މާލެ އަތޮޅު ރަސްފަރީ ފަރަށް އަރާފައިވާ ބޮޑު އާގު ބޯޓު ފަރަށް އެރި މައްސަލަ ތަހުގީގުކޮށް ނުނިމެނީސް އެ ބޯޓު ފަރަށް އެރުމުގެ ޒިންމާ ކެޕްޓަނު ނަގަން ޖެހޭ ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ބޯޓުގެ ވެރިމީހާ ބުނެފި އެވެ.

އެ ބޯޓުގެ ކެޕްޓަން ބޯޓު ފަރަށް އެރިޔަ ނުދޭން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އުޅަނދު ފަރަށް އެރުމުގެ ކުރިން އުޅަނދުގެ އެއްވެސް މައްސަލައެއް ޖެހިފައިވާ ކަން ކޯސްޓަލް ސްޓޭޓަށް އަންގާފައި ނުވާ ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ. އަދި ކެޕްޓަންގެ ހައިިސިއްޔަތުން ނަގަން ޖެހޭ އެކްޝަންތައް ނަގާފައި ނުވާ ކަމާއި، ހާއްސަކޮށް ނަގިލި ލުމާއި އެހީއަށް އެދުން ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާ ކަންވެސް ފާހަގަކުރިއެވެ.

އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) ނަމަކަށް ކިޔާ އާގު ބޯޓުގެ ވެރިފަރާތް ތަމްސީލު ކުރާ ފަރާތުން ޕެޓް އެޑަމްސަން "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޯޓު ފަރަށް އެރި ހާދިސާ ތަހުގީގުކޮށް ނުނިމެނީސް ކެޕްޓަން ކުށްވެރި ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ކެޕްޓަން ނަގަން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމާނީ ބޯޓު ފަރަށް އެރި މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށްވެސް ވިދާޅުވި އެވެ.

އެޑަމްސަން ވިދާޅުވީ މިވަގުތު އެންމެ އިސްކަމެއް ދެނީ ބޯޓު ރައްކާތެރިކަމާއެކު ފުންކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމުމަށް ކަމަށެވެ. އަދި އެއަށްފަހު ބޯޓު ފަރަށް އެރި މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން ނުނިންމަން މިއީ ކެޕްޓަނުގެ މައްސަލައަކުން ހިނގި ހާދިސާއެއް ކަމަކަށް. ފުރަތަމަ އިސްކަން މި ދެނީ ބޯޓު ސަލާމަތުން ކާމިޔާބު ކަމާއެކު ފުންކުރެވޭތޯ. ދެން މި މައްސަލަ އަޅުގަނޑުމެން ތަހުގީގު ކުރާނީ. ތަހުގީގު ނުނިމެނީސް ކެޕްޓަން ކުށްވެރި ކުރުމަކީ ރަނގަޅު ކަމެއް ނޫން." އޭނާ ވިދާޅުވި އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި އަދިވެސް ބޯޓު ފުން ކުރުމުގެ މަސައްކަތެއް ނުފެށެ އެވެ. ނަމަވެސް ބޯޓުގައި ގިނަ އަދަދެއް ތެޔޮ ހުރުމުން އެތަކެތި ކަނޑަށް ނޭޅެނެހެން އެހެން އުޅަނދަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

އެޑަމްސަން ވިދާޅުވީ ބޯޓު ފުން ކުރުމަށް ބޭނުންވާ އާލާތްތަކާއި ޓަގު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ފުން ކުރަން ފަށާނެ ދުވަހެއް އޭނާ ވިދާޅެއް އެވެ.

މިމަހުގެ 19 ވަނަ ދުވަހު މި ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުންވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެޑަމްސަން ވިދާޅުވީ އީޕީއޭ އިން ނިންމާފައިވާ 100 މިލިއަން ރުފިޔާ ދެއްކުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އަދި އެކަމަށް މިވަގުތު ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށާއި އެންމެ ބޮޑަށް އިސްކަން ދެނީ ބޯޓު ފުން ކުރުމަށް ކަމަށެވެ.

އެޑަމްސަން ވިދާޅުވީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޯޓުގެ ވެރިފަރާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަސްފަރީ ފަރަކީ ހިމާޔަތް ކޮށްފައިވާ ފަރެކެވެ. އެ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުން އަންނަ އިރު، ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.