އެމްޓީސީސީން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ސާފުކުރުމަށް ގުޅޭނެ ހޮޓްލައިން ނަންބަރެއް އެކުންފުނިން މިއަދު ތައާރަފުކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފުލާއެއްގައި ހޮޓްލައިން ނަންބަރު 1650 އިފުތިތާހު ކޮށްދެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން ބުނީ އެ ހޮޓްލައިން ތައާރަފު ކުރުމުގެ މަގުސަދަކީ އެ ކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ލުއިފަސޭހަކަން ގެނެސްދިނުން ކަމަށެވެ. އަދި ހޮޓްލައިންގެ ސަބަބުން އެކުންފުންޏަށް އަންނަ ސުވާލުތަކުގެ ޖަވާބު ވީހާވެސް ފަސޭހައިން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރަށް ހިދުމަތް ދޭ ގޮތަށް ތައާރަފު ކުރި ހޮޓްލައިން މެދުވެރިކޮށް އެމްޓީސީސީގެ ހުރިހާ ޑިވިޝަންތަކާ ގުޅުން ހުރި ސުވާލުތަކަށް ޖަވާބު ލިބޭނެއެވެ. ކޯލްތައް ނަގާނީ ކަސްޓަމަރުންނާށް ހިދުމަތް ދިނުމާ ގުޅޭ ހާއްސަ ތަމްރީން ހަދާފައިވާ މުވައްޒަފުންނެވެ. އަދި ކޯލެއް މިސްވެއްޖެނަމަ އެ ކަސްޓަމަރަކަށް ގުޅާނެއެވެ.
އެމްޓީސީސީން ބުނީ މިހާރުވެސް މަހެއްގެ މައްޗަށް އެކުންފުންޏަށް 2055 ކޯލް ލިބެމުންދާ ކަމަށެވެ. އަދި އެންމެ ގިނަ ކޯލުތައް އަންނަނީ އެމްޓީސީސީގެ ކަށަވަރު ފިހާރައިން ވިއްކާ ތަކެއްޗާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް ކަމަށް ބުންޏެވެ.