްޓްރީއަކުން މިފަދަ އަމަލުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނުގެ ގޮތުގައި ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތައް ހިމެނެ އެވެ. އެފަދަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް