ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މަޖިލިސް މެންބަރުން ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެންފި އެވެ.

ހުސްވަގުތުކޮޅަށް ހެނދުނު 10:30 ގައި މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރައީސް އޮފީހަށް ވަޑައިގެންފަ އެވެ.

ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން މަޑުކޮށްލެއްވުމަށް ދަންނަވާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބޭރަށް ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު މަޖިލިސް މެންބަރުން ރައީސް އޮފީހަށް ވަޑައިގަތީ ރައީސް ސޯލިހުއާ ބައްދަލުކޮށް ހުށަހެޅުމެއް ހުށަހަޅުއްވަން ކަމަށެވެ. އެ ހުށަހެޅުމަކީ ރީތި ގޮތުގައި ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައީސް ސޯލިހުއާ އަދި ބައްދަލުވެފައި ނުވި ނަމަވެސް ރައީސްގެ ފަރާތުން އެހެން ބޭފުޅަކާ ބައްދަލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އެއަށް ފަހު އިދިކޮޅުގެ ހައެއްކަ މަޖިލިސް މެންބަރުންނާ އެކު ޝިޔާމް ވަނީ ރައީސް އޮފީހަށް ވަދެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރައްވައި ނިޒާމް ގެއްލުވާލުމަށް މަސައްކަތް ކުރާތީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ޖަލްސާއިން ބޭރު ވެސް ވަނީ ކޮށްފައެވެ. ޝިޔާމް ބޭރުކުރި ނަމަވެސް ދެން ތިއްބެވި އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކުރައްވައި އިހުތިޖާޖު ކުރިއަށް ގެންދަވާ އެވެ.

އިދިކޮޅު މެންބަރުން މިއަދު އިހުތިޖާޖު ފަށާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވި ބައެއް ގާޒީން ކަމަށް ބުނާ ބަޔަކު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. އިއްޔެ ލީކުކޮށްލާފައިވާ އެ އޯޑިއޯ ތަކުގައި ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބައެއް ގާޒީން ކަމަށް ބުނާ މީހުން ވަނީ އެ ހުކުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ. އަދި އެއީ މަޖުބޫރީ ހާލަތުގައި ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަކަށް ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.